50 އަހަރުގެ ދުޝްމަން ކަމަށް ފަހު އެމެރިކާ އާއި ކިއުބާ ސުލްހަވެއްޖެ

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ) އާއި އެގައުމާ އަވަށްޓެރި ކިއުބާއާ ދެމެދު އޮތް ބައި ގަރުނުވީ ދުޝްމަންކަން ނިމުމަކަށް ގެނެސް ދެގައުމު ސުލްހަވެއްޖެ އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން މިއަދު ބުނީ ދެގައުމު ސުލްހަވިކަން އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި އެގައުމުގެ ރައީސް ބަރަކު އޮބާމާ ރޭ އިއުލާން ކުރެއްވުމުން ކިއުބާގެ ރައީސް ރައުލް ކާސްޓްރޯ އެގައުމުގެ ވެރިރަށް ހަވާނާގައި ވެސް އެކަން އިއުލާން ކުރެއްވި ކަމަށެވެ. އަދި ބުނީ އެއަށް ފަހު ދެ ގައުމުން ހައްޔަރުކޮށްފައި ތިބި ޖާސޫސޫން މިނިވަންކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. މިނިވަން ކުރި މީހުންގެ ތެރޭގައި އެމެރިކާ ސަރުކާރުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ކިއުބާ އަށް ގޮސް އުޅެނިކޮށް މީގެ ފަސް އަހަރު ކުރިން އެގައުމުން ހައްޔަރުކުރި އެލަން ގްރޮސް ހިމެނެ އެވެ.

އެމެރިކާ އާއި ކިއުބާ އެއްގަލަކަށް އެރީ ދެގައުމުގެ ސަރުކާރުން 18 މަސް ދުވަސް ވަންދެން ސިއްރުން ވާހަކަތައް ދައްކައިގެންނެވެ. އަދި އެކަމުގައި ނަސޯރާއިންގެ އެންމެ އިސް ފާދިރީ ޕޯޕް ފްރެންސިސް ވެސް ދައުރެއް އަދާކުރި ކަމަށް އޭޕީ ބުންޏެވެ.

ކިއުބާއާ އެކު އަލުން ގުޅުން ގާއިމްކުރުމަށް ފަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައި ވަނީ 50 އަހަރު ވަންދެން (ކިއުބާ) އެކަހެރި ކުރުމުން އެއްވެސް ކަމެއް ހައްލުވެފައި ނުވާ ކަމަށެވެ. އެހެންވީމާ އެހެން ގޮތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އޮބާމާއި ރައުލް ކާސްޓްރޯ އިއްޔެ ވަނީ ގަޑިއެއް ހާއިރު ވަންދެން ފޯނުން ވެސް ވާހަކަ ދައްކަވާފަ އެވެ. މިއީ 1959 ވަނަ އަހަރު ކިއުބާގައި ގެނައި އިންގިލާބަށް ފަހު އެދެ ގައުމުގެ ވެރިން ފޯނުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. އޭޕީ ބުނީ އަންނަ އަހަރުގެ ބަހާރު މޫސުމުގައި ބާއްވާ ޕެނަމާ ސަމިޓްގައި އެދެބޭފުޅުން ބައްދަލު ކުރައްވާނެ ކަމަށެވެ.

ކިއުބާގެ އިންގިލާބަށް ފަހު އެމެރިކާ އިން ވަނީ އެގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. އެފިޔަވަޅުތައް ނައްތައި ލައްވާނެ ކަމަށް އޮބާމާ ވިދާޅުވިޔަސް އެކަން ކުރެއްވޭނެ ކަމަކަށް ނުބެލެވެ އެވެ. އެއީ އަންނަ ޖެނުއަރީ މަހު އެމެރިކާ ޕާލަމެންޓްރީގެ ސާފު މެޖޯރިޓީ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ލިބޭތީ އެވެ. ކިއުބާއާ އެކު ގުޅުން ގާއިމް ކުރުމަށް ނުރުހޭކަން ރިޕަބްލިކަން ޕާޓީން ވަނީ ފާޅުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު