އެންމެ މޮޅު ދަރުމަވެރިއަކަށް އިބްރާހިމް ރަޝީދު ހޮވައިފި

ގައުމީ ފެންވަރެއްގައި އިންސާނިއްޔަތަށް ހިދުމަތްކޮށްދީގެން ދިވެހި ރެޑް ކްރެސެންޓުންދޭ އެންމެ މޮޅު ދަރުމަވެރިޔާގެ އެވޯޑް، އެ ޖަމާއަތަށް ހިލޭ ސާބަހަށް މަސައްކަތް ކޮށްދެމުން އަންނަ ނ. މަގޫދޫ، ސާމިޔާނާ، އިބްރާހިމް ރަޝީދު (ކޮފީ)،28، ހޮވައިފި އެވެ.

ބައިނަލްއަގުވާމީ ވޮލަންޓިއަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އޭނާއާ އެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

އިބްރާހިމް ރަޝީދުގެ އިތުރުން ގައުމީ ފެންވަރެއްގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ވޮލަންޓިއާކޮށް ކޮށްދީގެން ހަތަރު ބޭފުޅަކަށް ވަނީ އެ އެ ވޯޑްދީފަ އެވެ. އިބްރާހިމް ރަޝީދަށް މި އަހަރުގެ އެންމެ މޮޅު ދަރުމަވެރިޔާގެ އެވޯޑް ލިބުނީ އެ ހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވަގުތު ވޮލަންޓިއާކޮށް ހިދުމަތްކޮށްދީފައި ވާތީ އެވެ. އޭނާ ވަނީ އިންސާނިއްޔަތަށާއި ހިލޭސާބަހަށް 820.14 ގަޑިއިރު ވޮލަންޓިއާކޮށް މަސައްކަތްކޮށްދީފަ އެވެ.

އިބްރާހިމް ރަޝީދު ބުނީ ރެޑް ކްރެސެންޓާ ގުޅުނީ ވޮލަންޓިއާކޮށް އެ ޖަމާއަތަށް މަސައްކަތް ކޮށްދިނުމުގެ ފުރުސަތު ލިބޭތޯ ހުއްޓައި ފޭސްބުކް މެދުވެރިކޮށް ލިބުނު ފުރުސަތަކާ ގުޅިގެން ކަމަށެވެ.

"ވޮލަންޓިއާކޮށް މަސައްކަތް ކުރަން ބޭނުންވަނީ މުޖުތަމައުގެ ތެރޭގައި ބަޔަކަށް ކަމެއް ކޮށްދިނުމުގެ ބޭނުމުގައި، އަމިއްލަ ލައިފަށް ވެސް ވަރަށް ބޮޑު ޗޭންޖެއް އައި، މީހާއަކީ މުޖުތަމައު ބަލައިގެންނަ މީހެއް ކަމުގައިވި،" ކޮފީ ބުންޏެވެ.

އެ ރަސްމިއްޔާތުގައި ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުންދޭ "ސްޕެޝަލް ރިކޮގްނިޝަން" އެވޯޑް ތިން ފަރާތަަކަށް ވަނީ ހަވާލުކޮށްދީފަ އެވެ. އެގޮތުން ދިވެހި ދަރުމަވެރިންގެ ތެރެއިން 25 އަހަރުން ދަށުގެ ދަރުމަވެރިންގެ ތެރެއިން އެންމެ ގިނަ ވަގުތު ވޮލަންޓިއާކޮށް ހިދުމަތްކޮށްދިން ފަރާތްކަށްދޭ އެވޯޑް ލިބިފައި ވަނީ އަހުމަދު ހުމެއިދަށެވެ.

ދެވަނަ އަށް އެ އެވޯޑް ހާސިލްކޮށްފައި ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ކުއްލި ހާލަތްތަކުގައި އިޖާބަދިނުމަށް ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ފުރަތަމަ ފަހަރު ފޮނުވި ދަރުމަވެރިޔާ އަށްދޭ އެވޯޑް ހާސިލްކުރި މޫސާ ޝިފާޒަށެވެ. އޭނާ ވަނީ ސަރަހައްދީ ފެންވަރުގައި ދިމާވާ ކުއްލި ހާލަތްތަކުގައި އިޖާބަދިނުމާ ބެހޭ ތަމްރީންތައް ފުރިހަމަކޮށް، މިދިޔަ އަހަރު ފިލިޕީންސް އަށް އައި ތޫފާނުގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއްކޮށްދީފަ އެވެ.

ތިން ވަނަ އަށް އެ އެވޯޑް ލިބިފައި ވަނީ ފަލަސްތީން ރިލީޒް ފަންޑަށް ފައިސާ ހޯދުމަށް ދިވެހި ރެޑް ކްރެސެންޓުން ކުރިއަށް ގެން ދިޔަ ހަރަކާތްތަކުގައި ބޮޑު ތަރުހީބެއް އެ ޖަމާއަތަށް ދީފައިވާ ދިވެހި ބޮޑު ބެރު ގްރޫޕްތަކަށެވެ.

މީގެ އިތުރުން އިންސާނިއްޔަތަށް ވޮލަންޓިއާކޮށް ހިދުމަތްކޮށްދީފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ގޮފިތަކުގެ ތެރެއިން އެންމެ ގިނަ ވަގުތު ހޭދަކޮށްފައިވާ ހަ ދަރުމަވެރިއަކަށް ވެސް ވަނީ ހަދާނީ ފިލާ ދީފަ އެވެ.

އެ ރަސްމިއްޔާތުގައި އެމްއާރުސީގެ ލަވަ ވެސް ވަނީ ލޯންޗްކޮށްފަ އެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ރައްޒާގު ވިދާޅުވީ 2009 ވަނަ އަަހަރު އެ ޖަމާއަތް އުފެދުނީއްސުރެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހާ ހަމައަށް 33،778 ގަޑިއިރު ދިވެހި ދަރުމަވެރިން ރެޑް ކްރެސެންޓަށް ހިދުމަތްކޮށްދީފައިވާ ކަމަށެވެ. އަދި ދިވެހި ދަރުމަވެރިންކަން ކުރިއެރުވުމަށާއި ދަރުމަވެރިންނަށް ހިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ ވެއްޓެއް ގާއިމްކޮށްދިނުމާއި އެ ފަރާތްތަކުގެ ހިދުމަތުގެ އަގު ވަޒަންކުރެވޭނެ ގޮތެއް ހޯދައިދެއްވުމަށް އޭނާ ވަނީ ސަރުކާރަށް އިލްތިމާސްކުރައްވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު