ތާލިބާނުން ހިންގާ ޓެރަރިޒަމްގެ އަމަލުތައް މުލުން ލުހެލާނަން: ޕާކިސްތާނުގެ ބޮޑުވަޒީރު

ޕިޝާވަރު (ޑިސެމްބަރު18): ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ ތާލިބާން ޖަމާއަތުން ހިންގަމުންދާ ޓެރަރިޒަމްގެ އަމަލުތައް މުލުން ލުހެލައްވާނެ ކަމަށް އެގައުމުގެ ބޮޑު ވަޒީރު މުހައްމަދު ނަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ ޖަމާއަތްތަކުގެ ލީޑަރުންނާ ޕިޝާވަރުގައި ބައްދަލުކުރައްވައި ޝަރީފް ވިދާޅުވީ ތާލިބާނުންގެ ތެރޭގައި ހިމެނޭ ކަމަށް ބެލެވުނު ރަނޅު މީހުންނާއި ނުބައި މީހުންނާ ދެމެދުގައި ވެސް އެއްވެސް ތަފާތެއް ނެތްކަން ޕިޝާވަރުގެ ސްކޫލްގައި އެޖަމާއަތުން ހިންގި ގަތްލުއާންމުގައި ހާމަވެގެން ހިނގައްޖެ ކަމުގަ އެވެ.
ޕިޝާވަރުގައި ޕާކިސްތާން ސިފައިން ހިންގާ ސްކޫލަކަށް ތާލިބާނުން މިދިޔަ އަންގާރަ ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކުގައި 141 މީހުން މަރާލާފައިވާ އިރު މީގެތެރޭގައި 132 ދަރިވަރުންވެސް ހިމެނެ އެވެ. އެސްކޫލަށް ޙަމަލާދީ 132 ދަރިވަރުންނާއި މުދައްރިސުންނާއި އިދާރީ މުވައްޒަފުން ހިމެނޭގޮތަށް 9 މީހުން މަރާލައި ހިންގި ގަތުލުއާންމުގައި ތާލިބާނުގެ 6 ހަނގުރާމަވެރިއަކުވަނީ އެއްވެސް ރަހުމެއްނެތި އަދި އިންސާނިއްޔަތު ކަމެއްނެތި ކުށެއްނެތް ސްކޫލް ކުދިންނާއި މުދައްރިސުންނާއި އިދާރީމީހުންގެ ބޮލަށާއި މެއަށް ބަޑިޖަހައި އެސްކޫލްގެ ކްލާސްރޫމްތައް ލޭގެ ކޯރުތަކަކަށް ހަދާލާފަ އެވެ.
އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުން ވެސް ވަނީ ޕާކިސްތާނުގެ ތާލިބާނުން ޕިޝާވަރު ސްކޫލްގެ ދަރިވަރުންނާ ދެކޮޅަށް ހިންގި ގަތްލުއާންމު ކުށްވެރިކޮށް ޕާކިސްތާން ތާލިބާނުންގެ ތެރޭގައި ހިމެނޭ މިޖަރީމާގެ ފަހަތުގައިވާ ފަރާތްތަކުގެ މައްޗަށް އިސްލާމީ ޝަރީއަތް ހިންގުމަށް ގޮވާލާފަ އެވެ. އަދި މި ގަތްލުއާންމަކީ އިސްލާން ދީނުގެ ޙުދޫދުން ބޭރުވުން ކަމަށްވެސް އަފްޣާނިސްތާނުގެ ތާލިބާނުން ބުނެފައިވެ އެވެ.

ޕާކިސްތާނުގެ އިސްލާމީ ދަންނަބޭކަލުންގެ ޖަމްއިއްޔާ އިން ވެސްވަނީ ތާލިބާނުންނަކީ އިސްލާމީ ދީނުގެ ޙުދޫދުތަކާއި އިސްލާމީ ޝަރީޢަތުގެ މާތް އުސޫލުތަކުން މުޅިން ބޭރުވެ އިސްލާމް ދީނާ އަދި ޕާކިސްތާނުގެ ދައުލަތާ އަދި ރައްޔިތުންނާ ދެކޮޅަށް މަސައްކަތްކުރާ ޓެރަރިސްޓުންގެ ބައިގަނޑެއްކަމަށް ސިފަކޮށްފަ އެވެ. އަދި ތާލިބާނުން ހިންގާފައި މިވަނީ އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ބާވަތުގެ ގަތްލުއާންމެއް ކަމަށް ޕާކިސްތާނުގެ ބައެއް ދީނީ އިލްމުވެރިން ސިފަކުރައްވާފައިވެ އެވެ.

ތާލިބާން ޖަމާއަތް ވުޖޫދަށް އައިސްފައި ވަނީ 1994 ވަނަ އަހަރު އަފްޣާނިސްތާނުގަ އެވެ. އެއަށް ފަހު ޕާކިސްތާން ތާލިބާނުންގެ ނަމުގައި ވަކި ޖަމާއަތެއް ވުޖޫދަށް އައިސްފައި ވަނީ 2007 ވަނަ އަހަރުގަ އެވެ. ތާލިބާން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ސައޫދީ ސަރުކާރުންދޭ ހިލޭއެހީގެ ދަށުން ޕާކިސްތާނުގައި ހިންގަމުން ގެންދިޔަ ދިނީ ސްކޫލްތަކުގައި ކިޔެވި ދަރިވަރުން ގެ ތެރެއިން އާދަޔާ ޚިލާފު ހަރުކަށި ވިސްނުން ގެންގުޅުނު ދަރިވަރުން ކަމަށްވެ އެވެ. ތާލިބާން ޖަމާއަތް ވުޖޫދަށް އައީ ޕާކިސްތާނާއި އަފްޣާނިސްތާނުގައި އިސްލާމީ ޝަރީއަތް ގާއިމް ކުރުމުގެ ނަމުގައި ކަމަށްވިޔަސް މިޖަމާއަތުގެ ލީޑަރުންނާއި ހަނގުރާމަވެރިންވަނީ އިސްލާމް ދީނުގެ މަތިވެރި އަދި މާތް އުސޫލުތަކުން ބޭރުވެ އިސްލާމީ ދީނުގައި މުޅިން ހަރާމް ކުރައްވާފައިވާ ބޮޑެތި ޖަރީމާތަކަށް ފާޅުގައި އަރައިގަންނަ ބަޔަކަށް ބަދަލުވެގެން ގޮސްފަ އެވެ.

ތާލިބާނުން ހިންގާ ޖަރީމާތަކުގެ ތެރޭގައި އިސްލާމީ ޝަރީއަތާ ޚިލާފަށް އާންމުތަންތަނުގައި ބޮންގޮއްވައިގެން މީހުން މަރައި ހައްގުން ބޭރުގައި މީހުންގެ ފުރާނައަށް އަރައިގަތުމާއި މަގުފޭރުމާއި އަންހެނުންނަށް އިހާނާތްތެރިކޮށްހިތުމާއި ޕާކިސްތާނުގެ ދައުލަތާ ދެކޮޅަށް ފާޅުގައި ބަޣާވާތް ކުރުން ފަދަ ބޮޑެތި ކުށްތައް ހިމެނެ އެވެ.

2007 ވަނަ އަހަރުން ފެށިގެން ތާލިބާނުން ޕާކިސްތާން ސިފައިންނަށާއި ދައުލަތުގެ މުއައްސަސާތަކަށް އިސްވެ ޙަމަލާތައް ދޭންފެށުމާ ގުޅިގެން ޕާކިސްތާން ސިފައިން 2008 ވަނަ އަހަރު އެޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފަ އެވެ. އަދި އެމެރިކާ ގެންދަނީ 2001 ވަނަ އަހަރު އަފްޣާނިސްތާނަށް ގަދަބާރުންއަރައި ތާލިބާނުންގެ ސަރުކާރު ވައްޓާލުމަށް ފަހު ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި 2003 ވަނަ އަހަރުން ފެށިގެން އަފްޣާން ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ އިތުރުން ޕާކިސްތާނުގެ ވަޒީރުސްތާނުގައިވާ ޕާކިސްތާން ތާލިބާނުންގެ އަމާޒުތަކަށްވެސް ޙަމަލާތައް ދެމުންނެވެ.
އެމެރިކާގެ ޙަމަލާތަކުގައި ވެސް ކުށެއްނެތް އާންމުންނާ ކުޑަކުދިން ގިނައަދަދަކަށް މަރުވަމުންދާތީ އެމެރިކާއާއި ތާލިބާނުންނަކީ ވެސް ކުށެއްނެތް މީހުން މަރަމުންގެންދާ ދެފަރާތް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ސިފަކުރެ އެވެ. ދާދިފަހުން ޕާކިސްތާން ސިފައިން ވަޒީރުސްތާނުގައި ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި ތާލިބާނުންގެ އެތަށް ސަތޭކަ ބަޔަކު މަރާލާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ޕިޝާވަރުގެ ސްކޫލް ކުދިންނާ ދެކޮޅަށް ގަތްލުއާންމު ހިންގީ ޕާކިސްތާން ސިފައިން ގެ ޙަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ތާލިބާނުންވަނީ ބުނެފަ އެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު