ދޯންޏަކާއި ކޮޅުވެއްޓިއެއް ޖެހި މީހަކަށް އަނިޔާވެއްޖެ

މަސްދޯންޏަކާއި ކޮޅުވެއްޓިއެއް ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނީ މާލެ އަތޮޅު ރަންނާޅި ކައިރީގައި ހިނގި އެ ހާދިސާގައި ދޯންޏަށް ބޮޑެތި ގެއްލުންތައް ލިބި ފެތެމުން ދަނިކޮށް ސަލާމަތްކޮށްފައިވާ ކަމަށެވެ. ރޭ މެންދަމުން އަލިވެ 3.55 އެހާކަށް ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވީ މީހާ ފުލުހުންގެ ލޯންޗެއްގައި މާލެ ގެނެސް މިހާރު ވަނީ ފަރުވާދޭން ފަށައިފަ އެވެ.
އެކްސިޑެންޓްގައި ގެއްލުން ލިބުނު ދޯނި. ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ބުނީ ރ. އަތޮޅުގައި ދުއްވާ "ހެދޭކުރި" ނަމަކަށް ކިޔާ އެދޯނީގައި 13 މީހުން ތިބި ކަމަށާއި ދޯނި ސަލާމަތް ކުރުމަށް މަސައްކަތް ކުރީ އެމީހުން ކޮޅުވެއްޓިއަށް ނެގުމަށް ފަހު ކަމަށެވެ. ދޯނީގައި ޖެހުނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ލީމާ ނަމަކަށް ކިޔާ ކޮޅުވެއްޓިއެކެވެ.

ހާދިސާގައި ދޯންޏަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ދޯނީގެ ގެގަނޑު އެކުގައި ވެއްޓުން ހިމެނެ އެވެ. ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑަށް ވެއްޓުނު އެ ގެގަނޑު ވެސް ނަގާފަ އެވެ.

ހާދިސާ ހިނގަން މެދުވެރި ސަބަބު ހޯދުމަށް ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގި އިރު ކޮޅުވެއްޓީގެ ކެޕްޓަން އޮތީ ނިދާފައި ކަމަށާއި އެ ވަގުތު ކޮޅުވެއްޓި ދުއްވަން އިނީ ލައިސަންސް ނެތް މީހެއް ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ކޮޅުވެއްޓީގެ ކެޕްޓަންގެ ލައިސަންސް ވަނީ ހިފަހައްޓައިފައި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު