އަނިޔާ ހުއްޓުވުމަށް ދަރުމަވެރިން ނުކުތުމަށް ރައީސް އެދިވަޑައިގެންފި

ރާއްޖޭގައި އަންހެނުންނަށާއި ޒުވާނުންނަށް ކުރަމުން ގެންދާ ޒިސްމާނީ އަނިޔާތައް ހުއްޓުވުމަށް ވޮލަންޓިއަރުން ނުކުމެ މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެދިވަޑައިގެންފި އެވެ.

ބައިނަލް އަގުވާމީ ވޮލަންޓިއަރުންގެ ދުވަހާ ގުޅިގެން ދިވެހި ރެޑް ކްރެސެންޓުން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަންހެނުންނަށާއި އަންހެން ދަރިންނަށާއި މަންމައިންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވުމަށް ދަރުމަވެރިންތަކެއް ނުކުމެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ކޮންމެ އަންހެނަކީ ވެސް ކޮންމެ ވެސް މީހެއްގެ މަންމައެއް، އަނބެއް، ދަރިއެއް ނުވަތަ ދައްތައެއް ކަމަށާއި އެ މީހުނަށް އަނިޔާ ލިބޭކަށް އެއްވެސް މީހަކު ނޭދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މީހުންނަށް ޖިސްމާނީ އަނިޔާ ކުރުމާއި ގޭންގްތަކާ ގުޅިގެން ނުރައްކާތެރި މާރާމާރީތައް ހިންގުފަދަ ކަންތައްތަކުން ޒުވާނުން ދުރަށް ދާންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެެއްވެސް މީހަކު އޭނާގެ ކޮއްކޮ މާދަމާ ހޭލާއިރު މަރުވެފައި އޮއްވާ ފެންނާނަކަށް ނޭދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ދެ މައްސަލައަކީ މިވަގުތު ދިވެހި ރާއްޖެ އަށް އިހުސާސް ކުރަން ޖެހިފައިވާ ނުވަތަ ކެތްކުރަން ޖެހިފައި އޮތް ވަރަށް ވެސް ސީރިއަސް ދެ މައްސަލަ، މި ދެ މައްސަލާގައި ދިވެހި ރެޑް ކްރޮސެންޓް އިސްނަގައިގެން ދިވެހި ޒުވާނުން ނުވަތަ ދިވެހި ދަރުމަވެރިން ވިސްނުން މި ކަމަށް ގެނެސްގެން މި ކަމަށް ހަލެއް ހޯދއިދެވިއްޖެއްޔާ އެ ކަމަށް ޝުކުރު ދުވަހަކު ވެސް ހުސްނުވާނެ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކީއްތޯވާނީ ޖިސްމާނީ ގޮތުން ނުކުޅެދިފައި ތިބި މީހުންނާ މެދު ވިސްނާލިއްޔާ، އަޅުގަނޑުމެން ކީއްތޯވާނީ ތުއްތު ކުދިންނަށް އަނިޔާކުރާއިރު އެ ކުދިންނަށް ހާލަތު ރަނގަޅު ކުރުމަށް ވިސްނާލިއްޔާ، އަޅުގަނޑުމެން ކީއްތޯވާނީ ދޮށި އުމުރަށް ގޮސް ތިބި މާމައިންނާއި ކާފައިންގެ ހައްގުތައް ގެއްލިގެންދާއިރު އެ މީހުންނަަށް އެހީތެރިވާން ވިސްނާލިއްޔާ،"

އިންސާނިއްޔަތަށްޓަައި ދަރުމަވެރިވާ ފަރާތްތަކުގެ މަސައްކަތް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ހިލޭ ސާބަހަށް ނުވަތަ އިންސާނިއްޔަތަށްޓަކައި ރާއްޖޭގައި ނުކުންނަ ކުދިންގެ އަދަދު މި ސަރަހައްދުގެ ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގައި ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ރެޑް ކްރެސެންޓް ހިންގާ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މި މަސައްކަތަށް ޒުވާނުން ނެރުން ކަމަށާއި ނަމަވެސް ރާއްޖޭގައި ދަރުމައިގެ މަސައްކަތަށް ޒުވާނުން ނުކުންނަނީ އެ މީހުން ބޭނުންވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.

މާލެ އަށް ކުރިމަތިވި ފެނުގެ ކާރިސާއާ ގުޅިގެން ދިވެހި ރެޑް ކްރެސެންޓް ކޮށްދީފައިވާ މަސައްކަތްތައް ފާހަގަކުރައްވައި އެ މަސައްކަތްތަކަށްޓަކައި ދިވެހި ރެޑް ކްރެސެންޓަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ. އަދި އެ ހާދިސާއާ ގުޅިގެން ރެޑް ކްރެސެންޓުން އިސްނަަގައިން ކުރި މަސައްކަތުގެ އިތުރު 500 އެއްހާ ކުދިން ރެޑް ކްރެސެންޓާއެކު މަސައްކަތް ކުރަން ފަށައިފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު