ރާއްޖޭގެ ޖުޑިޝަރީ މިނިވަން ކުރުމަށް ގޮންޖެހުންތަކެއް އެބަހުރި: އެމެރިކާ

ޖުޑިޝަރީގެ މިނިވަން ކަމާއި މުސްތަގިއްލުކަން އަދި ސީޔާސީ ބޭނުންތަކެއް ހާސިލްކުރުމަށް ބިރުދެއްކުންފަދަ ކަންކަން ރާއްޖޭގައި ކުރިއަށްދާ ކަމަށާއި، ޖުޑިޝަރީގެ މިނިވަން ކުރުމަށް އަދިވެސް ގޮންޖެހުންތަކެއް ހުރި ކަމަށް އެމެރިކާއިން މިއަދު ބުނެފި އެވެ.

އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‏‏އެފެއާޒް ނިޝާ ބިސްވާލް ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ޅަ ޑިމޮކްރަސީއެއްގައި ހާސިލްކުރެވިދާނެ ގިނަ ކަންތައްތަކެއް ރާއްޖެއިން ދުނިޔެއަށް ދައްކައިދީފައިވާ ކަމަށެވެ.

އެގޮތުން ޖެނިވާގައި ހުންނަ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އިތުރުން ކުދި ޖަޒީރާ ގައުމުތަކުގެ ގޮނޑި ތަމްސީލު ކުރާ ގައުމެއްގެ ހައިސިއްޔަތުން ބައިނަލް އަގުވާމީ ކަންކަމުގައި އިސްދައުރެއް ރާއްޖެ އަދާކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ނަމަވެސް، ޝަރުއީ ދާއިރާގެ މިނިވަންކަމާއި ސިޔާސީ ގޮތުން މީހުންނަށް އިންޒާރު ދިނުން ފަދަ ގިނަ ގޮންޖެހުންތަކެއް އަދިވެސް އެބަހުރި ކަމަށް ނިޝާ ވިދާޅުވެފައިވެ އެވެ. ރާއްޖޭގަި މުހިންމު މުއައްސަސާތަކުގެ މިނިވަންކަން ވަރުގަދަ ކުރުމަށާއި، ޑިމޮކްރެޓިކް ހަމަތަށް ގާއިމް ކުރުމުގައި އެމެރިކާގެ ފުރިހަމަ އެއްބާރުލުން ކުރިއަށްއޮތް ތަނުގައި ވެސް ލިބޭނެ ކަމަށް ނިޝާ ވިދާޅުވި އެވެ.

މީގެ އިތުރުން އިގްތިސާދީ ގޮތުން ރާއްޖެ ކުރިއެރުވުމަށް ބޭނުންވާ ކަންކަމުގައި އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ފާހަގަކުރައްވައި ނިޝާ ވިދާޅުވީ އިގްތިސާދީ ދާއިރާ އިން ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރާއި ރައްޔިތުންނާ އެކު އެމެރިކާ އިން މަސައްކަތް ކުރާނެ ކަމަށެވެ. އެ ގޮތުން، ވިޔަފާރި އާއި އިންވެސްޓްމަންޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ދެ ގައުމުގެ ދެެމެދު ބޭއްވި ފުރަތަމަ ބައްދަލުވުންފަހު ރާއްޖެއާއެކު ބާއްވާ މަޝްވަރާތައް ފުޅާކުރުމަށް އެމެރިކާއިން ބޭނުންވާކަން ނިޝާގެ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.

މާލޭން ފެނުގެ ހިދުމަތް ކެނޑުމާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަށް ވަރަށް ފުރިހަމަ ކަން ފާހަގަކުރައްވައި ނިޝާ ވިދާޅުވީ ރައްޔިތުން އެމެޖިންސީ ހާލަތަށް ތައްޔާރުކުރުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"ދިގު މުއްދަތަށް ފެން އުފައްދައި އާއްމުންނަށް އެ ފެން ފޯރުކޮށް ދެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތުގައި ދިވެހި ސަރުކާރާ އެކު އެމެރިކާ އިން މަސައްކަތް ކުރާނެ. އަދި ވާރޭފެން ނެގުމާއި ލޮނުން ފެން އުފައްދާނެ ވަސީލަތްތައް ގާއިމް ކުރުމުގައި ވެސް އެމެރިކާ އިން އެހީތެރި ވެދޭނެ،" ބަޔާނުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު