ފ. އަތޮޅު މުބާރާތުގެ ފައިނަލަށް ނިލަންދޫ ދަތުރުކޮށްފި

އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ފ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި ފައިނަލަށް ނިލަންދޫ ޖަމިއްޔަތުއް ޝަބާބް ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލަށް ނިލަންދޫ ދަތުރު ކުރީ ބިލެއްދޫ ޒުވާނުންގެ ކްލަބާ ބައްދަލުކޮށް، 5-4 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްގެނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވުމުން، މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިންނެވެ.

ޕެނަލްޓީގައި ދެ ޓީމުން ވެސް ފުރަތަމަ ހަތަރު ލަނޑު ކާމިޔާބު ކުރި އެވެ. ނަމަވެސް ބިލެއްދޫ ޒުވާނުންގެ ކްލަބް ޖެހި ފަސް ވަނަ ޕެނަލްޓީ ނިލަންދޫ ޓީމުގެ ގޯލްކީޕަރު އަލީ ސޮބާހު ދިފާއު ކުރި އެވެ. ނިލަންދޫ ޓީމުން ޖެހި އެ ޓީމުގެ ފަހު ޕެނަލްޓީ ކާމިޔާބުކޮށް، ބިލެއްދޫގެ މައްޗަށް ނިލަންދޫ ކުރި ހޯދި އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިލަންދޫ ޖަމިއްޔަތުއް ޝަބާބުގެ އުބެއިދު އިސްމާއިލް އެވެ.

ފައިނަލުގައި ނިލަންދޫގައި ދެކޮޅަށް ނުކުންނާނެ ޓީމެއް ކަށަވަރުވާނީ މާދަމާ ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ މެޗުންނެވެ. އެ މެޗުގައި ބައްދަލު ކުރާނީ ދަރަނބޫދޫ ޒުވާނުންގެ ކްލަބާއި ފީއަލީ ޑިވަލޮޕްމަންޓް ސޮސައިޓީ އެވެ.

ދަރަނބޫދޫ ޓީމް މުބާރާތުގެ ސެމީއަށް ދަތުރު ކުރީ ގްރޫޕް ސްޓޭޖުގައި އެ ޓީމް ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު މުބާރަތުގެ ގްރޫޕް 'ބީ'ގެ އެއްވަނަ މަގާމް ހާސިލްކޮށްގެނެވެ. އަދި ފީއަލި ޑިވަލޮޕްމަންޓް ސޮސައިޓީ މުބާރާތުގެ ސެމީއަށް ދަތުރު ކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް، ތިން ޕޮއިންޓާއެކު ގްރޫޕް 'އޭ' ގެ ދެ ވަނަ މަގާމް ހާސިލް ކޮށްގެނެވެ.

ފ. އަތޮޅުގެ ފުޓްބޯޅަ މުބާރާތް ފަށާފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެ މުބާރާތުގައި އެ އަތޮޅު ފީއަލީގެ ދެ ޓީމް ބައިވެރިވެފައި ވާއިރު، ދަރަނބޫދޫ، މަގޫދޫ، ބިލެއްދޫ، އަދި ނިލަންދޫ ކޮންމެ ރަށަކުން އެ މުބާރާތުގައި ބައިވެރިވެފައި ވަނީ އެއް ޓީމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު