ފިޔަވަޅު އެޅުމުގެ ކުރިން ވިޕްލައިނާ ހިލާފުވި މެމްބަރުންގެ ހިޔާލު ހޯދާނަން: ޝިފާޒް

އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ އެމްޑީޕީގެ ހަ މެމްބަރުންނާމެދު ފިޔަޅު އެޅުމުގެ ކުރިން އެ މެމްބަރުންގެ ހިޔާލު ހޯދާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރު މުހައްމަދު ޝިފާޒު މިރޭ ވިދާޅުވެއްޖެ އެވެ.

ދެ ފަނޑިޔާރުން ވަކިކުރުމުގެ ވޯޓުގައި ބައިވެރިވަޑައިނުގަންނަވާ މެމްބަރުންނާއި މެދު ގޮތެއް ނިންމުމަށް މިއަދުވެސް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައި އެވެ. އެހެންނަމަވެސް މިއަދުގެ ބައްދަލުވުމުގައިވެސް ވަކި ގޮތަކަށް ނިމިފައިއެއް ނުވެ އެވެ.

"ސަން" އާ ވާހަކަފުޅުދައްކަވަމުން ޝިފާޒު ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައިވެސް އެބޭފުޅުން ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެހެން ނަމަވެސް ހަތް ދުވަސް ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. ޝިފާޒު ވިދާޅުވީ ވޯޓުގައި ބައިވެރިވެވަޑައިނުގެން ބޭފުޅުންގެ ހިޔާލު ފިޔަވަޅު އަޅާ ކޮމިޓީން ހޯދާނެ ކަމަށެވެ.

"މިއަދުގެ ބައްދަލުވުމުގައި މާ ބޮޑު ކަމެއް ނުހިނގާ އިނގޭތޯ.. ދެން އެހެންނަމަވެސް ވިޕްލައިނާ ހިލާފުވި މެމްބަރުންގެ ވިއު އަޅުގަނޑުމެން ހޯދާނަން. ޖަވާބުދާރީވާން އެބޭފުޅުންނަށް ފުރުސަތު ލިބޭނެ އެބޭފުޅުން އެފަދަ ކަމެއް ކޮށްފައި އޮތިއްޔާ،" ޝިފާޒު ވިދާޅުވި އެވެ.

އިތުރަށް ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ނިންމުން ފިޔަވަޅު އަޅާ ކޮމިޓީން ތަންފީޒު ކުރާނެ ކަމަށެވެ.

ފަނޑިޔާނުން ވަކިކުރުމަށް ބޭއްވޭ ޖަލްސާގައި ބައިވެރިވެ ފަނޑިޔާރުން ވަކި ކުރުމާ ދެކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީން އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންނަށް އަންގާފައި ވަނިކޮށް ޖަލްސާއަށް ހާޒިރު ނުވަނީ ވައިކަރަދޫ ދާއިރާގެ މުހައްމަދު ނާޒިމް އާއި ވެލިދޫ ދާއިރާގެ އަބްދުﷲ ޔާމީނާއި މުލަކު ދާއިރާގެ އިބްރާހިމް ނަސީރާއި ފެލިދޫ ދާއިރާގެ އަހުމަދު މަރުޒޫގާއި ކުރެންދޫ ދާއިރާގެ އަބްދުލްބާރީ އަބްދުﷲ އާއި ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު