ކުރާ ކޮންމެ ތުހުމަތަކަށް ސާބިތުކަމާއެކު ކުރިމަތިލާނަން: އަމީން

ރައީސް އޮފީހުގެ މިނިސްޓަރު އަމީން ---- ސަން ފައިލް ފޮޓޯ

ކުރާ ކޮންމެ ތުހުމަތަކަށް ސާބިތުކަމާއެކު ކުރިމަތިލައްވާނެ ކަަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އަމީނު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކޮރަޕްޝަނުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް އޭނާގެ މައްސަލައެއް ހުށަހަޅާފައިވާނަމަ އެކަން ކޮށްފައި ވަނީ ސަރުކާރު ބަދުނާމު ކުރުމަށް ކަމަށެވެ.

"...ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ލިޔެ ސޮއިކޮށްފައިވާ ސިޓީއަކާ ގުޅިގެން ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ޕީޖީ އޮފީހުގެ އޮފިޝަލަކާ ހަވާލާދީ ލިޔެފައިވާ ފަދަ މައްސަލައެއް ހުށަހެޅިފައިވާނަމަ، އެއީ ސަރުކާރު ބަދުނާމު ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް،" އަމީނުގެ ބަޔާނުގައިވެ އެވެ.

ނުރަނގަޅު ނުފޫޒުތަކުގެ ބާރުން ޝަޚުސިއްޔަތު ކަތިލުމަށް ކުރާ ކަންކަމުގެ ސަބަބުން ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް ވެސް އަމީންގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އޭސީސީ އިން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަ އަކީ ތިމަރަފުށީ އެއާޕޯޓްގެ މަސައްކަތް ނިންމަން ހަވާލުކުރި ކުންފުންނިން ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނިންމާފައި ނުވުމުން، ސަރުކާރުން އެ ކުންފުނި ޖޫރިމަނާ ކުރުމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ކަމަށް ބުނެ އަމީން ޖޫރިމަނާ މައާފްކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.

މިކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަމީންގެ މައްޗަށް ތުހުމަތު ކުރެވޭ އެ މައްސަލަ އެ އޮފީހަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެހެންނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

comment ކޮމެންޓް