އަށް މަގާމަކަށް ކޯޗުން ހޯދުމަށް އެފްއޭއެމުން އިއުލާނު ކޮށްފި

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން އަށް މަގާމަކަށް ކޯޗުން ހޯދަން އިއުލާނު ކޮށްފިއެވެ.

މިއަދު އެ އެސޯސިއޭޝަނުން ކުރި އިއުލާނެއްގައި 12 އަދި 13 އަހަރުން ދަށުގެ ގައުމީ ޓީމް ތަކަށާއި، 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ އިތުރުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް މީހުން ހޯދުމަށް އިއުލާންކޮށްފައިވެއެވެ. އަދި އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތެއްގެ ގޮތުގައި އޭއެފްސީ ލެވަލް 'އޭ' ލައިސެންސެއް އޮތުން ކަނޑައަޅާފައި ވާއިރު، އެ މަގާމްތަކަށް ހޮވޭ ފަރާތްތަކަށް 1000 އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ މުސާރައިގެ ގޮތުގައި ދޭން ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން އެ އެސޯސިއޭޝަނުން ވަނީ 12 އަދި 13 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ މަގާމަށްވެސް އިއުލާނު ކޮށްފަ އެވެ. އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތަކަށް އެފްއޭއެމުން ކަނޑައަޅާފައި ވަނީ އޭއެފްސީ ލެވަލް 'ބީ' ނުވަތަ 'ސީ' ލައިސެންސް އޮތުމެވެ. އަދި އެ މަގާމަށް ހޮވޭ ފަރާތަކަށް އެފްއޭއެމުން ވަނީ 500 އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ މުސާރައިގެ ގޮތުގައި ދޭން ހަމަޖައްސާފަ އެވެ.

އެފްއޭއެމުން އިއުލާނު ކޮށްފައިވާ އަނެއް ހަތަރު މަގާމަކީ ގޯލްކީޕަރު އެކަޑަމީގެ ތިން ކޯޗުންގެ މަގާމާއި ގްރާސްރޫޓް އަންހެން ކޯޗެއްގެ މަގާމެވެ. ގޯލްކީޕަރު އެކަޑަމީގެ ތިން ކޯޗުންނަށް މުސާރައިގެ ގޮތުގައި 500 އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ ދޭން ހަމަޖެހިފައި ވާއިރު، ގްރާސްރޫތް އަންހެން ކޯޗަކަށް ދޭން ހަމަޖެހިފައިވާ މުސާރައަކީ 250 އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ އެވެ. މި ހަތަރު މަގާމުގެވެސް ޝަރުތަކަށް އެފްއޭއެމުން ކަނޑައަޅާފައި ވަނީ އޭއެފްސީ ލެވަލް 'ސީ' ލައިސެންސެއް އޮތުމެވެ.

އެފްއޭއެމުން މިއަދު އިއުލާނުކުރި އެ މަގާމުތަކަށް ކޯޗުން ހޮވަން ހަމަޖެހިފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނެވެ. އަދި އެ މަގާމްތަކަށް ކުރިމަތިލާ ފަރާތްތަކުން ސީވީ އާއި ސެޓްފިކެޓް ތަކުގެ އިތުރުން ވަނަވަރު ހުށައަޅަން އެ އެސޯސިއޭޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު