ތެލުގެ އަގު ދަށަށްދާން މެދުވެރިވި ސަބަބުތައް އޯޕެކުން ހޯދަނީ

ވިއެނާ (ޑިސެމްބަރު 17) : ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށްދިޔުމަށް މެދުވެރިވި ސަބަބުތައް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ތެޔޮއެކްސްޕޯޓްކުރާ ގައުމުތައް ހިމެނޭ ޖަމްއިއްޔާ ކަމަށްވާ އޯޕެކުން ބުނެފި އެވެ.

ވިއެނާގައި ދެއްވި ބަޔާނެއްގައި އޯޕެކްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ސާލިމް އަލްބަދްރީ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށްދިޔަ ނަމަވެސް އޭގެބަދަލުގައި ތެޔޮއުފައްދާ މިންވަރު ދައްކުރަން އޯޕެކްގެ ގައުމުތައް ބޭނުން ނުވާކަމުގައެވެ. އޭނާ ވިދާޅުވީ ތެލުގެ އަގު ދަށަށް ދިޔުމުގެ ސަބަބުން އޯޕެކްގެ ގައުމުތަކަށް މާލީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން ދިޔަ ނަމަވެސް މިކަމުގެ ޙައްލަކީ ތެޔޮ އުފެއްދުން މަދުކުރުން ކަމަށް އޯޕެކްގެ ގައުމުތަކުން ނުދެކޭކަމުގަ އެވެ.
ޑރ. އަލްބަދްރީ ވިދާޅުވީ ތެލުގެ އަގު މިހާރަށް ވުރެ މަތިކުރުމަށް އޯޕެކްގެ ގައުމުތަކުން ބޭނުންވާ ކަމަށާއި އެކަމަށް ޓަކައި ތެލުގެ އަގު ދަށަށްދިޔުމަށް މެދުވެރިވި ސަބަބުތައް ހޯދުމަށް ފަހު އެކަން ޙައްލުކުރުމަށް މަސައްކަތްކުރާނެ ކަމުގަ އެވެ. ތެލުގެ އަގު ދަށަށްދިޔުމަށް މެދުވެރިވި ސަބަބުތައް ހޯދުމަށް އޯޕެކްގެ ފަންނީ ޓީމަކުން މިހާރު ދިރާސާތަކެއް ކުރަމުން ގެންދާކަންވެސް އޭނާ ހާމަކުރެއްވި އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފާއިތުވި އަށެއްކަ އަހަރު ތެރޭގައި ވެސް ދަށަށް ނުދާ މިންވަރަށް މިހާރު ވަނީ ދަށަށްގޮސްފަ އެވެ. މިގޮތުން ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު މިހާރުވަނީ 40 އެމެރިކާ ޑޮލަރަށް ދަށަށް ގޮސްފަ އެވެ. މިކަމުގެ ސަބަބުން އޯޕެކްގެ ގައުމުތަކަށް އެތައް ބިލިޔަން ޑޮލަރެއްގެ ގެއްލުންތަކަކާ ވަނީ ކުރިމަތިލާންޖެހިފަ އެވެ.
ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓްކުރާ ތެލުގެ ގާތްގަނޑަކަށް 70 އިންސައްތަ އުފައްދަނީ އޯޕެކްގެ ގައުމުތަކުންނެވެ. އޯޕެކްގެ ގައުމުތަކުގެ ތެރޭން އެންމެ ގިނަ އަދަދަކަށް ތެޔޮ އުފައްދަނީ ވެސް އަދި އެކްސްޕޯޓް ކުރަނީވެސް ސައޫދީ އަރަބިޔާއިންނެވެ. މިއަހަރުގެ ކުރީކޮޅު ތެޔޮފީފާއެއްގެ އަގުވަނީ 100 ޑޮލަރާއި 80 ޑޮލަރާ ދެމެދުގައެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު