ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނު އިސްލާހު ކުރީ އިންސާފު ހޯދައިދިނުން އަވަސް ކުރުމަށް: ސަރުކާރު

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައި ވަނީ ރައްޔިތުންނަށް އިންސާފު ހޯދައިދިނުން އަވަސް ކުރުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއަދު 'ސަން' އަށް ވިދާޅުވީ އެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި މަރުގެ މައްސަލަތަކާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ މީހުންނަށް ތަހުގީގު މަރުހަލާގައި ހަނު ނުހުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގެ ތަހުގީގާއި ޝަރުއީ މަރުހަލާ ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް އެ ގާނޫނުގައި ލާޒިމްކޮށްފައިވާނެ ކަމަށާއި އެއީ އިންސާފު ގާއިމްކުރުން އަވަސް ކުރުމުގެ ބޭނުމުގައި ސަރުކާރުން ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޖުތަމައުގައި އަމަންއަމާންކަން ގާއިމް ކުރުމަށް މީގެ ކުރިން ވެސް އެތައް ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާ ކަމަށާއި ރާއްޖެއަކީ އަމާން މުޖުތަމައުއަކަށް ހެދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށެވެ.
ސަރުކާރަށް އެއް އަހަރު ވެގެންދިޔައިރު ވެސް މަރުގެ ހުކުމް ތަންފީޒުކޮށްފައި ނުވާ ކަމަށް އެކި ފަރާތްތަކުން ބުނަމުންދާ އިރު، މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް އިއްވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި މިހާތަނަކަށް ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓަކަށް ނެތް މަރުގެ މައްސަލައެއް ހުށަހެޅިފައި. ދަށު ކޯޓުން ނިންމާފައިވާ މަރުގެ މައްސަލަތައް ހުށަހެޅިފައި ވަނީ ހައިކޯޓަށް. އެ ކޯޓުން އެ މައްސަލަތައް ނިމި ސުޕްރީމް ކޯޓަށް އެފަދަ މައްސަލައެއް އަދި ހުށަހެޅިފައެއް ނުވޭ. ސަރުކާރުން ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ އެންމެ މަތީ ކޯޓުން މީހަކު މެރުމަށް ހުކުމް އިއްވައިފި ނަމަ އެ ހުކުމެއް ތަންފީޒު ކުރަން މި ސަރުކާރުން ފަސް ނުޖެހޭނެކަން،" މުއާޒު ވިދާޅުވި އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ތަސްދީގު ކުރައްވައިފަ އެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ އެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން މުއްދަތު މަޖިލީހުގައި ތުހުމަތު ކުރެވޭ ފަރާތްތަކުންދޭ ބަޔާނަކީ ޝަރީއަތުގެ މަޖިލީހުގައި ހެއްކެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ.

ތޫނު ހަތިޔާރުން ހަމަލާދޭ މީހުންނަށް ބޮޑެތި އަދަބުތަކެއް ދިނުމަށް އެ ގާނޫނަށް ގެނައި އިސްލާހުތަކުގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން މީހެއްގެ ގުނަވަނެއް ނެތިދާ ފަދަ ގޮތަކަށް ތޫނުއެއްޗަކުން ނުވަތަ ހަތިޔާރަކުން މީހަކަށް ހަމަލާދީފި މީހެއްގެ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ގާނޫނަށް ގަނައި އިސްލާހުގައިވެ އެވެ. އަދި އެފަދަ ކުށެއް ކުރުމަށް އެހީތެރިވެދިން މީހެއްގެ އަދަބަކީ 10 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ގާނޫނަށް ގަނައި އިސްލާހުގައިވެ އެވެ.

މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނުއެއްޗަކުން ނުވަތަ ނުރާއްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގައިފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށާއި އެފަދަ ކުށެއް ކުރުމަށް އެހީތެރިވެދިން މީހެއްގެ އަދަބަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ގާނޫނަށް ގަނައި އިސްލާހުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު