ކޭބަލް ޓީވީ އޮޕަރޭޓް ކުރުމުގެ ހުއްދަ އިތުރު ކުންފުންޏަކަށްދީފީ

މުޅި ރާއްޖެ އަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ލައިސެންސް އިތުރު ކުންފުންޏަކަށްދީފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ލައިސަންސް ދިނީ ޕްލޭކާސްޓް މޯލްޑިވްސް އަށެވެ.

އެ ކުންފުނީގެ ފަރާތުން މިއަދު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒު (ޖޭބީ) ވިދާޅުވީ ކޭބަލް ޓީވީގެ ވާދަވެރިކަން ރާއްޖެ އަށް ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ ޕްލޭކާސްޓުން ބޭނުން ވަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ރައްޔިތުންނަށް ވީހާ ވެސް އަގުހެޔޮ ހިދުމަތެއް ދިނުމަށް ކަމަށާއި އެގޮތުން ކުރިއަށް އޮތް ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި ހިދުމަތްދޭން ފަށައި އަހަރެއްގެ ތެރޭގައި މުޅި ރާއްޖެ އަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުނގަޑުމެންގެ އަމާޒަކީ އަގު ރަނގަޅުކުރުން. އަދި މިހާރު ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޭބަލް ޓީވީގެ ހިދުމަތް ދިނުން. ދެވަނަ ކަމަކަށް އަތޮޅުތެރޭގައި ހުރި ކޭބަލް އޮޕަރޭޓަރުންނަށް ރަނގަޅު އަގެއްގައި ޗެނަލްތައް ފޯރުވައި ދިނުން. އަދި ރާއްޖޭގެ ބްރޯޑްކާސްޓް ކުރާ ބޭފުޅުންގެ ޗެނަލްތައް ހިލޭ ލެވޭތޯ އެބަ ބަލަން،" ޕްލޭކާސްޓްގެ އެމްޑީ ޖޭބީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕްލޭކާސްޓުގެ ހިދުމަތް ވައިފައި އަދި ކޭބަލް މެދުވެރިކޮށް ފޯރުކޮށްދޭން ރާވަމުންދާ އިރު، މިހާރު ލިބޭ ލޯކަލް ޗެނަލްތަކުގެ އިތުރުން މުޅިން އާ ޗެނަލްތަކެއް ވެސް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

"އަޅުނގަޑުމެންގެ ބިލަނީ ހިދުމަތް ފަށައިގަންނާނީ 60 ޗެނަލްއާ އެކު ކަމަށް، އަމާޒަކީ 150 ޗެނަލް. އޭގެ ތެރޭގައި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ވެސް ހާއްސަ ޗެނަލްތަކެއް ހިމެނޭނެ. އަދި ފަހުގެ ޗެނަލްތައް އަންނާނެ،" ޖޭބީ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު