މަސްވެރިން ބާނާ ކަންނެލި ކަނޑުއޮތްގިރި އަށް ގެންގޮސްދޭން ފަށައިފި

މަސްވެރިން ބާނާ ބޮޑު ކަންނެލި ކަނޑުއޮތްގިރި ފެކްޓްރީ އަށް މިފްކޯ އިން ގެންގޮސްދޭން ފަށައިފި އެވެ.

މިފްކޯގެ ސީއީއޯ އަދްލީ އިސްމާއީލް މިއަދު "ސަން" އަށް ވިދާޅުވީ މަސްވެރިން ކޮންމެ ދުވަހަކު ވެސް ބާނާ ކަންނެލި ފެލިވަރަށް ބެލުމަށް ފަހު ކަނޑުއޮތްގިރި ފެކްޓްރީއަށް ގެންގޮސްދޭން މިހާރު ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް ފެކްޓްރީ އަށް މަސް ގެންގޮސްދެނީ މަސްވެރިންގެ އަތުން ވަކި އަގެއް ނެގުމަށް ފަހު ކަމަށް އަދްލީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސްވެރިންނާ ވާހަކަ ދެއްކި އިރު ތެލުގެ ހަރަދަށް ކޮޅަކަށް އެބަ ހޭދަވޭ 6000 ރުފިޔާ، އެހެންވީމަ ދެކޮޅަށް އެ ވަނީ 12000 ރުފިޔާ. އެހެންވީމާ އަޅުގަނޑުމެން މި ނަގަނީ މަސްވެރިންގެ އަތުން 6000 ރުފިޔާ، އެއްކަލަ 12000 ރުފިޔާ އިން އެއްބައި އަޅުގަނޑުމެން ކަނޑާލީ." އަދްލީ ވިދާޅުވި އެވެ.

ކަންނެލި މަސްވެރިކަމުގައި އުޅޭ ބައެއް ފަރާތްތަކުން ދަނީ މިފްކޯއިން "އެންގުމެއް"ނެތި އަގު ނަގާތީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.

ނަމަވެސް އަދްލީ ވިދާޅުވީ ކަންނެލީގެ އަގު އެކި ގަޑިތަކުގައި ތަފާތު ވާނެ ކަމަށެވެ. އަދްލީ ވިދާޅުވީ މަސްވެރިން ބާނާ މަސް ކިރުމަށް ފަހު މިފްކޯ އިން ދުވަހަކު ވެސް އަގު ނަގާފައި ނުހުންނާނެ ކަމަށާއި އެހެން ނަމަވެސް މި ކަމަކީ މިފްކޯއިން ވެސް އަލަށް ކުރާ ކަމަކަށް ވުމުން ކޮންމެވެސް ވަރެއްގެ ޝަކުވާ އެބޭފުޅުންނަށް ވެސް ލިބެމުން އަންނަ ކަމަށެވެ.

"ކަންނެލީގެ އަގަކީ ވެސް އަބަދު އަބަދު ވޭރީވާ [ ބަދަލުވާ] އެއްޗެއް. ހެނދުނު އޮންނަ އަގެއް ނޫން މެންދުރު އޮންނާނީއެއް. އަމިއްލަ ވިޔަފާރިވެރިން ވެސް ވަރަށް ބޮޑަށް އުޅޭ ވިޔަފާރިއެއް މި ވިޔަފާރިއަކީ. ދެން އެކަން އެގޮތަށް އޮށްވައި މަސްވެރިން މިގުޅަނީ މަސް ކިރަން. ގުޅާފައި މިބުނަނީ ކޮބާ ފެލިވަރުން މަސްކިރާނަންހޭ. ބުނީމަ އަޅުގަނޑުމެން އެބަ ބުނެދެން ހަމަ އެދުވަހުގެ އަގުތައް. އަޅުގަނޑުމެން މަސްކިރާފަހުން އަގު ނަގަން ކިއަނީއެއް ނޫން." އަދްލީ ވިދާޅުވި އެވެ.

މިފްކޯ އިން އަލަށް ފެށައިގެން ކުރިއަށް ގެންދާ މަސްވެރިން ބާނާ ކަންނެލި ފެކްޓްރީއަށް ގެންގޮސްދޭން ފަށާއިފައިވާ އިރު އެގޮތަށް މަސްކިރަން މިހާރު ތިން ދޯންޏަކުން ފެލިވަރަށް އަންނަ ކަމަށް އަދްލީ ވިދާޅުވި އެވެ. އަދްލީ ވިދާޅުވީ މިފްކޯގެ އުއްމީދަކީ ވީހާ ވެސް ގިނަ ދޯނި ފަހަރު އެގޮތަށް މަސްކިރުމަށް އައުން ކަމަށެވެ.

އެކަން ކުރަން ފެށުމުން މަސްވެރިންނަށް ފައިދާތަކެއް ކުރާނެ ކަމަށް އަދްލީ ވިދާޅުވި އެވެ. އަދި މިފްކޯއަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް އަދްލީ ވިދާޅުވި އެވެ. ކަނޑުއޮތްގިރިއަށް ކަންނެލި ގެންގޮސްދިނުމުގެ މައިގަނޑު މަގްސަދަކީ މިފްކޯއަށް ލިބޭ މަހުގެ އަދަދު އިތުރު ކުރުން ކަމަށާއި އަދި މަސްވެރިން މަސް ކިރުމަށް ކުރާ ހަރަދު ކުޑަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަންނެއްޔަކީ އެހެން މަސްމަހާ ހިލާފަށް ކޮންމެ ތަނެއްގައި ޕްރޮސެސްކުރެވޭ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން ކަންނެލި ޕްރޮސެސްކުރަން ޖެހެނީ ހަމަ އެކަނި ކަނޑުއޮތްގިރީގައި ކަމަށް އަދްލީ ވިދާޅުވި އެވެ. އަދި ހަމައެއާ އެކު ބާނާ ކަންނެލި ދުވަހުން ދުވަހަށް ޕްރޮސެސްކުރަން ޖެހޭ ކަމަށް އަދްލީ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު