އެމްޑީޕީ މެދުވެރިވެގެން ބަޣާވާތް ކޮށްގެން ނުވާނެ: މޫސަ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީޕީގެ ލީޑާޝިޕް ގުޅިގެން ކުރާ ކަންކަމާ މެދު ހިތް ނުތަނަވަސް ވެވަޑައިގަންނަވާ ކަމަށާއި އެމްޑީޕީ މެދުވެރިކޮށް ބަޣާވާތެއް ކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ސަން ޓީވީގެ 50 މިނެޓް" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީ އަށް ވެރިކަން ހޯދަން ވާނީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމާ އެކީގައި ކަމަށެވެ.

"...ގާސިމް މެންނަކީ އާއްމު ގޮތެއްގައި، ބަޣާވާތް ގެންނަން ހަގީގަތުގައި ޑިގްރީ ހަދައިގެން ތިބި މީހުން. އެމްޑީޕީ މެދުވެރިކޮށް އެކަހަލަ ކަމެއް ވެގެން ނުވާނެ. އަޅުގަނޑުމެންނަށް ވެރިކަން ލިބެންވާނީ އޭގެ ހައްގު ގޮތުގައި، ރައްޔިތުން ތާއީދުކޮށްގެން ރައްޔިތުންގެ ލޯތްބާއި އިހުތިރާމާ އެކީގައި. އެމްޑީޕީއަކުން ދުވަހަކު ވެސް އަޅުގަނޑުމެނެއް ބަޣާވާތްކޮށްގެން ވެރިކަމެއް ބޭނުމެއް ނޫން،" މޫސަ ވިދާޅުވި އެވެ.
ސަން ޓީވީގެ "50 މިނެޓް" ޕްރޮގްރާމްގެ ތެރެއިން---ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މޫސަ ވިދާޅުވީ ފަހަކަށް އައިސް އެމްޑީޕީއާއި ގާސިމް އިބުރާހީމާ ދެމެދު ހިނގި މުއާމަލާތްތަކާ މެދު ހިތްޕުޅު ނުތަނަވަސްވާ ކަމަށެވެ. ގާސިމާއި އެމްޑީޕީގެ ލީޑަޝިޕާ ބެހޭ ގޮތުން މޫސަ ވާހަކަފުޅު ދެއްކެވީ، ރައީސް ނަޝީދު އަބުދުﷲ ގާޒީ އަށް ތައުރީފު ކުރެއްވުމަކީ ގާސިމްއާ ގުޅުން ހުރި ކަމެއް ކަމަށް ދެކެވަޑައިގަންނަވާކަން ދޭހަވާ މޭރުމަކުންނެވެ. އަދި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް ނަޝީދު ތައުރީފު ކުރެއްވުމާއި އުއްތަމަ ފަނޑިޔާރަކަށް ކުރިން ހުންނެވި އަހުމަދު ފާއިޒުގެ ދިފާއުގައި އެމްޑީޕީ ނުކުތުމަކީ ވެސް ގާސިމާ ގުޅުން ހުރި ކަމެއްކަމަށް ދެކެވެޑައިގަންނަވާ ކަން ދޭހަވާ ގޮތަށެވެ.

"... ކުއްލިއަކަށް ގާސިމް އަނެއްކާ އެމްޑީޕީ ތެރެއަށް ވަދެފައި. ކުއްލިއަކަށް ރައީސް ނަޝީދު ނުކުމެވަޑައިގަންނަވާ އަބުދުﷲ ގާޒީއަކީ ހާދަ ބަރާބަރު ބޭފުޅެކޭ، ދެން ޖަމީލަކީ ހާދަ އިހުލާސްތެރި ތެދުވެރިއެކޭ ބުނެފައި ގާސިމާ ވާހަކަ ދައްކާފައި، އުއްތަމަ ފަނޑިޔާރު ހިމާޔަތްކޮށްފައި، އަބުދުﷲ ރިޔާޒު އަނެއްކާ ވެސް އަރިހުގައި ބައިންދަވާފައި، މިކަހަލަ ގޮތަކަށް އުޅެގަތީމާ އަޅުގަނޑު ދެން މިހާރު ލީޑަޝިޕް ކަންތަކާ ވަރަށް ދުރުގައި މިއުޅެނީ. އެހެންވީމާ އަޅުގަނޑަށް ކުޑަކޮށް އެކަހަލަ ކަންތައްތަކާ ދޭތެރޭގައި ހިތް ނުތަނަވަސްވާ ގޮތް ވަނީ،" މޫސަ ވިދާޅުވި އެވެ.

ގާސިމަކީ ބަޣާވާތް ގެންނަން ޑިގުރީއެއް ހައްދަވައިގެން ހުންނެވި ބޭފުޅެއް ކަމަށް މޫސަ ވިދާޅުވީ މިވާހަކައަށް ފަހުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު