ގްރީން ޓެކްސް ނެގުމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނެގުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ތަސްދީގުރައްވައިފި އެވެ.

‏އެ ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ‏‏ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފަ އެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ހުށަހެޅުއްވި ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ބިލް ފާސްކުރަން ފެންނަ ކަމަށް 52 މެމްބަރުން ވޯޓު ދެއްވުމުންނެވެ. އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް 16 މެމްބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ. އެ ގާނޫނަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެ އެވެ.

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުން އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ ޑޮލަރުގެ ރޭޓުން ދައުލަތަށް ގްރީން ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ޓޫރިސްޓުންގެ އަތުން ނަގާ ހަ ޑޮލަރު ދައުލަތަށް ދެއްކުމަކީ އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތެއްގެ ޒިންމާއެއް ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

ގްރީން ޓެކްސް ނަގަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ނެވެ. މުޅި މަޖިލީހުގެ ކޮމެޓީން އިސްލާހުކޮށްފައިވާ ބިލުގައި ބުނެފައިވާ ގޮތުން ރާއްޖެ އަންނަ ޓޫރިސްޓުން ގްރީން ޓެކްސް ދައްކަން ޖެހޭނީ އެ ޓޫރިސްޓަކު ހުންނަ ތަނަކަށެވެ. އަދި ޓޫރިސްޓުން ދައްކާ ގްރީން ޓެކްސް ހަވާލު ކުރަންޖެހޭނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި ގްރީން ޓެކްސް ނެގުމާ ބެހޭ އުސޫލުތައް ކަނޑައަޅަން ވަނީ އެ އޮތޯރިޓީން ކަަމަށް އިސްލާހު ކުރި ބިލުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު