އެއާޕޯޓަކުން ދިވެހިން ވަކިކޮށް، ބޭރުމީހުންނަށް ވަޒީފާ ދީފައެއް ނޯންނާނެ: ބަންދު ސަލީމް

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ދިވެހީން ވަކިކޮށް ބޭރު މީހުންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށްދީފައި ނުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަ ދައްކަވަމުން ބަންދު އިބްރާހީމް ސަލީމް ވިދާޅުވީ އެއާޕޯޓުން ދިވެހި މުވައްޒަފުން އާދަޔާ ޚިލާފަށް ވަކިކޮށް، ބިދޭސީ މުވައްޒަފުންނަށް ވަޒީފާދޭ ކަމަށް ދެކެވޭ ވާހަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.

މިއަހަރު ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އެއާޕޯޓުން 199 ދިވެހިން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް އެމްއޭސީއެލްގެ ރިޕޯޓުގައި ބުނެފައި ވާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ބަންދު އިބްރާހީމް ސަލީމް ވިދާޅުވީ، މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގައި ވަޒީފާގެ ގާނޫނުގައިވާ ގޮތުގެ މަތިން އަމަލުކޮށްފައިވާ ކަމަށެވެ. އަދި މުވައްޒަފުން ވަޒީފާ އަށް ފަރުވާ ކުޑަކުރުމުން ތަކުރާރުކޮށް ނަސޭހަތްދީ އިސްލާހު ކުރަން އެދުމުން ވެސް އެކަމަށް ހައްލެއް ނައުމުން ވަޒީފާ އިން ވަކިކުކުރަން މަޖުބޫރު ވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހިން ވަޒީފާ އިން ވަކިކުރާ ޖާގައަށް ބިދޭސީން އިތުރު ނުކުރާކަމަށާއި މިއަރު އިތުރު 412 ދިވެހިންނަށް ވަޒީފާ ދީފައިވާނެ ކަމަށް ވެސް މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒުވާން ދިވެހި ކުދިން ވަޒީފާ އަށް ފަރުވާ ކުޑަކަމަށާއި އެގޮތުން ގިނަގިނައިން ދިވެހި ޒުވާނުން ސަލާމް ބުނާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެއާޕޯޓަކީ ކޮންމެ ދުވަހަކު ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ހުންނަ ތަނެއް ކަމަށާއި ގިނަ މުވައްޒަފުންތަކެއް ސަލާމުގައި ތިބުމުން ދަތިތަކާ ކުރިމަތިވާ ކަމަށް ބަންދު އިބްރާހީމް ސަލީމް ވިދާޅުވި އެވެ. މިވަގުތު ވެސް އެއާޕޯޓުސް ކޮމްޕެނީގެ 527 މުވައްޒަފުން ޗުއްޓީގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަލަށް މިއަންނަ ޒުވާން ޖީލުގެ މުވައްޒަފުންނަށް މަސައްކަތުގެ ގާނޫނަށް ރަނގަޅަށް އަހުލުވެރި ނުވަނީ، ވަރަށް ސާދާކޮށް ކަންތައްތައް ނެގެނީ، އޭގެ ތެރޭގައި ސަލާމާއި ޗުއްޓީތަކާއި އިމްތިހާނެއް ދީފިއްޔާ، ގިނަ ބޭފުޅުން ފާހެއް ވެސް ނުވާނެ،" ބަންދު އިބްރާހީމް ސަލީމް ވިދާޅުވި އެވެ.

ފަތުރުވެރިން އެންމެ ގިނައިން ރާއްޖެ އަންނަނީ ޗައިނާ އިން ކަމަށް ވުމުން، އެ ގައުމުގެ ބަސް އެނގޭ މީހުންނަށް ވަޒީފާ ދިނުމަށް އެމްއޭސީއެލް އަށް މަޖުބޫރުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެއާޕޯޓުގައި އަހަރެއްގެ މައްޗަށް ތިން މިލިއަނަށް ވުރެ ގިނަ ލަގެޖް އުފުލަން ޖެހޭ ކަމަށާއި، ތަކެތި އުފުލާ ބުރަ މަސައްކަތް ކުރުމަށް މިހާރުގެ ޒުވާނުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމްއޭސީއެލްގެ ހިއުމަން ރިސޯސް ޖެނެރަލް މެނޭޖަރު އަލީ ހުޒައިމް ވިދާޅުވީ އެއާޕޯޓުގައި ވެރިންގެ ފެންވަރުގައި މިހާރު ވެސް މަސައްކަތް ކުރަނީ ބޭރުގެ އެންމެ މުވައްޒަފެއް ކަމަށާއި ދެން ތިބެނީ މުޅިން ވެސް ދިވެހިން ކަމަށެވެ. އަދި މަތީ ވަޒީފާތަކުގައި ވެސް ބޭރު މީހުންނަށް ވުރެ ދިވެހިންގެ އަދަދު ގިނަވާނެކަމަށް ހުޒައިމް ވިދާޅުވި އެވެ.

ބަނދު އިބްރާހިމް ސަލީމް މުވައްޒަފުންނާ ހަޑި ހުތުރު ބަހުން މުއާމަލާތްކުރާ ކަމަށާއި، "ރުޅިއިސް ހުރެވޭ" ފަހަރު ގިނަ ކަމަށްބުނެ ތަނުގެ މުވައްޒަފުން ކޮށްފައިވާ ޝަކުވާތަކާ ގުޅިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެންމެނަށް ރަނގަޅަށް ކަންތައް ކޮށްދިނުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެކަހަލަ ކަންތައްތައް ކުރިއަށް އޮތްތަނުގައި އިސްލާހު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު