ފަނޑިޔާރުން ވަކިކުރުމުން، ރާއްޖޭން ވަނީ ކޮމަންވެލްތު އުސޫލުތަކާ ހިލާފުވެފައި: ކޮމަންވެލްތު

ރާއްޖޭ ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެކަމުގައި ކޮމަންވެލްތުގެ "ތިން ބާރު ވަކިވެފައި އޮންނަ" އުސޫލާ ހިލާފު ވެފައިވާ ކަމަށް އެޖަމާއަތުން ބުނެފި އެވެ.

ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަން (ސީއެލްއޭ) އާއި ކޮމަންވެލްތު ލީގަލް އެޑިއުކޭޝަން އެސޯސިއޭޝަން (ސީއެލްއީއޭ) ކޮމަންވެލްތު މެޖިސްޓްރޭޓް އެންޑް ޖަޖަސް އެސޯސިއޭޝަން (ސީއެމްޖޭއޭ) އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމުގެ މުސްތަގިއްލުކަން ގެއްލިފައިވާ ކަމަށެވެ.

"...އަވަސް އަރުވާލައިގެން އިސްލާހު ތަންފީޒުކޮށް، ގާނޫނު އަސާސީއާ ހިލާފަށް އުއްތަމަ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު އަދުނާނު ވަކި ކުރުމަކީ ދިވެހިރާއްޖޭން ބަލައިގެންފައިވާ ކޮމަންވެލްތުގެ އުސޫލުތަކާ ވެސް ހިލާފަށް ކޮށްފައިވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ ޝަރުއީ ނިޒާމުގެ މިނިވަންކަމަށާއި ބައިނަލް އަގުވާމީ މުއާހަދާތަކާއި އުސޫލުތަކަށް ތަބާވުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާ ކަމަށެވެ.

ކުރިން އުއްތަމަ ފަނޑިޔާރަށް ހުންނެވި އަހުމަދު ފާއިޒާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި މުއުތަސިމް އަދުނާނު މަގާމުން ވަކިކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް ފަހުގަ އެވެ. އަދަދު މަދުކުރުމުގެ ގޮތުން ވަކިކުރާނެ ދެ ފަނޑިޔާރުން ކަނޑައެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނަށް އެންގުމުން އެތަނުން ކަނޑައެޅީ ފާއިޒާއި މުއުތަސިމް ވަކިކުރުމަށެވެ. އެދެބޭފުޅުން ވަކިކުރުމަށް ފާސްކުރީ ރައްޔިތުންގެ މަޖިލީހުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު