ރޭގެ މެޗުގައި ލަނޑު ގޯންޏެއް ޖަހައި ބާސާ ހިއުސްކާގެ މައްޗަށް ކުރި ހޯދައިފި

ސްޕެއިންގެ ކޮޕަ ޑެލް ރޭ ފުޓްބޯޅަ މުބާރާތުގައި ރޭ ބާސެލޯނާ އާއި އެސްޑީ ހިއުސްކާ ބައްދަލުކުރި މެޗު ތަފާތު ބޮޑު 8-1 ގެ ނަތީޖާއަކުން ބާސާ ކާމިޔާބު ކޮށްފި އެވެ.

އެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ބާސާ އަށް ހިއުސްކާގެ ގޯލު ހުޅުވަދިނީ މެޗުގެ 20 ވަނަ މިނެޓުގައި ބާސާގެ ޕެޑްރޯ އެވެ. އެ ލަނޑާ އެކު ބާސާ އިން ވަނީ ޖެހިގެން އައި ނުވަ މިނެޓު ތެރޭގައި އިތުރު ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. މެޗުގެ 26 ވަނަ މިނެޓާއި 29 ވަނަ މިނެޓުގައި ބާސާ އަށް އެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ޕެޑްރޯ އާއި ސާޖީ ރޮބާޓޯ އެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ބާސާގެ އެންޑްރިއަސް އިނިއެސްޓާ ލުހާން ހަތަރު ލަނޑަށް އެ ޓީމްގެ ލީޑު ފުޅާ ކޮށްދިން އިރު، މެޗުގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ބާސާގެ ޕެޑްރޯ ވަނީ އެ ޓީމްގެ ފަސްވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީ މެޗުގައި އޭނާ ހެދި ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފްގައި ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އެ ޓީމްގެ ޑިފެންޑަރެއްގެ މަގާމް އަދާކުރަމުން އަންނަ އެޑްރިއާނޯ އެވެ. އެ ހާފްގައި ބާސާގެ ފަހު ދެ ލަނޑު ކާމިޔާބުކުރީ އެ ކްލަބުގެ 'ބީ' ޓީމަށް ކުޅެމުން އަންނަ 18 އަހަރުގެ އަޑަމާ ޓްރައޮރޭ އާއި މިއަހަރު ބާސާގެ ފުރަތަމަ ޓީމަށް ކުޅެން ފެށި ސަންޑްރޯ ރަމިރޭޒް އެވެ. މެޗުގައި ހިއުސްކާއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އެ ޓީމްގެ ކާލޮސް މޮރީނޯ އެވެ.

މި ސީޒަންގެ ކޮޕަ ޑެލް ރޭގައި ބާސާ އަދި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފައިވާ އިރު، ބާސާ ބަލިކޮށް މިދިޔަ ސީޒަންގައި އެ މުބާރާތް ކާމިޔާބު ކުރީ ރެއަލް މެޑްރިޑެވެ. ނަމަވެސް އެ މުބާރާތުގެ ތަށި މީގެ ކުރިން 26 ފަހަރު އުފުލާލާ، އެ މުބާރަތް އެންމެ ގިނަ ފަހަރަށް ކާމިޔާބު ކުރި ޓީމްގެ ރެކޯޑު އޮތީ ބާސާ އަތުގަ އެވެ. ރެއަލް އެ މުބާރާތް 19 ފަހަރު ކާމިޔާބު ކޮށްފައިވާ އިރު، ދެވަނައަށް އެންމެ ގިނައިން އެ މުބާރަތް ކާމިޔާބު ކުރި ޓީމަކީ އެންމެ ފަހުން 1984ގައި އެ މުބާރާތުގެ ތަށި އުފުލާލި އެތްލެޓިކޯ ބިލްބާއޯ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު