މާސްގައި ދިރުން ހުރި ކަމަށް ބެލެވޭ ނިޝާން ފެނިއްޖެ

ނޭޝަނަލް އެއިރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ)ގެ ކާރު ސައިޒުގެ ރޮބޯޓިކް ރޯވާ "ކިއުރިއޯސިޓީ ރޯވާ"އަށް ދިރި ހުރި ތަކެތި އުފައްދާ ގޭހެއް ކަމަށްވާ މީތޭން ގޭސް، ޕްލެނެޓް މާސް އިން ފެނިއްޖެ އެވެ.

އެ ރޯވާ އަށް ފެނުނު މީތޭން ގޭހަކީ މާސްގައި ދިރޭ ތަކެތި އުޅެދާނެ ކަމުގެ ނިޝާން، ނާސާ އަށް ލިބުނު ފުރަތަމަ ފަހަރެވެ.

މާސް އަށް ފޮނުވާފައިވާ ކިއުރިއޯސިޓީ ރޯވާ އަށް ވަނީ މީތޭނެ "ބާޕް" ނުވަތަ އަޑުކޮޅެއް ރެކޯޑު ކުރެވިފަ އެވެ. އެ އަޑަކީ ބެކްޓީރިއާ އުފެއްދި އަޑަކަށް ވެދާނެ އެވެ. ދުނިޔޭގެ ގިނަ ދިރޭތަކެތި ބޭރު ކުރާ، ބޭކާރު ގޭހަކީ މީތޭން އެވެ.

އެ ރޯވާއަށް މީގެ ކުރިން މާސް ނުވަތަ ރެޑް ޕްލެނެޓުގެ ވެލިން ވަނީ ފެން ފެނިފަ އެވެ. ނަމަވެސް މާސް އިން އިވުނު އަޑަކީ ބެކްޓީރިއާ ނުވަތަ މައިކްރޯބް އިން ބޭރުވި އަޑެއް ކަމަށް ސާބިތު ކުރެވިއްޖެ ނަމަ އެއީ ދުނިޔެއިން ބޭރުގައި ދިރޭ ތަކެތި އުޅެފާނެ ކަމުގެ ފުރަތަމަ ހެއްކަށް ވާނެ ކަމަށް ނާސާއިން ބުންޏެވެ.

ނާސާގެ ރިސާޗަރެއް ކަމަށްވާ ޑރ. ޕޯލް މަހާފީ ވިދާޅުވީ އެ މީތޭން އަޑުތައް އެއްވަރަކަށް ނުހުންނަ ކަމަށެވެ. އެ އަޑުތައް އައިސްފައިދާ އިރު ހުންނަނީ ވެސް ކުޑަ ވަގުތުކޮޅަކަށް ކަމަށެވެ. މިވަތު އެއަޑުތަކާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށާއި އެކަމާ ބެހޭ ގޮތުން ފުޅާ ވިސްނުމެއް ބަހައްޓަން ޖެހޭ ކަމަށެވެ.

"މީގައި ހައިރާން ކުރާ ކަމަކީ އެ އަޑު އިވެނީ އެއްވަރަކަށް ނޫން. ނޫނީ އެ އަޑު ނުއެއް ހުރޭ އެއްވަރަކަށް. އެ އަޑު ގޮސްލާފައި އަންނަނީ. އަނެއްކާ ވެސް ދަނީ. އަދި އެންމެ ހައިރާން ވަނީ އެ އަޑު ކުޑަ ހިނދުކޮޅަކު ހުންނާތީވެ. މިވަގުތު އެ އަޑުތަކާ ބެހޭ ގޮތުން އެކައްޗެއް ވެސް ބުނާކަށް ނޭނގެ. އެ އަޑުތަކާ ބެހޭ ގޮތުން ގެންގުޅެން ޖެހޭނީ ފުޅާ ވިސްނުމެއް،" އޭނާ ވިދާޅުވި އެވެ.

ނާސާ އިން ބުނާ ގޮތުގައި އެ އަޑާ ގުޅޭ ގޮތުން އިތުރުން ރީޑީންތަކެއް ލިބިއްޖެ ނަމަ އޭގެ އައިސޯޓޯޕް ލެވެލް ޓެސްޓު ކުރުމަށް ފަހު އެ ގޭސް ބޭރު ވަނީ ދިރޭ އެއްޗަކުން ކަން ހޯދޭނެ ކަމަށެވެ.

އެ ރޯވާ މާސްގެ "ގޭލް ކްރޭޓާ" ސަރަހައްދު ބަލަމުން އަންނަތާ މިއީ ދެވަނަ އަހަރެވެ. ގޭސް ކްރޭޓާއަކީ މާސް އަށް އެސްޓްރޮއިޑް އެއް ވެއްޓި 96 މޭލަށް ބޮޑުވެފައިވާ އަޑިގަނޑެކެވެ. ކިއުރިއޯސިޓީ ރޯވާ މާސްގައި އޯގަސްޓު ހައެއް 2012 ވަނަ އަހަރު ޖައްސާފައިވާ އިރު އެ ރޯވާ ދުނިޔެ އިން ނައްޓާލީ 2011 ނޮވެމްބަރު 26 ގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު