ރާއްޖެ-ޗައިނާ ޖޮއިންޓް ކޮމިޝަންގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ދިވެހި ރާއްޖެ އާއި ޗައިނާއާ ދެމެދު އުފައްދާފައިވާ ޖޮއިންޓް ކޮމިޓީ އޮން އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަންގެ ފުރަތަމަ ބައްދަލުވުން ޗައިނާގެ ބެއިޖިންގްގައި ބާއްވައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޗައިނާގެ ބޭޖިންގްގައި އިއްޔެ ބޭއްވި އެ ބައްދަލުވުމަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްގެ ދެކަނބަލުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 އިން 16 އަށް ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ސޮއިކުރެއްވި "އެގްރީމަންޓް އޮން އެސްޓެބްލިޝިންގް ޖޮއިންޓް ކޮމިޓީ އޮން އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަން،"ގެ ދަށުން އުފައްދާފައިވާ ޗައިނާ-މޯލްޑިވްސް ޖޮއިންޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ކަމަށެވެ.

އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައި ވަނީ ޗައިނާ ސަރުކާރުގެ އެހީއާ އެކު ރާއްޖޭގައި ކުރިއަށްދާ އަދި މުސްތަގުބަލުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މުހިންމު އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާ ބެހޭ ގޮތުންނެވެ.

ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އިތުރުކުރުމާ ގުޅޭ ގޮތުން ފްރީ ޓްރޭޑް އެގްރީމެންޓެއްގައި ސޮއި ކުރުމުގެ މަސައްކަތްތައް ފެށުމަށް ކޮމިޓީގެ މަޝްވަރާތަކުގައި ވަނީ ނިންމައިފަ އެވެ.

މިގެއިތުރުން ފްރީ ޓްރޭޑް އެގްރީމެންޓެއްގެ ދަށުން ރާއްޖޭ އަށް އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް ޑިއުޓީގެ އިނާޔަތްތައް ހޯދަދޭނެ ކަމަށާއި މުދާ ބޭރުކުުރުމުގެ ޑިއުޓީގެ އިތުރުން ދިމާވާ އެކިއެކި ހުރަސްތައް ނައްތާލުމަށް ދެ ފަރާތުން އެއްބަސްވާ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު