ތިނަދޫ ޗެލެންޖް ކަޕްގައި "ހޯބަހަކުން" ޓީމް ފުރަތަމަ ކާމިޔާބީ ހޯދައިފި

ހުވަދޫ ރެކްރިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ތިނަދޫ ޗެލެންޖް ކަޕް 2014ގައި "ހޯބަހަކުން" ޓީމްގެ ފުރަތަމަ ކާމިޔާބީ ހޯދައިފި އެވެ.

އެ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ހޯބަހަކުން ކާމިޔާބު ކުރީ ޑީއެފް ބާސާއާ ބައްދަލުކޮށް 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ހޯބަހަކުން ޖެހި ފުރަތަމަ ދެ ލަނޑުވެސް އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފްގަ އެވެ. މެޗުގައި އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، ހޯބަހަކުން އަށް ލީޑު ހޯދަދިނީ މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމްގެ އިސްމާއިލް އީސާ (މެސީ) އެވެ. އަދި މެޗުގެ 41 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ހޯބަހަކުންގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ މެސީ އެވެ.

މެޗުގައި 86 ވަނަ މިނެޓުގައި ހޯބަހަކުން އަށް އެ ޓީމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ، މެސީ ވަނީ މެޗުގައި ހެޓްރިކެއް ހަދާފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ހޯބަހަކުންގެ މެސީ އެވެ.

އިއްޔެގެ މެޗަށް ފަހު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކުޅުންތެރިޔާއަށް އިނާމް ހާވާލު ކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު އަދި ގދ. ތިނަދޫ ފަޔާ ސްޓޭޝަންގެ އިންޗާޖް ސާޖަންޓް ހަސަން ރަޒީން އެވެ.

އެ މުބާރާތުގައި މިހާތަނަށް ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެފައިވާއިރު، ކުޅުނު ދެ މެޗުވެސް ކާމިޔާބު ކުރި ހަމައެކަނި ޓީމަކީ ބަރާސިލާ އެވެ. އެ ޓީމް ވަނީ މުބާރާތުގައި މިހާތަނަށް މުޅިއަކު ހަ ޕޮއިންޓް ހޯދާ، މުބާރާތުގެ ތާވަލްގެ އެއްވަނަ މަގާމް ހޯދާފަ އެވެ. އަދި ހެއްޔާނބޯ އާއި ސެންޓާ ފޮކްސަސް އާއި ހޯބަހަކުން ކޮންމެ ޓީމެއް ވެސް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށްފައިވާ އިރު، އެއިން ކޮންމެ ޓީމަކަށްވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުގައި އެއްވެސް ޕޮއިންޓެއް އަދި މިހާތަނަށް ލިބިފައި ނުވާ ޑީއެފް ބާސާ މިހާރު އޮތީ ތާވަލްގެ އެންމެ ފުލުގަ އެވެ.

ތިނަދޫގެ ހަތަރު ޓީމެއް ވާދަކުރާ އެ މުބާރާތުގައި މިހާތަނަށް ފަސް މެޗު ކުޅެފައިވާ އިރު، އެ މުބާރާތުގައި މިއަދު ކުޅޭ ހަވަނަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ސެންޓާ ފޮކްސަސް އާއި ބަރާސިލާ އެވެ. އެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މިއަދު ހަވީރު ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ. މުބާރާތުގެ ޗެންޕިއަން ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާ އެ މުބާރާތަކީ ހުވަދޫ އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު