ތާރީހީ ބިނާތައް ފަޅުވާން ދޫވެފައި!

ހއ. ތަކަންދޫން: އަހުމަދު ސާއިލް އަލީ

ހއ. ތަކަންދޫއަކީ ދިވެހިންގެ މިނިވަންކަމާ ގުޅިފައިވާ އެތައް ތާރީހީ ކަމެއް ހިނގާފައިވާ ރަށެކެވެ. ނަމަވެސް އެކަން ދައްނަ މީހަކު މަދެވެ. މި ރަށުގައި އުތީމް އަލިތަކުރުފާންގެ ޒިޔާރަތް ހުންނަކަން އެނގެނީ ކިތައް ދިވެހިންނަށްބާ އެވެ؟ އެއީ ކިހާ ތާރީހީ އަދި ދިވެހި ރާއްޖޭގެ މިނިވަންކަމާ ގުޅިފައިވާ މުހިންމު ތަނެއްކަން އެނގެނީ ކިތައް މީހުނަށްބާ އެވެ؟ މިތަނުގެ މުހިންމުކަމާއި މިއީ ކިހާ ފަހަރުވެރިތަނެއްކަން ތަކަންދޫގެ ރައްޔިތުންނަށް ވެސް އިހުސާސް ކުރެވޭބާ އެވެ؟

ތަކަންދޫގައި މިހުރީ ޕޯޗްގީޒުން ޝަހީދުކޮށްލި އުތީމު އަލިތަކުރުފާނުގެ ހަށިކޮޅު ފަސްދާނު ލެވިފައިވާ ޒިޔާރަތެވެ. ތާރީހު ބުނާ ގޮތުން އެކަން ހިނގީ މީލާދީން 1572 ވަނަ އަހަރު އެވެ. އަލިތަކުރުފާން ޝަހީދުކޮށްލެވިފައި ވަނީ ޕޯޗްގީޒުންގެ އަތް ދަށުން ރާއްޖެ ސަލާމަތްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތަކަންދޫގައި ހުންނަވަނިކޮށް ޕޯޗްގީޒުން ގެންގުޅުނު ދެނުކު އިންޑިއާގެ މަލާބާރީ ހޮޅިން އެވެ. އެތަކުރުފާން ޝަހީދުކޮށްލެވުމަށް ފަހު ބޯ ބުރިކޮށްލައި މާލެ ގެންދިޔައީ އެވެ. ތަކުރުފާނުގެ ބޯ ވަޅުލާފައި ވަނީ ކ. ފުނަދޫ ގަ އެވެ. ތަކަންދޫ ޒިޔާރަތުގައި ފަސްދާނު ލެވިފައި ވަނީ ތަކުރުފާނުގެ ހަށިކޮޅެވެ.

މިހާ ތާރީހީ ކަންކަން މި ރަށުގައި ހިނގާފައިވާ އިރު މިކަންކަމާ މެދު އާންމުން މާކަ ހޭލުންތެރި ކަމަކަށް ނުފެނެ އެވެ. ހޭލުންތެރިކޮށް ރައްޔިތުން އެކަންކަމާއި ފަހުރުވެރިކުރަން ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރާތަނެއް ވެސް ނުފެ އެވެ. މިކަމުގައި ބަޔެއްގެ ބޮޑު އިހުމާލެއްވެ އެވެ. އެކަމުގެ ހެއްކަކީ ތަކަންދޫގައި ދިރިއުޅެ، އުމުރުން 40 އަހަރުން މައްޗަށްގޮސްފައިވާ އެތައް ބަޔަކުވެސް އެޒިޔާރަތައް ވަދެފައެއް ނުވުމެވެ. މިއީ ރަށުގެ އަގުލަބިއްޔަތުގެ ހާލެވެ. އެމީހުންނަށް އެނގެނީ މިރަށުގެ ބިމުގައި ޒިޔާރަތެއް ހުންނަ ކަމެވެ. އެތަނުގެ ތެރެއަށް ވަދެ އެތަން ބަލާލުމަށް މާކަބޮޑު ޝައުގުވެރިކަމެއް ނެތްކަން އެނގެނީ އަބަދު ހުޅުވިފައި ހުންނަ ޒިޔާރަތުގެ ދޮރުން ވަތް މީހުން މަދު ކަމުންނެވެ.

"ނުވަންނަން ޒިޔާރަތަަށް، ވަކި ކަމެއްނުވޭ ދެނެއް، ދެން ހަމަ ނުވަންނަނީ،" ޒިޔާރަތް ބަލައިލަން ވަނިންތޯ ސުވާލުކުރުމުން ތަކަންދޫގެ 43 އަހަރުގެ އަންހެނަކު ބުންޏެވެ.
ހއ. ތަކަންދޫގަ ހުންނަ އުތީމް އަލިތަކުރުފާންގެ ޒިޔާރަތް-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

މިރަށު ރައްޔިތުން މިތާރީހީ ބިނާއަށް މާ އަހުލުވެރިކުރެވިފައިނުވާއިރު މިހާއްސަ ބިނާ އެހެން މީހުންނަށް ދެއްކުމަށް ވެސް މާއެދެވޭ މަސައްކަތްތަކެއް ކުރެވޭތަނެއް ނުފެނެ އެވެ. ރަށް ކައިރި ތިން ރިސޯޓް އޮވެ އެވެ. އެ ޒިޔާރަތް ބެލުމަށް ޓޫރިސްޓަކު އައުމަކީ ހުދުކާޅެއް ފެނުން ފަދަ ކަމަކަށް ވަނީ ވެފަ އެވެ. މިއީ ކިތަންމެހާ ރީތި އަދި ސަގާފީ ބިނާއެއްނަ މަވެސް މިތަން ބަލައިލުމުގެ ޝައުގުވެރިކަން ދިވެހިންގެ ހިތްތަނުގައި އުފެއްދުމަށް ކުރެވުނު މަސައްކަތެއް ނުފެނެއެވެ.

"މަދުމަދުން އާދޭ ޓޫރިސްޓުން، އަޔަސް ގިނައިން އަންނާނީ ދިވެހިން، ދެން މިއީ ތަޅުލާތަނެއް ނޫން، އައިސް ވަދެވޭނެ ކޮންމެ މީހަކަށް ވެސް،" ތަކަންދޫ ޒިޔާރަތް ބެލުހެއްޓުމަށް ހަމަޖައްސާފައި ހުންނަ ސަޕޯޓް ސުޓާފް އަހުމަދު ސަލީމް ބުންޏެވެ.

ސަލީމްގެ ވާހަކަތަކުން އެނގުނު ގޮތުގައި އެޒިޔާރަތް ބެލުމަށް ހާއްސަ ސަމާލުކަމެއް ދީގެން މާގިނަ ބަޔަކު އައިސް ނޫޅެ އެވެ. އެ ޒިޔާރަތް ވެފައި ވަނީ ފީވިޔަ ނުދޭން ތެޔޮ ހޭކުމަށާއި ފާރު މިލަ ވިޔަ ނުދޭން ކުލަހޭކުމަށް ހަމައެކަނި ހުރިތަނެއްގެ ގޮތުގަ އެވެ. އެފަހުރުވެރިބިނާގެ ބޭނުން ހެޔޮގޮތުގައި ހިފައި ޓޫރިސްޓުންނަށް އެތަންތަން ދެއްކުމަށާއި ނަފާ ހޯދުމުގެ އިތުރުން ދިވެހިންނަށް އެތަންތަން ދައްކުވައި ފަހުރުވެރިވެވޭ ފަދަ ބިނާއެއްކަން ހާމަކޮށްދިނުމަށް މަސައްކަތް ކުރެވޭތަނެއް ނުފެ އެވެ.

މި ދެއްނެވި ތަކަންދޫގެ މިސާލުން ވެސް މިރާއްޖޭގައި ތާރީހީ ކަންކަމަށް ޝައުގުވެރިވާ މިންވަރު ކުޑަކަން ހާމަވެ އެވެ. މިއީ ތަކަންދޫގެ އެކަނި ހާލެެއް ނޫނެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ ހާލެވެ. ތާރީހީ އެތައް ހާދިސާ އަކީ ގުޅޭ އެތައް ބިނާއެއް އެތައް ސަރަހައްދެއްގައި ހުރިއިރު އެކަމާއި ދޭތެރޭ ފަހުރުވެރިވާ ފެންނަނީ މަދު ދިވެއްސެކެވެ. ގިނަ ދިވެހިން ދިރިއުޅޭ މާލޭގައި ހުންނަ މުންނާރު ވެސް އާކޮށްލަން ގިނަ ފަހަރަށް ހަނދާންވަނީ ބާވެ ކުލަވެއްޓުމުންނެވެ. ގިނަ ރަށްރަށުގައި ހުރި އެފަދަ ތާރީހީ ތަންތަން ފީވެ، ބާވެ ދަނީއެވެ. އެކަން ބޮޑުވާ މީހުން މަދެވެ. ނަމަވެސް އެހެން ގައުމުތަކަށް ބަލާ އިރު އެފަދަ ހާއްސަ ތާރީހީ ތަނެއް ހުރެއްޖެ ނަމަ އެތަނަށް ވަދެ ފޮޓޯ ނެގުމާއި އެތަނަށް ދިޔަކަން ހާމަކުރުމަކީ ލިބޭ ފަހުރަކަށް ހަދައެވެ.
ހއ. ތަކަންދޫގަ ހުންނަ އުތީމް އަލިތަކުރުފާންގެ ޒިޔާރަތް-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

ޗައިނާގެ ބޮޑުފާރާއި އިންޑިއާގެ ތާޖްމަހަލް އާއި ފުރާންސްގެ ޕެރިސްގައި ހުންނަ ޓަވަރުފަދަ ތަންތަނަކީ އެގައުމުގެ ރައްޔިތުން އިންތިހާއަށް ފަހުރުވެރިވާ ތަންތަނެވެ. އެބޮޑެތި ބިނާތަކުގެ އިތުރުން އެ ގައުމުތަކުގައި ހުންނަ އާސާރީ ތަންތަނަކީ އެގައުމެއްގެ ރައްޔިތުން އިންތިހާއަށް ފަހުރުވެރިވާ އަދި އެތަންތަނުގެ މައުލޫމާތު އެހެން މީހުންނަށް ހިއްސާކުރުމަށް އަބަދުހެން ކަރުހިއްކަ ހިއްކާ ހުންނަ ތަންތަނެވެ. އެގައުމުތަކުގެ ސަގާފަތްތަކާއި ތާރީހީ ބިނާތަކަކީ އެގައުމުގެ ރައްޔިތުންގެ ވިންދާ ގުޅިފައިވާ މުހިންމު ބިނާތަކެވެ. ނަމަވެސް މިރާއްޖޭގައި ކަން ހިނގަނީ މިމޭރުމުންބާއެވެ؟

ހެރިޓޭޖް ޑިޕާޓްމަންޓުގެ ޑިރެކްޓާ އަލީ ވަހީދު ވިދާޅުވި ގޮތުގައި ތާރީހީ ގިނަ ބިނާތައް ބެލެހެއްޓުން ހަވާލުވެފައިވަނީ ރަށު ކައުންސިލްތަކާއެެވެ. އެޑިޕާޓްމަންޓުން ހަރަދުކޮށްގެން ބަލަހައްޓަމުން ދަނީ ތަކަންދޫ ޒިޔާރަތާއި އުތީމު ގަނޑުވަރާއި ފުވައްމުލަކު ކެނޑެރެ މިސްކިތާއި ފެންފުށީ މިސްކިތެވެ. އިތުރު ތާރީހީ ބިނާތަކަކީ ރަށްރަށު ކައުންސިލްތަކަށް ބެލުމަށް ހަވާލުކޮށްފައިވާ ތަންތަން ކަމަށެވެ.

"ރަށު ކައުންސިލްތަކުން ބެލެހެއްޓުމަށް މިއިންނަނީ، ހުރިހާ ތަނެއް ބަލަހައްޓާކަށް ބަޖެޓެއް ވެސް ނެތް އަޅުގަނޑުމެންނަކަށް،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ތާރީހީ ބިނާތަން ރަނގަޅަށް ބަލަހައްޓައި އެތަންތަނުގެ މައުލޫމާތު ހިއްސާކުރުމަކީ ރަށު ކައުންސިލްތަކުގެ ޒިންމާއެއް ކަމަށެވެ. އަދި ބައެއް ކައުންސިލްތައް އެމަސައްކަތް އެގޮތަށް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހއ. ތަކަންދޫގަ ހުންނަ އުތީމް އަލިތަކުރުފާންގެ ޒިޔާރަތް-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

މަދު ކައުންސިލްއެއް އިސްނަގައިގެން ތާރީހީބިނާތަކަށް އާންމުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރިނަމަވެސް މެޖޯރިޓީ ކައުންސިލްތަކަށް އެކަން ވާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި އެތަންތަން ވެފައިވަނޫ ރަށްރަށުގައި ހުންނަ ފަޅު އިމާރާތްތަކަކަށެވެ. ފަހުރުވެރި ތާރީހީ އެ ނާސީބީ ބިނާތަކަށް ގަދަރެއް ކުރާތަނެއް ނުފެނެއެވެ.

ތާރީހީ ބިނާތަކަށް އާންމުން ހޭލުންތެރިކުރުވަން ބޭނުން ނަމަ ތައުލީމީ މަންހަޖުގައި އެފަދަ މައުލޫމާތުތައް މިހާރަށްވުރެ ފުޅާކޮށް ހިމަނަންޖެހެ އެވެ. އެއީ އެއް ސޮފްހާއިން ނިންމާލެވޭނެ ކަންކަމެއް ނޫނެެވެ. އަދި އެކިރަށްރަށުގައި ހުންނަ އެފަދަ ބިނާތައް ހިމާޔަތްކޮށް އެ ބިނާތަކުގެ މައުލޫމާތުތައް ފެތުރުމުގެ ޒިންމާ މުސާރަދޭ ދައުލަތުގެ މުއައްޒިފުންނާއި ހަވާލުކުރަންޖެހެ އެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އާސާރީ ތަންތަނާއި ތަކެއްޗަކީ އިންތިހާއަށް ސަމާލުކަންދޭ ތަންތަނާއި ތަކެއްޗަށްވާއިރު ރާއްޖޭގައި ގިނަ ފަހަރަށް އެކަން މިފެންނަނީ ދިމާ އިދިކޮޅަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް