ޕާޓީ ތެރެއިން އަޅުގަނޑު ބައްޔެއް ނުކުރެވޭނެ: މޫސަ

އެމްޑީޕީގެ ތެރެއިން ކިތަންމެ ފިއްތުންތަކެއް ކުރިމަތި ކުރިއަސް ބަލި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ސަން ޓީވީގެ "50 މިނަޓް" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީގެ ތެރެއިން އޭނާއާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު އެކަން އެކުރަނީ 2018 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރެއްވުމުން ކަމަށެވެ.

"...އެމްޑީޕީ ހަލާކު ކުރަން، އަދި ވަކި މީހަކަށް ތާއީދު ކުރާ މީހުންތަކެއް ތިބެގެން ކުޅޭ ކުޅިވަރު އަޅުގަނޑަށް އިނގޭ. އެކަމަކު އެ މީހުންނަކަށް އަޅުގަނޑު ބައްޔެއް ނުކުރެވޭނެ. އެއަށް ވުރެން އަޅުގަނޑު މާ ބޮޑުވާނެ. ދެން މީގެ ބޭނުމަކީ 2018. ދެން އޭތި އަޅުގަނޑު ކާމިޔާބު ކުރާނަން. ވަރިހަމަ ކޮންމެ މީހަކު ކުރިމަތި ލިޔަސް،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގައި 2018 ވަނަ އަހަރު އަންނަ އިރު "ހުންނެވިއްޖެއްޔާ" ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާނެ ކަމަށެވެ. ނަމަސް ފިޔަވަޅު އަޅާ ނިންމާއި އިރު އޮންނާނީ ކިހާ ހިސާބެއްގައި ކަމެއް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އަޅާ ކޮންމެ ފިޔަވަޅަކަށް އިހުތިރާމް ކުރައްވާނެ ކަމަށެވެ.
ސަން ޓީވީގެ "50 މިނިޓް" ޕްރޮގްރާމްގައި މޫސަ: ކޮންމެ މީހަކު ކުރިމަތި ލިޔަސް އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެމްޑީޕީ އިން މޫސަ ވަކިކުރިޔަސް އެހެން ޕާޓީއެއްގެ ޕޯޑިއަމުން ނުފެންނާނެ ކަމަށް މޫސަ ވަރަށް ބާރުލައްވާފައި ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮތްހާ ހިނދަކު އެހެން ޕާޓީއަކުން ދުވަހަކު ވެސް ނުފެންނާނެ ކަމަށެވެ.

"...އަޅުގަނޑެއް ދުވަހަކު ވެސް އިރާދަކުރެއްވިއްޔާ އެހެން ޕާޓީއެއްގެ ޕޯޑިއަމަކުން ނުފެންނާނެ. ދުވަހަކު ވެސް ނުފެންނާނެ،" މޫސަ ވިދާޅުވި އެވެ.

މޫސައާ ހެދި އެމްޑީޕީއަށް ގެއްލުންވާ ކަމަށް އެ ޕާޓީގެ މެމްބަރުންނަށް ގަބޫލު ކުރެވިއްޖެއްޔާ އަމިއްލަ ފުޅަށް ވެސް އެ ޕާޓީން އެއްފަރާތްވެ ވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ މިރޭގެ ޕްރޮގްރާމްގައި ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު "ނަޝީދާއި އެކު އެޕާޓީއަށް މުސްތަގުބަލެއް އޮތް ކަމަށް ގަބޫލުކުރައްވަންތޯ" ސަން ޓީވީން ދެންނެވުމުން މޫސަ ވިދާޅުވީ އެމްޑީޕީއަށް ރައީސް ނަޝީދާ ނުލައި ވެސް ކުރިއަށް ނުދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ ކުރިއަށް ދާއިރުގައި ރައީސް ނަޝީދު ވެސް ހުންނަވަން ޖެހޭ ކަމަށެވެ.
"...އެމްޑީޕީއަކީ ރައީސް ނަޝީދާއި ނުލައި ވެސް ކުރިއަށް ދެވޭނެ އެއްޗެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މޫސައާ އެމްޑީޕީގެ އެހެން ބޭފުޅުންނާ ހިޔާލު ތަފާތު ވުމެއް އުފެދިގެން އުޅެނީ މޫސަގެ އާއިލީ ކުންފުނި ހެވީލޯޑަށް ހަވާލު ކޮށްފައި އޮއްވައި ހުއްޓުވާފައިވާ ތިލަފުށި ހިއްކުމުގެ މަޝްރޫއާ ހެދި ކަމަށް އޭނާގެ ވާދަވެރިން ކުރާ ތުހުމަތު ތަކަށް ވެސް އޭނާ ޖަވާބު ދެއްވިއެވެ. އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ކުރައްވާ މަސައްކަތާ އެކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު