ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ ބަލިކޮށް ރޭނީސްގިންތީ ފައިނަލްގެ އުއްމީދު އާކޮށްފި

ޒޯން ފަހެއްގެ ދ. އަތޮޅު ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން 2-1 އިން ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ ބަލިކޮށް، މި މުބާރާތުގެ ފައިނަލަށް ދިއުމުގެ އުއްމީދު ކުޑަހުވަދޫ ރޭނީސް ގިންތީން ހޯދައިފި އެވެ. މި މުބާރާތް ކުރިޔަށް ދަނީ ދ. މާއެނބޫދޫ ރަސްމީ ފުޓުބޯޅަ ދަނޑުގަ އެވެ.

ޖުމުލަ ފަސް ޓީމު ވާދަ ކުރާ މި މުބާރާތުގައި، މިއަދުގެ މެޗަށް ނުކުތް އިރު ވެސް ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ އިން ވަނީ ނުވަ ޕޮއިންޓާ އެކު، ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އެހެން ކަމުން މި މެޗުން ބަލިވި ނަމަވެސް އެޓީމަށް ގެއްލުމެއް ނެތެވެ.



ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ އާ އެކު ފައިނަލުގައި ކުޅޭނެ ޓީމެއް ކަށަވަރުވާނީ އަންނަ ބުރާސްފަތި ދުވަހު ހަވީރު އޮންނަ މި މުބާރާތުގެ ފަހު މެޗުގެ ނަތީޖާއިންނެވެ. އެ މެޗުގައި ކުޑަހުވަދޫ ރޭނީސް ގިންތީ ނުކުންނަން ޖެހޭނީ މާއެނބޫދޫ މުޑި ޖަމިއްޔާއާ ދެކޮޅަށެވެ.

ބުރާސްފަތި ދުވަހުގެ މެޗަށް ނުކުންނަ އިރު ރޭނީސް ގިންތީ އަށް މިއަދުގެ މޮޅާ އެކު ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. މުޑި ޖަމިއްޔާ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އެހެން ކަމުން ފައިނަލަށް ދާން ބޭނުން ނަމަ ރޭނީސް ގިންތީ އަށް މުޑި ޖަމިއްޔާ ބަލިކޮށް ހަތް ޕޮއިންޓް ހޯދުން ނޫން ގޮތެއް ނެތެވެ. އެހެން ނަމަވެސް މެޗު ޑްރޯ ކޮށްލައިގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު މުޑި އަށް އެބަ އޮތެވެ. ޑްރޯ ވެއްޖެ ނަމަ މުޑި އަށް ހަތް ޕޮއިންޓް ލިބޭނެ އެވެ.



ބުރާސްފަތި ދުވަހު ވަރުގަދަ މެޗަކަށް ރޭނީސް ގިންތީ އާއި މުޑި ޖަމިއްޔާ ނުކުންނަ އިރު، ހޯމް އެޑްވާންޓޭޖް ބުރަވަނީ މުޑި ޖަމިއްޔާގެ ކޮޅަށެވެ. އެހެން ނަމަވެސް މެޗުތައް ކުޅޭ ކޮންމެ ދުވަހަކު ވެސް ކުޑަހުވަދޫން ގިނަ އަދަދެއްގެ ސްޕޯޓަރުން ޓީމުތަކަށް ހިތްވަރުދޭން މާއެނބޫދޫ އަށް ދެއެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމު ތަކަކީ ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާގެ އާއި ކުޑަހުވަދޫ ޔޫތު އެންހޭންސްމެންޓް ސޮސައިޓީ އާއި ކުޑަހުވަދޫ ރޭނީސް ގިންތީ އާއި މާއެނބޫދޫ ޔޫތު ރެކްރިއޭޝަން ކްލަބާއި މާއެނބޫދޫ މުޑި ޖަމިއްޔާ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު