ފޯކައިދޫ 'ޕޮލިސް ކަޕް' ގެ ފުރަތަމަ މެޗު ޓީމް ލީޑާސް ކާމިޔާބު ކޮށްފި

ށ. ފޯކައިދޫ ޕޮލިސްޓޭޝަނުން އިންތިޒާމް ކޮށްގެން "ޕޮލިސް ކަޕް' ގެ ނަމުގައި އެ ރަށުގައި މިހާރު ކުރިއަށް ގެންދާ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ޓީމް ލީޑާސް ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު އެ މެޗުގައި ޓީމް ލީޑާސްއާ ވާދަކޮށްފައި ވަނީ ވީސީއެކްސް ބޯ އެވެ. އެ މެޗު ޓީމް ލީޑާސް ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު އެ ޓީމް 26-24 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވާއިރު، މެޗުގެ ދެވަނަ ސެޓު އެ ޓީމް ކާމިޔާބު ކުރީ 25-18 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީމް ލީޑާސްގެ އަހުމަދު ރިލްވާން އެވެ.

އިއްޔެ ފެށި އެ މުބާރާތް ފައްޓަވާދެއްވީ ށ. އަތޮޅު ޕޮލިސް ކޮމާންޑަރު، ސަބް އިންޕެކްޓާ އޮފް ޕޮލިސް އިބްރާހިމް މުސްތަފާ އެވެ. މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މުބާރާތުގައި އެ ރަށުގެ ހަތަރު ޓީމެއް ވަނީ ބައިވެރި ވެފައެވެ.

އެ މުބާރާތް އިންތިޒާމް ކުރާ ފަރާތިން ބުނީ އެ މުބާރާތުގެ މަގްސަދަކީ ފޯކައިދޫ ޒުވާނުންނާއި ފުލުހުން ގުޅިގެން އެކުވެރި މާގައުލެއް ގާއިމް ކުރުން ކަމަށާއި، އެ ރަށުގައި ވޮލީބޯޅަ ކުރިއެރުވުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު