ފާއިޒާއި މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރަން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކި ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ފާސްކޮށްފައި ވަނީ 53 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އެ ދެބޭފުޅުން ވަކިކުރަން ނުފެންނަ ކަމަށް 21 މެންބަރުން ވޯޓު ދެއްވާފައިވާ އިރު އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިއްނެވި އެވެ. މިއަދުގެ ޖަލްސާ އަށް 78 މެމްބަރުން ވަޑައިގަތެވެ.

"އެހެންކަމުން ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން ސުޕުރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އޮނަރަބަލް އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިނާއި އޮނަރަބަލް އަލްއުސްތާޒު އަހްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރެއްވުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެއްޖެ،" މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 154 މާއްދާގައި ބުނަނީ ފަނޑިޔާރަކު މަގާމަށް ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތަކުން އެ ފަނޑިޔާރަކު ވަކިކުރެވިދާނެ ކަމަށެވެ.

ފާއިޒު އާއި މުއުތަސިމް ވަކި ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިރު، ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ބާތިލުކޮށް ދިނުމަށް އެދި އެމްޑީޕީން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދާއި ގާނޫނީ ވަކީލު ހަސަން މާޒު ޝަރީފް އަދި ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވެސް ވަނީ ހައިކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

ސުޕުރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު، އިބްރާހިމް ޝަރީފެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު