ތަކަންދޫ ޑޮލަރަށް އެދިއެދި!

ހއ. ތަކަންދޫން: އަހުމަދު ސާއިލު އަލީ

އެއީ އާދަޔާ ހިލާފު ގުދުރަތީ ރީތިކަމެއް ލިބިފައިވާ ދޮންވެލިން ތާރު އަޅާފައިވާ ސަރަހައްދެކެވެ. ވަށައިގެންވާ މޫދު އެހާ ނަލައެވެ. އެހެރަ ރީތި ކުޅިއެކެވެ. ފެހިކަން ގަދަ ގަސްފަލެކެވެ. އަޖައިބެއް ފަދަ ރީތި އެތައް ކަމެއް ހިމެނިފައިވާ އެސަރަހައްދަކީ އާންމުގޮތެއްގައި މިރަށު މީހުން "ޕިކްނިކް" އައުމަށް ޒަމާނުންސުރެއް މަޝްހޫރުވެފައިވާ ސަރަހައްދެވެ. މިއީ މިރަށަށް އަންނަ "ބީ ރައްޓެހިން" ވެސް ކޮންމެހެން ގޮސްލަން ބޭނުންވާ މަންޒިލެކެވެ. ހިތް އުފާކޮށްދޭ އެމަންޒިލުން އެހެން ނަފައެއް ހޯދުމަށް މިއަދު މުޅި ތަކަންދޫ އެދޭ ކަހަލައެވެ. އާއެކެވެ. ތަކަންދޫ މިއަދު އެދެނީ އެސަރަހައްދު ތަރައްގީ ކުރަން އެދޭ އިންވެސްޓަރެކެވެ.
ހއ. ތަކަންދޫ-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

"އަސްލު އެސަރަހައްދަށް ދަތުރު ނުދެވޭ ނަމަ ވަރަށް ދެރަވާނެ، އެއީ ވަރަށް ހިތްގައިމުތަނެއް، އެކަމު މިހާރު ހަމައެކަނި ދަތުރު ދިއުމަށް ވިސްނައިގެން ވާކަށް ނެތް، އަހަރެމެން ބޭނުން ރަށުގައި ދިރިއުޅެން، އެކަމު ރަށަކު ވަޒީފާއެއް ނެތް، ތުނޑީ ކޮޅު ތަރައްގީ ކުރެވިއްޖެ ނަމަ ވަޒީފާ އިތުރުވީމާ އިންތިޒާރު ނިމުމަކަށް އެއައީ،" ތަކަންދޫ ޒުވާނެއްކަމުގައިވާ މުހައްމަދު ނަބީލް ބުންޏެވެ.

ތަކަންދޫ ތުނޑީ ސަރަހައްދު ތަރައްގީ ކުރާނެ އިންވެސްޓަރަކު ހޯދުމުގެ މަސައްކަތް ކައުންސިލުން ވެސް ދަނީ ކުރަމުންނެވެ. ކައުންސިލުގެ ވިސްނުން ހުރީ 250،000 އަކަފޫޓު ހުންނަ ގުދުރަތީ އެ ރީތި ސަރަހައްދު ސިޓީ ހޮޓަލެއްގެ ގޮތުގައި ތަައްގީ ކުރުމަށެވެ. އެރަހައްދަކީ މާސިންގާ، އަޖައިބެއް ފަދަ ރީތި ކުޅިއަކާއި ހުދުވެލީގެ ތުނޑިއެއް އެކުލެވިގެންވާ ސަރަހައްދަކަށްވާތީ އެވެ. ހަމައެހެންމެ އެ ސަރަހައްދަކީ އިންތިހާއަށް ރުއްގަސް ގިނަ، ހުރިހާ ވަގުތެއްގައި ވެސް ގުދުރަތީ އަޑުން ގުގުމަގުގުމާ އޮންނަ ސަރަހައްދެކެވެ.
ހއ. ތަކަންދޫ ބަނދަރުމަތި-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

"އަޅުގަނޑުމެން ލޭންޑް ޔޫސް ޕުލޭންގައި ވެސް އެސަރަހައްދު ހިމަނާފައި ވާނީ އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި، އެކަން ވަނީ ހައުސިން މިނިސްޓްރީއިން ވެސް ފާސްކޮށްދީފައި،" ތަކަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު ވިދާޅުވި އެވެ.

ކައުންސިލްގެ ވިސްނުން ހުރީ ރަނގަޅު އިސްވެސްޓަރަކު ހޯދުމަށް ފަހު އެސަރަހައްދުގައި 40 ވަރަކަށް ރޫމް ގެސްޓު ހައުސް އެއް ހެދުމަށެވެ. އެސަރަހައްދު ތަރައްގީ ކުރާބަޔަކަށް އެސަރަހައްދު ހިންގަން ދިނުމަށް ނިންމާފައިވާއިރު އެސަރަހައްދު މާކަ ބޮޑު އަގަކަށް ދިނުމުގެ ވިސްނުމެއް ކައުންސިލުން ނުގެންގުޅެ އެވެ. ކައުންސިލްއިން ބޭނުން ވަނީ ބިމުގެ ކުއްޔެއް ނޫނެވެ. އޭގެ ބަދަލުގައި ކައުންސިލުން އެދޭ ކަމަކީ މިރަށަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމެވެ.
ހއ. ތަކަންދޫ-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

"އަޅުގަނޑުމެން ބޭނުންވަނީ ގާތްގަނޑަކަށް 150 އެއްހާ ވަޒީފާ މިރަށަށް ގިނައުން، މުޅިން ވެސް ވިސްނުން ހުރީ ވަޒީފާއަށް. ބޮޑު ކުއްޔަކަށް ނޫން، އަޅުގަޑުމެން ބޭނުން ވަނީ އެސަރަހައްދަށް ކޮންމެހެން ގެންނަން ޖެހޭ ޓެކްނިކަލް މުވައްޒިފެއް ފިޔަވައި ދެން މުޅިން ވެސް މިރަށު މީހުންނަށް ވަޒީފާ ދިނުން،" ކައުންސިލް ރައީސް ސޯދިގު ވިދާޅުވި އެވެ.

ތަކަންދޫގައި ހިމެނޭ ގުުދުރަތީ އަޖައިބު ކުރުވަނިވި އެ ސަރަހައްދު ތަރައްގީ ކުރެވިއްޖެ ނަމަ އެއީ އަލުން މިރަށް "ދިރެން" ލިބޭނެ ބޮޑު ފުރުސަތެކެވެ. ހާހެއްހާ މީހުންގެ އާބާދީއެއް އޮތް މިރަށުގައި ދިރިއުޅެނީ ދެތިން ޒުވާނެކެވެ. އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ ވަޒީފާ ނުލިބުމުގެ މައްސަލައެވެ. އެކަމުގެ ސަބަބުން ރަށުގައި އެދެވޭ ތައުލީމެއް ނުދެވި މާލެއަށް އާއިލާތައް ބަދަލުވުން މެކުހަށް ޖަހާފައިވާ އިރު ރަށް ދަނީ ފަޅުވަމުންނެވެ.
ހއ. ތަކަންދޫ ގޮނޑުދޮށް-- ސަން ފޮޓޯ/ އަހުމަދު ސާއިލް

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް އެސަރަަހައްދު ރިސޯޓެއްގެ ގޮތަށް ތަރައްގީވުމަކީ، އޭރުން ރަށުގައި މީހުން އާބާދުވާނެ، އޭރުން ރަށަށް އެތައް އާންމުދަނީއެއް ލިބި މާލެއަށް ކުރަން މިޖެހޭ ހޭދަ ކުޑަވެގެންދާނެ،" މިރަށު ޒުވާނެއް ބުންޏެވެ.

ގުދުރަތީ ރީތިކަން ބޭނުން ހެޔޮގޮތުގައި ހިފައި ލޯކަލް ޓޫރިޒަމްގެ ނަފާއެތައް ބަޔަކު ނަގަމުންދާއިރު އެކަން ތަކަންދޫ ރައްޔިތުން ވެސް އެދެ އެވެ. ތަކަންދޫ އަށް ލިބިފައިއެވަނީ އަޖައިބެއްފަދަ ރީތި ސަރަހައްދެކެވެ. ތަކަންދޫ ރައްޔިތުން އެދެނީ އެތަނުގެ ބޭނުން ހެޔޮގޮތުގައި ހިފައި އެތައް ހާސް ޑޮލަރެއް ކޮންމެ މަހަކު ވެސް މިރަށަށް ވެއްދުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް