ޒަމާންވީ އާދައެއް، ނުރައްކަލަކަށް ވުމުގެ ކުރިން ބަދަލު ގެންނަންޖެހިފައި!

ހއ. ތަކަންދޫއިން އަހުމަދު ސާއިލް އަލީ

ފަތިސް ނަމާދަށް ފަހު އަވަސް ވެގަތީ އަތިރި މައްޗަށް ނުކުތުމަށެވެ. ފަތިހުގެ ހިތްގައިމު އެ ވަގުުގައި މުޅި ސަރަހައްދު ގުގުމާލާފައި ވަނީ ރީތި ގުދުރަތީ އެކިއެކި ރާގުތަކުންނެވެ. ރަށުތެރެ ކިތަންމެހާ ވެސް އަމާނެވެ. ނަމަވެސް އަތިރި މައްތީގައި އެތައް ބަޔަކު ހޭލަމޭލަށް ދުވެ ނަގަނީ އެވެ. އެއީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހާލެވެ. ޒަމާންވީ އާދައެކެވެ. ފަރު މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ އިރު ނާރަނީސް މަހަށް ނުކުތުމަށް ތައްޔާރުވަމުންނެވެ. އިސާހިތަކު ބޮއްކުރާތައް މަހަށް ފުރައިފި އެވެ. ނަމަވެސް ގިނަ މަސްވެރިން މަހަށް ފުރީ ބޮޑު ނުރައްކަލަކާ އެކު އެވެ.

އެއީ މި ރަށުގައި އާދައެކެވެ. ނަމަވެސް އިންތިހާއަށް ނުރައްކާތެރި ކަމެކެވެ. އަތޮޅުތެރޭ ގިނަ ރަށްރަށާއި ހިލާފަށް މި ރަށުގައި މަހަށް ދިއުމަށް ބޭނުން ކުރަނީ ވަރަށް ކުދި ދޯނި ބޮއްކުރަ އެވެ. އެއީ ގާތްގަނޑަަކަށް ހަ ފޫޓު ދިގު ހަތަރު ފޫޓް ފުޅާ ބޮއްކުރާ ތަކެވެ. އެ ކުދި ބޮއްކުރާތަކުގައި އާންމުކޮށް މަހަށް ދާނީ އެކަކެވެ. ދެ މީހަކު އެއް ދޯނީގައި މަހަށް ދާނީ މަދުފަހަރަކު އެވެ. ގިނަ ދޯނިފަހަރަކީ ސަލާމަތީ އާލާތްތަކުގެ އިތުރުން މުއާސަލާތުުރެވޭނެ އެއްވެސް ވަސީލަތެއް ވެސް ގާއިމް ނުކުރެވިވާ ދޯދި ފަހަރެވެ. މިއީ ކަނޑުދަތުރު ފަތުރާ ބެހޭ ގާނޫނާއި ހިލާފަށް ކުރެވޭ ކަމެކެވެ. މިއީ ވަރަށް ޒަމާންވީ އާދައެކެވެ. ނަމަވެސް މިކަމުގެ ސަބަބުން ތަފާތު ނުރައްކާތެރި ހާދިސާތައް ވެސް ވަނީ ހިނގާފަ އެވެ.
ހއ. ތަކަންދޫ ބަނދަރުމަތީ ދޯނި ތަކެއް އެހެލާފައި-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

ބައެއް މަސްވެރިން އެކަނި މަހަށް ނުކުމެ އުޅުމުގެ ތެރޭގައި ސިއްހަތަށް ދިމާވާ މައްސަލަތަލުގެ ސަބަބުން އަނބުރާ ރަށަށް ނާދެވި ހާލު ބޮޑުވެފައި ވެސް އެބަ ހުއްޓެވެ. ބައެއް މީހުން ރަށާއި މާ ދުރުގައި މަހަށް ނުކުމެ އުޅެނިކޮށް ދޯނި ބަންޑުން ޖަހާލުމުގެ ހިތާމަވެރި ހާދިސާތަކާއި މަސް ބޭނުމުގެ ތެރެއިން ދިމާވެފައިވާ "މަރުގެ އެތި ފަހަރެއް"ކޭ ބުނެވޭ ފަދަ އެތައް ހާދިސާއެއް ހިނގާފައި އެބަހުއްޓެވެ. މިއީ މާޒީގައި ހިނގާފައިވާ ހިތާމަވެރި ކަންކަމެވެ. ނަމަވެސް މިކަމުން ރައްކަލަކަށް އަދިވެސް ފިޔަވަޅެއް ނޭޅެ އެވެ.

މިއީ ރަށު ކައުންސިލްއަށް ވެސް ބޮޑު ކަންބޮޑުވުމެކެވެ. އަދި މަސްވެރިންގެ އާއިލާތަކަށް ވެސް އޮތް ބިރެކެވެ. ނަމަވެސް މި ޒަމާންވީ އާދައަށް ބަދަލެއް ނާންނަކަމީ ދިމާވެދާނެ ނުރައްކާތަކަށް ތައްޔާރު ނުވެވޭ ކަމުގެ ހެއްކެކެވެ.

ދެން އޮތް ސުވާލަކީ އެތައް ނުރައްކަލެއް އަތް މައްޗަށް ލައިގެން ގިނިކަންޔާ މަހަށް ނުކުންނަނީ ކީއްވެގެންބާއެވެ؟ ޒުވާނުން ބުނާގޮތުން ނަމަ ދުވަސްވީ މީހުން އެހެން ހަދަނީ "ބާނާ މަސް ބަހަން ޖެހިދާނެތީ" އެވެ. ނަމަވެސް މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަމާއި އިންކާރުކުރެ އެވެ. އެ މީހުން ބުނާ ގޮތުން ނަމަ އެއީ އެމީހުންގެ ޒަމާންވީ އާދަ އެވެ.

"އަހަރެމެން ބައްޕަމެން ވެސް ދުނިޔަ ދޫކޮށް ދިޔައީ މިހެން މަސްވެރިކަންކޮށްކޮށް، އެހެން ނޫނަސް މިކަހަލަ ކުދި ދޯނި ފަހަރަށް ކިހިނެއް ދެ ތިން މީހުން ދާނީވެސް، މިހާރު މިދާގޮތް ރަނގަޅީ ހަމަ،" ތަކަންދޫގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ 67 އަހަރުގެ މީހަކު ބުންޏެވެ.

އެކަނި މަހަށް ނުކުންނަ މައްސަލާގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ، އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޔާ ހުސައިން އަލީ ވިދާޅުވީ އެފަދަ ގޮތަކަށް މަސްވެރިކަމު ނުކުމެ އުޅުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި އަދި މުއާސަލާތީ އެއްވެސް ވަސީލަތެއް ނެތި ދަތުރުކުރުމަކީ މަނާކަމެއް ކަމަށް ވިދާޅުވި އެވެ.

"އެގޮތަށް އެކަނި މަހަށް ގޮސް އުޅުމަކީ މީހާއަށް ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް، ހާދިސާއެއް ހިނގައިފި ނަމަ ކަމާބެހޭ ފަރާތްތަކަށް އެންގޭނެ ގޮތެއް ނޯވޭ، އަދި މިހާރުގެ މޫސުމާއި ކުރީ ޒަމާނުގެ މޫސުމާއި ތަފާތު،" ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ނުރައްކަލުން މީހުން ސަލާމަތް ކުރުމަށް އެމްއެންޑީއެފްއިން ކުރަމުންދާ މަސައްކަތްތަކަކީ ރަށްރަށު ރަށު ކައުންސިލްތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕުރޮގުރާމްތައް ހިންގުން ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހއ. ތަކަންދޫ ބަނދަރުމަތީ ދޯނި ތަކެއް އެހެލާފައި-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅެންވެއްޖެ އެވެ. ނޫނީ އެތައް ބަޔެއްގެ ފުރާނައަށް ނުރައްކާވުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. އެކަނި އުޅެނިކޮށް ސިއްހީ މައްސަލައެއް ފެންމަތިވި ނަމަވެސް ނޫނީ މޫސުން ގޯސްވި ނަމަވެސް ސަލާމަތްވުމުގެ ފުރުސަތު ކުޑަވާނެ އެވެ.

ތަކަންދޫން ފަތިހުގެ ހިތްގައިމު ވަގުތު ފެނުނު މި ހިތްދަތިކުރުވަނިވި މަންޒަރަކީ އަތޮޅުތެރޭ ރަށްރަށުގައި އާންމުކަމެކެވެ. ނަމަވެސް މިއީ ދިމާވެދާނެ ނުރައްކަލަކަށް ޓަކައި ކޮށްގެންވާނެ ވަރުގެ ކަމެއް ނޫނެވެ. އެއީ ޒަމާންވީ އާދައެއް ނަމަވެސް ނުރައްކަލުން ސަލާމަތްވުމަށް އެކަން ދޫކޮށްލަން ވެއްޖެއެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް