ތެޔޮ ބާޖަކުން މާލޭ ފަޅުތެރެއަށް ތެޔޮ ލީކުވެއްޖެ

ތެޔޮ ބަރުކޮށްފައި އޮތް ބާޖެއް، މާލޭ ދެކުނު ފަރާތު ފަޅުތެރެއަށް އަޑިއަށް ދަނިކޮށް، އެ ބާޖު ތިލަ ކުރުމުގެ ތެރޭގައި މޫދަށް ތެޔޮ އެޅިއްޖެ އެވެ.

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އެ ބާޖު އަޑިއަށްދާތީ، ސިފައިންނާ ފުލުހުން ދަނީ ކެރޭނެއްގެ އެހީގައި އެ ބޯޓު ތިލަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބާޖު ތިލަ ކުރުމުގެ ތެރޭގައި ގިނަ އަދަދަކަށް ތެޔޮ ވަނީ މޫދަށް އެޅިފަ އެވެ.

ބާޖު އަޑިއަށް ގޮސް ފަޅުތެރެއަށް އިތުރަށް ތެޔޮ ލީކުވުމުގެ ކުރިން ބާޖުގައި ހުރި ތެޔޮ ހުސް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެގޮތުން ބާޖުގައި ހުރި ތެޔޮ އެހެން ބޯޓަކަށް ބަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަޑިއަށްދާ ތެޔޮ ބާޖު ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ އަހުމަދު އާޒިފް

ބާޖުގައި 20،000 ލިޓަރުގެ ޑީސަލް ހުރި ކަމަށްވެ އެވެ. ބާޖު ފުންކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނާ ގޮތުން ކުރިއަށް ގޮތް ގަޑިއެއްހާއިރު ތެރޭގައި ބާޖުން ތެޔޮ ހުސްކޮށް ނިމޭނެ އެވެ.

ބާޖުގެ އިންޖީން ރޫމަށް ވަނީ ފެން ވަދެ، އަރިއަޅާލާފަ އެވެ. ނަމަވެސް ބާޖުގެ ތެޔޮ ޓޭންކަށް އަދި ފެން ނުވަދެ އެވެ.

އަޑިއަށްދާ ތެޔޮ ބާޖުގައި 20،000 ލިޓަރުގެ ތެޔޮ އެބަހުރި-- ސަން ފޮޓޯ/ އަހުމަދު އާޒިފް
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު