އާ ޕެނަލް ބޯޑުތައް މިރޭ މާލެ ގެންނާނެ: ޓާސްކް ފޯސް

އެމްޑަބްލިއުއެސްސީގައި އަލިފާނުގެ ހާދިސާގައި އަނދައިގެން ގޮސްފައިވާ އެތަނުގެ ޕެނަލް ބޯޑުތަކުގެ ބަދަލުގައި ބަހައްޓާ އާ ޕެނަލް ބޯޑުތައް މިރޭ މާލެ ގެންނާނެ ކަމަށް ޓާސްކްފޯސް އިން ބުނެފި އެވެ.

ފެނުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އެކުލަވާލި ޓާސްކް ފޯހުގެ ޗެއާމަން އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު "ސަން" އަށް ވިދާޅުވީ އެ ޕެނަލް ބޯޑުތަކަކީ އެމްޑަބްލިއުއެސްސީގެ އިންޖީނުރޫމަށް ހާއްސަކޮށްގެން ސިންގަޕޫރުގައި ހަދާފައިވާ ޕެނަލް ބޯޑުތަކެއް ކަމަށާއި އެ ޕެނަލް ބޯޑުތައް މިރޭގެ ވަގުތެއްގައި ސްރީލަންކާގެ އަސްކަރިއްޔާގެ ބޯޑެއްގައި މާލެ ގެނެވޭނެ ކަމަށެވެ.

"މިރޭ އާ ޕެނަލް ބޯޑުތައް ގެނެވޭނެ. އަދި ވީހާ ވެސް އަވަހަކަށް އާ ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ފެށޭނެ، މިހާރު ފެން ދޫކުރަމުން ގެންދަނީ އެތަނުގައި (އެމްޑަބްލިއުއެސްސީ)ގައި އެއްކޮށް ހަލާކުނުވެ ހުރި ބައެއް ޕެނަލް ބޯޑުތައް މަރާމާތުކޮށްގެން،" ނާޒިމް ވިދާޅުވި އެވެ.

ފެން ކުންފުންޏަށް ދިމާވި އެ މައްސަލައާ ގުޅިގެން މާލެއިން ފެނުގެ ހިދުމަތް މެދުކަނޑާލުމަށް ފަހު މިހާރު ފެންދޫކުރަމުން ގެންދަނީ އެތަނުގައި ހުރި ބައެއް ޕެނަލް ބޯޑުތައް މަރާމާތުކޮށްގެންނެވެ.

އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑުތައް ހުންނަ ބައިގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ސިންގަޕޫރުގެ ޓެކްނިކަލް ޓީމެއް ރާއްޖޭގައި ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ޓާސްކް ފޯސް އިން ވަނީ ބުނެފަ އެވެ.

އެމްޑަބްލިއުއެސްސީގައި ހިނގި އެ ހާދިސާގައި އެކުންފުނީގެ ފެން އުފައްދާ ޕްލާންޓްތަކަށް ކަރަންޓް ފޯރުކޮށްދޭ ޖަނަރޭޓަރުތަކާއި އެކުންފުނީގެ ފެން ޕްލާންޓަށް ފެން ފޯރުކޮށްދޭ ގިނަ ޕެނަލް ބޯޑުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު