ބެކަޕެއް ނެތުން، ބޮޑު މައްސަލައެއް

ކަރަންޓު ނެތި ވަގުތު ކޮޅެއް ވުން ނޫނީ 24 ގަޑިއިރު ވީ ނަމަވެސް ގަދަ ހިތްވަރާ އެކު ކެތް ކޮށްލެވިދާނެ އެވެ. ބޯ ކަރުދާސްކޮޅަކުން ވެސް ވައި ޖައްސައިލެވިދާނެ އެވެ. ކަރަންޓުގެ ހިދުމަތް 24 ގަޑިއިރު ނުލިބުނު ޒަމާނަކީ ރާއްޖޭގައި ދިރިއުޅޭ މެޖޯރިޓީ މީހުން ދެކެ ތަޖުރިބާކޮށްފައިވާނެ ކަމެކެވެ. ނަމަވެސް ފަހުގެ މިޖީލަށް ފެން ނުލިބުނު ޒަމާނެއް ތަޖުރިބާކުރިހެން ހިޔެއް ނުވެއެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 130000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ވެރިރަށް މާލެއަށް ދިމާވެފައިވާ މި މައްސަލައަކީ ކެތް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެންމެން މިވަނީ ހާލުގައި ޖެހިފައެވެ. އެތައް ބަޔަކު މިވޭން ބަރުދާސްކުރަމުން ދާއިރު މިކަމުގައި ކޮންމެވެސް އިހުމާލެއް ނުވަތަ ފަރުވާ ކުޑަކޮށްލެވުމެއް ނުވޭތޯ އެވެ؟

ރައްޔިތުން ދައްކާ ފެންބިލުގެ ފައިސާއިން ބޮޑެތި ފައިދާތަކެއް ވަމުން އަންނަ ކުންފުންޏަކުން ބެކަޕެއް ތައްޔާރު ނުކުރެވި އެތައް ވެރިކަމެއް ނިމިގެން ގޮސްފައިވާ އިރު މި ފަދަ ކަމެއްގައި ބޭރުގެ ގައުމުތަކުގައި ސަލާންޖަހަން ޖެހުމަކީ ހިތާމަވެރި ކަމެކެވެ. އާޚިރު ނަތީޖާއެއްގެ ގޮތުން ހަލާކުވި ޕެނަލްތައް ހެދުމަށް ފަންޑު ވެސް ހުޅުވަން ޖެހުނީ އެވެ. ބޭރުގެ ހިއްސާދާރަކާ ގުޅިގެން ފައިދާއާ އެކު ހިންގަމުން އަންނަ ފެން ކުންފުނީގެ ބެކަޕް ސިސްޓަމެއް ނެތީ ކީއްވެ ހެއްޔެވެ؟ މިދިޔަ އެތައް އަހަރެން ވާންދެން ކުންފުންޏަށް ލިބުނު ފައިދާއިން ތަނުގެ މި ފަދަ ސެކިއުރިޓީ ނިޒާމަކަށް އިންވެސްޓް ކޮށްފައި ނެތީ ކީއްވެ ހެއްޔެވެ؟ ހަރުދަނާ ބެކަޕް ސިސްޓަމެއް ނެތި މިހާލަތަށް ކުންފުނި ވެއްޓެން ޖެހުނީ ކީއްވެ ހެއްޔެވެ؟ މީ މިއަދު ކުރެވޭ ސުވާލު ތަކެވެ.

ދައުލަތުގެ ފެން ކުނި، އެމްޑަބްލިޔުއެސްސީގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގާތްގަނޑަކަށް ގަޑިއެއްހާ އިރުގެ ތެރޭގައި މުޅި މާލެއިން މިވަނީ އެންމެ އަސާސީ ހިދުމަތް ކަމަށްވާ ފެން ކެނޑިފައެވެ. އޭގެ ފަހުން އެތައް ގަޑިއިރަކަށް ފަހު ފެން ދޫކުރާއިރު މިއި ތޯތޯ ކަމެއްް ނޫނެވެ. ބޯނެ ފެން ލިބެނީ ދެފައި ދުޅަވާ ފަހުންނެވެ. ޒަރޫރީ ބޭނުން ތަކަށް ގިނަ މީހުންނަށް ފެނެއް ނުލިބެއެވެ. ފެން ކުންފުނީން ސަޕްލައިކުރާ ފެން ބިމުން މައްޗަށް އަރުވާނެ ޕްރެޝަރެއް މިއަދު ވެސް ނެތެވެ.

ކުއްލި ހާދިސާއެއް ދިމާވުމަކީ އެކަކަށް ވެސް ހުއްޓުވޭނެ ކަމެއް ނޫނެވެ. ނަމަވެސް އެކަމަށް ތައްޔާރުވެ ފިޔަވަޅު އެޅުމަކީ ބޭރު ގައުމުތަކުގެ ހިއްސާއާ އެކު ހިންގާ މިފަދަ ބޮޑެތި ކުންފުނިތަކުން ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ކުއްލި ހާލަތެއް ދިމާވެދާނެތީ، އޭ،ބީ،ސީ ކީކުރަންތޯ ޒެޑާއި ހަމައަށް ވެސް ޕްލޭންތައް ހަދައިފައި ހުންނަން ވާނެއެވެ. ފެނަކީ އެންމެ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ އެއްޗަކަށް ވާއިރު އެކަށީގެންވާ ރިޒާވެއް ވެސް ހުންނަން ޖެހޭނެ އެވެ. އެދެވޭ ގޮތަކަށް ހިދުމަތް ދިނުމަކީ އެއީ އެވެ. މާލޭގައި ބޭނުން ކުރެވޭނެ ފެން ރައްކާކުރެވި އެފެން ގޭގެއަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހުންނަން ވާނެ އެވެ. މިހެން ކަންކަން ހުރި ނަމަ ހަމަ ހަމަ ގައިމުވެސް ގައުމުގެ މެޖޯރިޓީ ރައްޔިތުން މިއަދު މިވޭނުގައި އުޅޭކަށް ނުޖެހުނީހެވެ.

"އަޅުގަނޑަށް ވެސް އެނގޭ އެއް މެޝިން ހަލާކުވެދާނެތީ އަނެއް މެޝިން ބެކަޕަކަށް ނުބެހެއްޓޭނެކަން، މެޝިނަރީ އަކީ ވަރަށް އަގު ބޮޑެތި ތަކެތި، ނަމަވެސް އެބަޖެހޭ ދެއްތޯ މަދުވެގެން ތިން ދުވަހު ނަމަވެސް މާލެއަށް ބޭނުންވާ ފެން ފޯރުކޮށްދެވެން، އެވަރުގެ ބެކަޕެއް އެންމެ ދަށްވެގެން ހުންނަން ވާނެ،" ފެން ކެނޑުމުގެ މައްސަލައިގައި ޝަކުވާ ކުރި މީހަކު ސަން އަށް ބުންޏެވެ.

މިއީ ފެން ކުންފުނީގެ މިއަދުގެ މެނޭޖުމަންޓަކުން ނުވަތަ މިއަދުގެ ސަރުކާރުން އެކަނި ޒިންމާ ނަގަން ޖެހޭ ކަމެއް ނޫނެވެ. ވޭތުވެދިޔަ ތަނުގައި އެފަދަ ކަންކަމުގައި ގޮތް ނިންމަން ތިބި ފަރާތްތަކުން މިކަމުގެ ޒިންމާ ފުރިހަމަ ގޮތުގައި ނަގަން ޖެހެއެވެ. އެބޭފުޅުންގެ ޒިންމާ ރަނގަޅަށް އަދާކޮށްފައި އޮތް ނަމަ ގައުމެއްގެ ވެރިރަށް ދޮޅުގަޑި އިރު ތެރޭގައި ފެނަށް ޖެހުމުގެ ފުރުސަތު ކުޑަ ކުރަވުނީހެވެ.

ބައެއް މީހުން މި މައްސަލަ ސިޔާސީ ކުރާން މަސައްކަތް ކުރަނީ އެވެ. ހީވަނީ މީ މިއަދުގެ ސަރުކާރުގެ އިހުމާލުން ވީ ކަމެެއް ހެންނެވެ. އެހެން ނަމަވެސް ހަގީގަތަކީ އެތައް އަހަރެން ވާންދެން ފައިދާ އާ އެކު ހިންގަމުން އަންނަ ކުންފުންޏެއްގެ ބެކަޕް ހުންނާން ވާނީ މިހާ ހިސާބަށް އަންނަ އިރު ގާއިމް ކުރެވިފައި ކަމެވެ. ރާއްޖޭގެ އިތުރުން ބޭރުގެ ވަރުގަދަ ކުންފުންޏެއްގެ ވެސް ބޮޑު ހިއްސާއެއް އޮވެގެން ހިންގަމުން އައި މި ކުންފުނީގައި މިފަދަ ކަމެއް ހިނގުމުން އޭގެ ހުރިހާ ޒިންމާއެއް އިހައްދުވަހު ވެރިކަމަށް ވަޑައިގެންނެވި ރައީސެއްގެ އިސްތަށިފުޅުގައި އެޅުވުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫނެވެ.

މި ހާދިސާއާ ގުޅިގެން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުމަރު ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވާ ސަރަހައްދަކީ އިންޓަނޭޝަނަލް މިންގަނޑަށް ކަންކަން ގާއިމްކޮށްފައިވާ ތަނެއް ކަމަށެވެ. އަދި މިހާރު ރައްޔިތުންނަށް ފެން ދޫކުރަމުން އަންނަނީ އެކުންފުނީގެ ބެކަޕުން ކަމަށް ވެސް ވިދާޅުވިއެވެ.

ބެކަޕުން ކަމަށް އެކުންފުނިން ބުނި ނަމަވެސް ރަނގަޅު ބެކަޕެއް ގާއިމްކުރެވިފައި ވާނަމަ ފެންފޮދަކަށް އެދި 12 ގަޑި އިރުވަންދެން މަޑުކުރާކަށް ނުޖެހޭނެ އެވެ. ހަމައެހެންމެ ޕުރެޝަރުގައި ފެން ނައިސްގެން ފުރަތަމަ ފުލޯއަށް ނޫން އެހެން ފުލޯތަކަށް ފެން ނުލިބިގެން ތިބޭކަށް ވެސް ނުޖެހޭނެ އެވެ.

މާލެ ފެނަށް ޖެހުމުން ސަރުކާރުންނާއި ދިފާއީ ބާރުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ވޮލަންޓިޔަރުން ގުޅިގެން ވަނީ ކޮންމެ މީހަކަށް ވެސް ބޮވޭނެ ވަރަށް ފެން ބަހާފައެވެ. އެކަމަށް ހަގީގަތުގައިވެސް ޝުކުރު ހައްގެވެ. އަދި މި މައްސަލައިން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ އަވަސް ފިޔަވަޅު ތަކަށް ވެސް ޝުކުރު އަދާކުރާން ޖެހެ އެވެ. ނަމަވެސް ހަގީގަތަކީ ގޭގޭގައި ކެއްކުމަށާއި އެއްޗެހި ދޮވުމުގެ އިތުރުން ފެންވެރުމާއި ފާޚާނާ ކުރުން ފަދަ ޒަރޫރީ ބޭނުން ތަކަށް ފެން އަދިވެސް ނުލިބޭ ކަމެވެ.

ވީކަމެއް ވީއެވެ. ނަމަވެސް މިއީ ދާއިމީ ހައްލެއް ބޭނުންވާ ކަމެކެވެ. އެންމެ މަދުވެގެން ތިން ވަރަކަށް ދުވަހުގެ ބެކަޕް ސްޓޯރޭޖެއް ހަދައި އެފެން ދައްޗަކާއި ނުލައި ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސާފައި ވާނަމަ ވެސް މިހާލެއް ވެރިރަށުގައި ދިރިއުޅޭ ރައްޔިތުންނަކަށް ނުޖެހޭނެ އެވެ. އެހެން ކަމުން މިފަދަ ހާދިސާއެއް އެހެން ދާއިރާތަކުން ވެސް ދިމާވިޔަ ނުދިނުމަށް ކުރިއާލާ ޕުލޭނެއްގެ ދަށުން ކަންކަން ރާވައި އިންތިޒާމް ކޮށްފައި ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިއަދުގެ ހާލަތަކީ މީހުން ފެން ހޯދުމަށް އެތައް މިތަނަށް ދުވެ ނަގަނީއެވެ. އަނބިދަރިންނަށް ފެން ފޯރުކޮށް ނުދެވިގެން މާޔޫސްވި އެތައް ބަފައިންނެއް އެބަ އުޅެއެވެ. މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންވެސް ފެންކިޔޫ ތަކުގަ އެވެ. ޅަދަރި މައިން ވެސް ދަރީން އުރު ޖަހައިގެން ކިޔޫގަ އެވެ. ކިރިޔާ ހިނގައި އުޅެވޭ ވަރުގެ ކުދީން ވެސް ކިޔޫގަ އެވެ.
މިހާރު މި އޮތް ނިޒާމުގައި ބޯފެން ގިނައިން ލިބޭނީ އޭރުންނެވެ. ގިނަ މީހުން ކިޔޫގައި ޖެހިގެނެވެ.

މާލޭގައި ދިރިއުޅޭ 130000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މިވަނީ ޒަރޫރީ ބޭނުންތައް ފުއްދަން ބޮޑު ދައްޗަކަށް ވެފައެވެ. ކުރިއާލާ ރޭވުންތަކެއް ރޭވި އިންތިޒާމް ތައް ހަމަޖެއްސިފައި އޮތް ނަމަ މިދަތުރެއް ނުޖެހުނީހެވެ.
ގުޅޭ ޓެގު
comment ކޮމެންޓް