ހިންގާ ކޮމިޓީ އުވާލީ ބަޔަކު ދިން ދޮގު މައުލޫމަތެއްގެ މައްޗަށް ބިނާކޮށް: އެފްއޭއެމް

ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ، ފީފައިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ހިންގާ ކޮމިޓީ އުވާލައި، އެ އެސޯސިއޭޝަން ހިންގުމަށް އިންތިގާލީ ކޮމިޓީއެއް ހަމަޖެއްސީ ބަޔަކު ދިން ދޮގު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމް އިން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ނިންމުމަކީ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއްކަމަށާއި، މިއީ ފީފާގެ އެންމެ ފަހު ނިންމުމަށް ވުމުގެ ފުރުސަތު ހަނި ކަމަށެވެ. އަދި ފީފާގެ އެމާޖެންސީ ކޮމިޓީގެ ނިންމުންތައް އެ އިދާރާގެ އެގްޒެކެޓިވް ކޮމިޓީއަށް (އެކްސްކޯ) ބަދަލުކުރެވޭނެ ކަމަށާއި، އިމާޖެންސީ ކޮމިޓީއަކީ ފީފާގެ އެކްސްކޯއަށް ލަފާދޭން އޮންނަ ކޮމިޓީއެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ފީފާގެ އެމާޖެންސީ ކޮމިޓީން އެފްއޭއެމްގެ ހިންގާ ކޮމިޓީ އުވާލައި، އެފްއޭއެމް ހިންގަން އިންތިގާލީ ކޮމިޓީއެއް އެކުލަވާލި ކަމަށް އެ އިދާރާއިން ހާމަކޮށްފައި ވަނީ އިއްޔެ އެވެ. ފީފާއިން ބުނިގޮތުގައި އެ އިދާރާގެ އެމާޖެންސީ ކޮމިޓީން އެ ނިންމުން ނިންމާފައި ވަނީ އެފްއޭއެމްގެ އަހަރީ ކޮންގްރެސް ބާއްވަން އެ އެސޯސިއޭޝަނުން ނުކުޅެދިފައި ވާތީ އެވެ. އެފްއޭއެމްގެ އެކްސްކޯގެ މެމްބަރުންތަކެއް އިސްތިއުފާ ދިނުމުން އެ އެސސޯސިއޭޝަންގެ ނިންމުންތައް ނިންމުމަށް އެކްސްކޯ ނުކުޅެދިފައިވާ ކަމަށް ވެސް ފީފާއިން ބުންޏެވެ.

ފީފާގެ އެ ވާހަކަތަކައް ރައްދެމުން އެފްއޭއެމުން ބުނީ އެ އެސޯސިއޭޝަންގެ އަހަރީ ކޮންގްރެސް ބޭއްވުމުގައި ހިންގާ ކޮމިޓީގެ މައްސޫލިއްޔަތަކީ އެކަން އިންތިޒާމް ކުރުން ކަމަށެވެ. އަދި އެކަން ހިންގާ ކޮމިޓީން ކޮށްފައި ވާނެ ކަމަށާއި، އެ ކޮންގްރެސް ނުބޭއްވުނީ ހިންގާ ކޮމިޓީގެ ބާރު ނުހިނގާ ކަމަކާ ގުޅޭ ގޮތުން އެ ޖަލްސާތެރޭ މީހަކު އަޑުގަދަކޮށް، ޖަލްސާ ހުއްޓުވަން މަސައްކަތް ކުރުމުން ކަމަށް އެފްއޭއެމުން ބުންޏެވެ.

އެފްއޭއެމުން ބުނީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރުންތަކެއް އިސްތިއުފާ ދެއްވުމުން އެ ކޮމިޓީގެ ކޯރަމް ގެއްލި، އެސޯސިއޭޝަންގެ ނިންމުންތައް ނިންމުމަށް އެ ކޮމިޓީ ނުކުޅެދިފައި ނުވާކަމަށެވެ. އަދި އިސްތިއުފާ ދެއްވި ދެ މެންބަރުންގެ އިތުރުން އެ ކޮމިޓީގައި ފަސް މެންބަރު ހިމެނޭ ކަމަށާއި، މިއީ ގާނޫނީ ގޮތުން އެ ކޮމިޓީގެ ކޯރަމާއި މެޖޯރިޓީ ހަމަވާ އަދަދެއް ކަމަށް އެފްއޭއެމުން ބުންޏެވެ.

އެފްއޭއެމުން މިދިޔަ ސެޕްޓެމްބަރު މަހު ބާއްވަން އުޅުނު އެ އެސޯސިއޭޝަންގެ އަހަރީ ކޮންގްރެސް ބޭއްވިފައި ނުވަނީ އޭޖެންޑާގެ މައްސަލަތަކެއް ދިމާވެގެންނެވެ. އެ ކޮންގްރެސްގައި 18 ކްލަބަކުން އެފްއޭއެއްގެ ރައީސް އިލްހާމް އަހުމަދާއި ނައުބުރައީސް އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އެޖެންޑާގައި ހިމަނަން އެދިފައި ވެއެވެ. ކޮންގްރެސް ހުއްޓާލަން ޖެހުނީ އެ މައްސަލަ އޭޖެންޑާ ކޮށްފައި ނެތުމުންނެވެ.

އެފްއޭއެމުން ނެރުނު ބަޔާނުގައި ވަނީ އެ އެސޯސިއޭޝަންގެ އަސާސީ ގަވައިދުގައި ވާގޮތުން ވަކިކުރަން ބޭނުންވާ މެންބަރަކު ވަކިކުރަން ބޭނުންވާ ސަބަބުތައް އެޖެންޑާގައި ހިމަނަން ޖެހޭ ކަމަށެވެ. އަދި ވަކި ކުރުމަށް އެދޭ މެންބަރަކަށް އަމިއްލަ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު އެ ގަވައިދުގެ ދަށުން ލިބިދީފައި ވުމުން، ކުރިން އެންގުމަކާ ނުލައި އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެފްއޭއެމުން ބުންޏެވެ.

އެފްއޭއެމް އިން ބުނިގޮތުގައި ފީފާއިން އެކުލަވާލި އިންތިގާލީ ކޮމިޓީގެ މެންބަރުން އެ ކޮމިޓީއަށް އައްޔަން ކޮށްފައި ވަނީ ރާއްޖޭގެ ގާނޫނާ ޚިލާފަށެވެ. ރާއްޖޭގެ ޖަމްއިއްޔާތަކާ ބެހޭ ގާނޫނު ބުނާގޮތުން ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީގެ މެންބަރަކަށް ވެވޭނީ އެ ޖަމްއިއްޔާގެ މެންބަރަކަށް ކަމަށާއި ފީފާއިން އައްޔަނު ކުރި މެންބަރުންގެ ކިބައިގައި އެ ޝަރުތު ހަމަ ނުވާކާމަށް އެފްއޭއެމުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު