ބަޔަކު ދައްކާ ވާހަކައަކުން ޓޫރިމަށް ގެއްލުންވެދާނެ ކަމަށް އަޅުގަނޑަކަށް ނުވިސްނޭ: ނަޝީދު

ބަޔަކު ދައްކާ ވާހަކައަކުން ޓޫރިމަށް ގެއްލުން ލިބިދާނެ ކަމަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އދ. ގެ އޭޝިއާ-ޕެސިފިކް ބިޒްނަސް ފޯރަމްގައި ބައިވެރިވަޑައިގަތުމަށް ސްރީ ލަންކާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރާއްޖެ ވަޑައިގެން ރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޔަކު ދައްކާ ވާހަކައަކުން ޓޫރިޒަމަށް ގެއްލުން ލިބިދާނެ ކަމަށް އެއްގޮތަކަށް ވެސް އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޚިޔާލެއް ފާޅުކޮށްގެން ވާހަކައެއް ދައްކައިގެނެއް މައުލޫމާތެއް ދީގެން ޓޫރިޒަމަށް ގެއްލުން ނުވާކަން އަޅުގަނޑުމެނަށް މާ ސާފުކޮށް އެނގޭ ކަމަށާއި ޓޫރިޒަމަށް ގެއްލުންވަނީ ކުރާ ކަމެއްގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑަކަށް އެއްވެސް ގޮތަކަށް ނުވިސްނޭ ބަޔަކު މީހުން ދައްކާ ވާހަކައަކުން ނެއް ޓޫރިމަކަށް ގެއްލުން ލިބިދާނެ ކަމަކަށް. ތަނެއްގައި ކުރާ ކަމަކުން ގެއްލުން ލިބިދާނެ. ހިނގާ ކަމަކުން ގެއްލުން ލިބިދާނެ. އެހެންނަމަވެސް ޚިޔާލެއް ފާޅުކޮށްގެން ވާހަކައެއް ދައްކައިގެނެއް މައުލޫމާތެއް ދީގެން ޓޫރިޒަމަށް ގެއްލުން ނުވާކަން އަޅުގަނޑުމެން އެންމެނަށް މާ ސާފުކޮށް އެބަ އެނގޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ

އެމަނިކުފާނު ވިދާޅުވީ ހަގީގީ ވާހަކައާއި ފުން ވިސްނުމާއި ތަނަވަސް ޚިޔާލާއި މަޝްވަރާއާއި ބަހުސް ނުހިނގަންޏާ ރާއްޖެއަށް ގެއްލުންވާނެ ކަމަށެވެ. އަދި ވިދާޅުވީ ހިނގާ ކަންކަން ނުހިނގާ ކަމަކަށް ކިތަންމެވަރަކަށް ހަދަން އުޅުނަސް އެކަމެއް ނުވާނެ ކަމަށެވެ.

ރާއްޖެއަށް ޓޫރިސްޓުން ނާންނަނީ ކޮންކަންތައްތަކެއް މެދުވެރިވެގެންތޯ ތަފާސް ހިސާބުތަކަށް ބެލުމުން އެނގޭނެ ކަމަށާއި ދައްކާ ވާހަކައެއްގެ ސަބަބުން ޓޫރިޒަމަށް ގެއްލުންވާނެ ކަމަށް ބުނުމަކީ "އަސްލެއް ނެތް ބޯދާ ވާހަކަތަކެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ރައީސް ނަޝީދުގެ ސަބަބުން ހުރަސް އެޅެމުންދާ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް އަށް ނިސްބަތްވާ މެމްބަރުން އަންނަނީ ވިދާޅުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓު ކުރުމަށް ރައީސް ނަޝީދު ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު