"ފްރީ ބީއިންގް މީ" ޕްރޮގްރާމް ރާއްޖޭގައި އިފްތިތާހްކޮށްފި

ފުރާވަރުގެ އަންހެން ކުދިންނަކީ ޖިސްމަށް އިތުބާރު ކުރާ ކުދިންނަށް ހެދުމަށް މުޅި ދުނިޔޭގައި ފަށާފައިވާ "ފްރީ ބީއިންގް މީ" ޕްރޮޖެކްޓް ރާއްޖޭގައިވެސް އިފްތިތާހް ކޮށްފި އެވެ.

ދުނިޔޭގެ ގާލް ގައިޑްސް އަދި ގާލް ސްކައުޓްސް ޖަމްއިއްޔާ (ވެގްސް) އާއި "ޑަވް" ކުންފުނި ގުޅިގެން ކުރިއައް ގެންދާ "ފްރީ ބީންގް މީ" ޕްރޮޖެކްޓަކީ ބޮޑެތި ވެގެން އަންނަ އަންހެން ކުދިންނަކީ ޖިސްމަށް އިތުބާރުކޮށް އަމިއްލަ ނަފްސަށް ލޯބި ވާން އިނގޭ މުޖުތަމައުއަށް ނުކުންނަ އިރު އެ ކުއްޖަކަށް ލިބިފައިވާ ސިފަތަކުގެ އަގުވަޒަންކުރަން އިނގޭނެ ކުދިންނަށް ހެދުމަށް މުޅި ދުނިޔޭގައި ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.

ރާއްޖޭގެ ގާލް ގައިޑު އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޕެޓްރޯލް ލީޑަރުން ތަމްރީން ކުރުމުގެ ކޭމްޕް ރަސްމީކޮށް ފެށުމަށް ރޭ ހިރިޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި "ފްރީ ބީއިންގް މީ" ޕްރޮގްރާމް ރާއްޖޭގައި އިފްތިތާހްކޮށްދެއްވީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

އެ ޕްރޮގްރާމާ ގުޅޭގޮތުން ރޭގެ ރަސްމިއްޔާތުގައި މައުލޫމާތު ދެއްވަމުން، ރާއްޖޭގެ ފްރީ ބީއިންގް މީގެ އެމްބެސެޑަރު ސުއައިބަތް ސައީދު ވިދާޅުވީ، ފުރާވަރަށް އަރައިގެން އަންނަ އަންހެން ކުދިންގެ ގައިގައި ޖިސްމު ބަލައިގަތުމާއި ޖިސްމަށް އިތުބާރުކުރުމުގެ ސިފަ އަށަގަންނުވަންޖެހޭ ކަމަށެވެ.

"ބުލީ ކުރުމާއި އަނެކާ ފުށުން ތިމާ ދެރަކޮށް ނިކަމެތި ކޮށްލުމަށް ރައްދުކުރާ ބަސްތަކުން ތިމާއަކީ ބޭކާރު މީހެއްގެ ގޮތުގައި ދެކެވި، މުޖުތަމައުން އެކަހެރިވެގެންދާ ކުދިންދަނީ އިތުރުވަމުން. އަދި އަމިއްލަ ސިފަ ބަލައިނުގަތުން އަމިއްލަ ސިފައާ ދޭތެރޭ ފަހުރުވެރިނުވުން މިކަހަލަ ކަންތައްތައް ފުރާވަރުގެ ކުދިންގެ ފަރާތުން ވަނީ ފާހަގަވަމުން،" ރާއްޖޭގެ ފްރީ ބީއިންގް މީގެ އެމްބެސެޑަރު ވިދާޅުވި އެވެ.

ސުއައިބަތް ވިދާޅުވީ، "ފްރީ ބީއިންގް މީ" ޕްރޮޖެކްޓަކީ ރާއްޖޭގެ އަންހެން ކުދިންނަށް ބޭނުންތެރި ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމުގައި ކުދިން އަމިއްލައަށް ބޭނުންވެގެން ކަންތައްތައް ކުރުމަށް ދަސްކޮށްދީ ބާރުއަޅުވައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުރާވަރުގެ ކުދިންނަށް ހެދިފައިވާ ބައެއް ދިރާސާތަކުން ދައްކާގޮތުން ދުނިޔޭގެ ކޮންމެ 10 ކުދިންގެ ތެރެއިން ނުވަ ކުއްޖަކީ އެ ކުއްޖަކަށް ލިބިފައިވާ ޖިސްމާނީ ސިފަތައް ހުންނަ ގޮތާމެދު ހިތްހަމަނުޖެހިގެން ޖިސްމާނީ ސިފަތައް ބަދަލުކުރާ ކުދިން ނެވެ.

މީގެ އިތުރުން، ދުނިޔޭގެ 10 ކުދިންގެ ތެރެއިން ހަ ކުއްޖަކީ ޖިސްމިނަށް އޮންނަ އިތުބާރު ކުޑަވުމުގެ ސަބަބުން ބައެއް ހަރަކާތްތަކުގައި ބައިވެރިވާން ފަސްޖެހޭ ކުދިން ކަމަށް ދިރާސާތަކުން ދައްކައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަރަފްވެރި މެހްމާން ޑރ. ޝިހާމް ވިދާޅުވީ، އެކަކު އަނެއްކަކަށް އެހީތެރިވާ މިންވަރު އަދި އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީތެރިވެދޭ މިންވަރަކީ މުޖުތަމައުއެއްގެ ތަހުޒީބު ވެފައިވާ މިންވަރު ދެނެގަތުމަށްޓަކާ ބޭނުންކުރާ ކަމެއް ކަމަށެވެ.

އެހެންކަމުން ކުދިންގެ ކިބައިގާ އަށަގަންނަންޖެހޭ އެންމެ މުހިއްމު އެއް ސިފައަކީ އެހެން މީހުންނަށް އެހީވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"..މިގައުމަކީ ތަހުޒީބު ވެފައިވާ ގައުމަކަށް ވުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތައް ކޮށްދެމުންދާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުވެރިވާންޖެހޭ..ތިމާއަށް ކަމެއް ކޮށްދިނީމަ އޭގެ ބަދަލުގައި ވަކިކަމަކަށް ނޭދި، އެހީތެރިވެދިނިމުން އެކަމުން ލިބޭ އުފާވެރިކަން ފާހަގަކުރަންޖެހޭ،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ގާލް ގައިޑުގެ 16 ވަނަ ޕެޓްރޯލް ލީޑަރުން ތަމްރީން ކުރުމުގެ ކޭމްޕް ރަސްމީކޮށް ފައްޓަވައިދެއްވީ، ސްކައުޓް އެސޯސިއޭޝަންގެ ނައިބް ރައީސް އަދި ކުރީގެ ޗީފް ކޮމިޝަނަރާ އަހުމަދު އަލި މަނިކެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުރިއަންދާ އެ ޓްރެއިނިން ކޭމްޕުގައި މިއަހަރު ރާއްޖޭގެ 21 ސްކޫލަކުން 250 ގައިޑުން ބައިވެރިވެފައިވެ އެވެ. އަދި މިއަހަރުގެ ކޭމްޕް މާލެ އަދި ކުޑަބަނޑޮހުގައި ކުރިއަށްދާއިރު، ކޭމްޕު ނިމޭނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު