ސާކް ސަމިޓަށް ފަހު ‏ރައީސް ޔާމީންގެ ދެކަނބަލުން މާލެ ‏‏ވަޑައިގެންފި‏

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރަހީމް، 18 ވަނަ ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ނޭޕާލަށް ‏ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ބުރާސްފަތި ދުވަހު ރޭ މާލެ ‏‏ވަޑައިގެންފި އެވެ.

މިމަހުގެ 26 އިން 27 އަށް ކަތުމަންޑޫގައި ކުރިއަށް ގެންދިޔަ، ދެކުނު އޭޝިއާ ސަރަހައްދުގައި ހިމެނޭ ނޭޕާލް، ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަނގުލަދޭޝް، ޕާކިސްތާން، ބޫޓާން އަދި އަފްޣާނިސްތާންގެ އެންމެ އިސް ވެރީން ބައިވެރިވެވަޑައިގެންނެވި މި ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދެކުނު އޭޝިޔާ ސަރަޙައްދުގެ ކުރިއެރުމަށްޓަކައި، ސާކް ގައުމުތަކުން ދުނިޔޭގެ އެހެން ‏‏ގައުމުތަކާއެކު، ވަކިވަކިން‏‎ ‎‏މަސައްކަތްކުރުމުގެ ބަދަލުގައި، އެއް ޖަމާއަތެއްގެ ގޮތުގައި ‏‏މަސައްކަތްކުރުމަށް ގައުމުތަކަށް ގޮވައިލެއްވި އެވެ.
18 ވަނަ ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީންގެ ދެކަނބަލުން ނޭޕާލަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުން -- ފޮޓޯ: އަސުރުމާ ފޭސްބުކް ޕޭޖް

ވިޔަފާރިއާއި އިގްތިސޯދަކީ، ރައްޔިތުންނަށް ފާގަތި ‏‏މުސްތަގްބަލަކާއި، ސަރަޙައްދުގެ އަމަން އަމާންކަން ކަށަވަރު ކުރުމުގެ ތަޅުދަނޑިކަމުގައި ވިދާޅުވެ، ފުރުސަތުތަކުގެ ފުރިހަމަ ބޭނުން ހިފުމަށްވެސް ސަމިޓް ހުޅުވުމުގެ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން ސާކުގެ މެންބަރު ގައުމުތަކަށް ރައީސް ޔާމީން ގޮވައިލެއްވި އެވެ.‏

ސާކް ސަމިޓުގެ ހަވާސާގައި ރައީސް ޔާމީން ވަނީ، ސްރީލަންކާގެ ރައީސް މަހިންދަ ‏‏ރާޖަޕަކްސައާ، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ އިތުރުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފައެވެ.
18 ވަނަ ސާކް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


އަވަށްޓެރި ގައުމުތަކުގެ އެންމެ އިސް ވެރީންނާއެކު ރައީސް ޔާމީން ބޭއްވެވި ‏އެ ބައްދަލުކުރެއްވުންތަކުގައި ރާއްޖެއާ އެގައުމުތަކާ ދެމެދުގައިވާ ގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމާއި، ސާކު އިތުރަށް ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން ‏‏އެބޭފުޅުންނާއެކު އެމަނިކުފާނު މަޝްވަރާ ކުރެއްވި އެވެ.

ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި ކުރިއަށް އޮތް 19 ވަނަ ސާކް ސަމިޓުގެ ގަރާރު ފާސް ކުރުން އޮތެވެ. އެގޮތުން 19 ވަނަ ސާކް ސަމިޓް ބޭއްވެވުމަށް ހަމަޖައްސާފައި ވަނީ ޕާކިސްތާނުގައެވެ.

ހާރިޖީ ވަޒީރު ދުންޔާ މައުމޫން، ސާކުގެ އެއް ގައުމުން އަނެއް ގައުމަށް ހަކަތަ ފޯރުކޮށްދިނުމާ ބެހޭ ގޮތުން މެންބަރު ގައުމުތަކުގެ މެދުގައި ވެވުނު އެއްބަސްވުމެއްގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވަނީ -- ޓްވިޓާ ފޮޓޯ

ދެކުނު އޭޝިޔާގެ ސަރަހައްދީ އެއްބާރުލުމާބެހޭ ޖަމިއްޔާގެ 18 ވަނަ ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި އެއް ގައުމުން އަނެއް ގައުމަށް ހަކަތަ ފޯރުކޮށްދިނުމާ ބެހޭ ގޮތުން މެންބަރު ގައުމުތަކުގެ މެދުގައި ވެވުނު އެއްބަސްވުމެއްގައި ސާކުގެ ހާރިޖީ ވަޒީރުން ސޮއިކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު