މާޒިޔާ ލަދުގަންނަވާލައި އީގަލްސް ގައުމީ މުބާރާތުގެ ފައިނަލަށް

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ގައުމީ ފުޓްބޯޅަ މުބާރާތުގައި މިރޭ 4-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، ކްލަބް އީގަލްސް އެ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ކުރި ހޯދީވެސް، ރަނގަޅު ފެށުމަކާއެކު މެޗު ކުޅެމުންދިޔަ އީގަލްސް އެވެ. މާޒިޔާއިން އުފެއްދި ހަމަލާއެއްގެ ކައުންޓާގައި އީގަލްސްއަށް އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 11 ވަނަ މިނެޓުގައި ކެޕްޓަން އިސްމާއިލް އީސާ (މެސީ) އެވެ.

އީގަލްސްގެ ލީޑާއެކު މިފަހަރުގެ އެފްއޭކަޕްގެ ޗެމްޕިއަން މާޒިޔާއިން ކުޅުން ރަނގަޅުކޮށް އީގަލަސްގެ ގޯލަށް ނުރައްކާތެރި ހަމާލާތަކެއް އުފައްދަން ފެށިއެވެ. މި ވަގުތުކޮޅުތެރޭ އީގަލްސްގެ ކީޕަރު މުހައްމަދު ފައިސަލްގެ ފަރާތުން ގިނަ ސޭވްތަކެއް ފެނިގެން ގޮސްފައި ވާއިރު، އީގަލްސްގެ ޑިފެންސަށް ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކުރެވުނެވެ.

މެޗުގެ އީގަލްސް ކޮޅަށް ބުރަވެގެން ދިޔައީ 25 ވަނަ މިނެޓުގައި މާޒިޔާއަތުން ބައިކޮޅަށް ލަނޑެއް ވަނުމުންނެވެ. އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ، މާޒިޔާ ހާފްގެ މެދުތެރޭ ހުރެ ކުރިއަށް ފޮނުވާލި ބޯޅަ މާޒިޔާގެ ގޯލް ތެރެއަށް ވަދެފައި ވަނީ އެ ޓީމުގެ އިބްރާހިމް ޝިޔާމް (ދޮނާ) ގެ ބޮލުގައި ޖެހިފައެވެ.

މެޗުގެ 31 ވަނަ މިނެޓުގައި މާޒިޔާގެ ފުރަތަމަ ބަދަލު ފެނިގެން ގޮސްފައި ވާއިރު، އޭގެ ހަތަރު މިނެޓު ފަހުން މާޒިޔާ ވަނީ މެޗުގައި އެ ޓީމްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ 36 ވަނަ މިނިޓުގައި މާޒިޔާއަށް އެ ލަނޑު ޖަހައި ދިނީ މޫސާ ޔާމިން (ޔާންބެ) ނަގައިދިން ހުރަހަކުން އެ ޓީމްގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ.

އީގަލްސް ދެވަނަ ހާފުގެ ކުޅުން ފެށީވެސް ލަނޑަކާ އެކު އެވެ. މާޒިޔާގެ ޑިފެންޑަރު މުހައްމަދު އިރުފާން (އިރޭ) އަށް ހެދުނު މިސްޓޭކެއްގެ ބޭނުން ފުރިހަމައަށް ހިފައި މެޗުގެ 47 ވަނަ މިނެޓުގައި އީގަލްސްއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ، އެޓީމުގެ މިޑްފީލްޑަރު އިމްރާން ނަޝީދު އެވެ.

އީގަލްސްގެ ތިންވަނަ ލަނޑާއެކު ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި އީގަލްސް އެ ޓީމްގެ އެންމެ ފަހު ލަނޑު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 83 ވަނަ މިނެޓުގައެވެ. އީގަލްސްގެ އިބްރާހިމް މުބީން ހުނަރުވެރި ކޮއްޓުމަކާއެކު ނަގައިދިން ބޯޅަ ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލީ އެޓީމުގެ ފޯވަޑް އަހުމަދު އިމާޒް (އާއްކޮ) އެވެ.

މި ނަތީޖާއާއެކު ގައުމީ މުބާރާތުގެ ފައިނަލުގައި އަލަށް ކުޅޭ އީގަލްސް ފައިނަލްގައި ކުރިމަތިލާން ޖެހޭނީ ގައުމީ ތަށި މިލްކުކުރަން ނިކުންނަ ވަރުގަދަ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި އަހަރުގެ އެފްއޭ ކަޕްވެސް މިލްކު ކުރެވެން އޮތް ނިއު އެ މުބާރާތުގެ ފައިނަލްގައި މާޒިޔާއަތުން ބަލިވެފައި ވަނީ ޕެނެލްޓީ ޖަހައިން 4-3 ގެ ނަތީޖާއަކުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު