އާވާ ކުޑަކޮށް ލަދުގަންނަ ގޮތް ވިނަމަވެސް ޔާކިންގެ ކުރިމަތީގައި ފިނޑިވާކަށް ބޭނުމެއްނުވިއެވެ. ޔާކިން ގެ މަކަރުވެރި ކަމާއި ނުލަފާކަން ރަފްހާންއަށް ނޭގުނަސް އާވާއަށް އެނގިފައިވާތީ އޭނަ ވަނީ އިންތިހާއަށް ފޫހިވެފައެވެ. އާވާ އެނބުރި ބަލާލިއިރު ޔާކިން އޭނަގެ ފޯނުން ވީޑިއޯ ކުރަން ހުރިތަން ފެނިފައި އާވާގެ ހިތަށް ނުބައިގޮތެއް ވިއެވެ.

"ޔޫ ޓިއުބަށް ލާން ކަމަށް......." ޔާކިން ފޯނާއިއެކު އަތް ޖީބަށް ޖަހާލިއެވެ. ޔާކިންގެ ތުންފަތަށް ވެރިވި ހިނިތުންވުން އާވާއަށް ސިފަކުރެވުނީ ބޮޑާކަމާއި ފޮނިކަމުގެ ގޮތުގައެވެ. ރަފްހާންއާއި އޭނަގެ ކޮއްކޮ މިހާ ތަފާތުވީ ކީއްވެހެއްޔެވެ؟
"ހޫމް، އަހަންނަށް ކިޔާދިން ލަވައެއްތަ؟ އެކަމަކު ދެރައީ އާވާއަށް ލަވަކިޔަން ނޭގޭތީ، ބޮކެއް ލަވަ ކިޔާލާގޮތްވެސް މާ ރީތިވާނެ، އެކަމަކު ވަރަށް މަޝްހޫރުކަން ލިބޭނެ މި ޓައިޕްގެ ކޮމެޑީ އެއްޗެހި ނެޓަށް ލީމަ......" ޔާކިން ކުރި މަލާމާތުން އާވާގެ ހިތަށް އަސަރުކުރިއެވެ. އޭނަ ކުޑައިރު ސާމީ އޭނަގެ ލަވައަށް މަލާމާތްކުރިފަހުން މިނޫނީ އަޑު ވީއްލާ ލަވަ ކިޔާފައެއް ނުވާނެއެވެ. ފުރަތަމަ ފަހަރުވެސް މިއޮތީ ބޭޒާރުވެފައެވެ. އެންމެ ނުވާންވީ އެކަކަށެވެ.

"ޔާކިންއަށް މާ މޮޅަށް ލަވަކިޔާން އެނގެނީތަ މީހުންނަށް މަލާމާތްކުރާއިރު، އެހެންނޫނަސް ޔާކިން އަހަރެން އެކަނިވާއިރަށް ތިގޮތަށް އަޅައިގަނެގެން އުދަގޫކުރުން މާ ރަގަޅުކަމެއް ނޫނޭ......" އާވާ ހަށަން ބަދެލިއެވެ. ޔާކިން އޭނަގެ ފަހަތުން އަޅުވައިގެން މިގޮތަށް އުޅޭތީ ހާދަ އުދަގޫވެއެވެ. މިކަން ހުއްޓުވާނީ ކިހިނެއް ހެއްޔެވެ؟
"މަށަށް ތެރްޓް ކުރަނީތަ؟ އަހަރެން އާވާ ކުދިކުދިކޮށްލާނަން މިވާހަކަ ބުނަން އަނގަ ހުޅުވާލިޔަސް، ހަމަތެދެއް މިބުނީ....." ޔާކިން އާވާގެ ދެކޮލުގައި ހިފިލެއް ބާރުކަމުން އޭނަގެ ދެލޮލުން ފެންއަންނަގޮތް ވިއެވެ.
"އާވާއަކީ ބޮޑު މޮޔައެއް، އެންމެންގެ ތެރޭގައި ހުރެ ލަވަ ކިޔާނީ ދެން މޮޔައެއް ނޫން ކާކުތަ؟ " ޔާކިން ހޭންފެށިއެވެ. ހިތަށް އަރާއިރަށް އިންޒާރުދީފައި ފަހުން އޮޅުވާލަން އެގޮތަށް ހީ ހެދުމުގެ މާނައަކީ ކޮބާހެއްޔެވެ؟ ޔާކިންގެ ކަންތައް މިހާ މައްޗަށް ދާންފެށީމަ އޭނަ ވީ ހިމޭނުން ހުންނަން ހެއްޔެވެ؟ އޭނައަށް ސާމީގެ ސަބަބުން ވީ އުދަގޫތަކަށް ކެތްކުރިގޮތަށް ކެތްކުރާންވީހެއްޔެވެ؟ ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ.

"އަހަންނަކީ މޮޔައެއް ނޫން، އައިމް ޑިފެރެންޓް، ކޮންމެ އިންސާނެއްވެސް އެހެން މީހުންނާ ތަފާތުވާނެ، އަދި އުނިކަންތައްވެސް ހުންނާނެ، އެހެނޭ ކިޔާފައި ޔާކިން ކޮންމެހެން އަހަރެން ލޭބަލް ކުރަންވީކަމެއް ނޫން...." އާވާ ހަނދާންވީ ނާޒްގެ ޖުމްލަތަކެވެ. އެހެންވެ ހިތްވަރުލިބިފައި ނާޒްގެ ޖުމްލަތައް ކިޔާލާފައި އެތަނުން ދާން އުޅެގަތުމުން ޔާކިން ކުރި ބެއްދުމުން އާވާ އެޅި ފިޔަވަޅު ފަހަތަށް ޖެހުނެވެ. އާވާގެ ލޮލުން ސާފު ބިރުވެރިކަން ފެނިގެން ދިޔައެވެ. ޔާކިން މޮޔަވީހެއްޔެވެ؟ ބޮއިގެން ހުރީ ހެއްޔެވެ؟ ހޭވިފައިވާ އިސްތަށިގަނޑުން ފެށިގެން ރޫގުޅައަކަށް ވެފައިވާ ޓީޝާޓުންވެސް ޔާކިން ތަފާތުވެފައިވާވަރު ފެނެއެވެ.
"ޑިފެރެންޓްވީމަ ދެން ކެރޭނެތަ އަހަރެންގެ ބެޑަށް އަންނާން، ރެއިންއާއި ކައިރިވާނެ ގަޓެއް ނުހުރޭވިއްޔަ، ހިތަށް އަރާ ރެއިން އަޅާނުލާ ހުންނަނީ ކީއްވެބާވައޭ، އަހަރެން ނަމަ....." ޔާކިން އާވާއަށް ބަލަން ހުރީ ނުރައްކާތެރި ނަޒަރަކުންނެވެ. އޭނަގެ ލޯބީގެ ދިރިއުޅުމަށް އާވާގެ ސަބަބުން ލިބިފައިވާ ހީނަރުކަމުގެ ސަބަބުން އެކަމުގެ ބަދަލު އާވާގެ ފަރާތުން ހޯދަން ޔާކިން ހިތަށް އަރާތާ ކޮން ދުވަހެއް ހެއްޔެވެ؟ އާވާފަދަ ބޮޑު މޮޔައަކާއި ރަފްހާން މިކަހަލަ ދެއްކުންތެރި ކައިވެންޏެއް ކޮށްގެން އުޅޭ ސަބަބެއްވެސް ނޭގިގެން އޭނަ ސިކުނޑި ގާނައެވެ.

"ގައިގައި އަތްނުލާތި...." އާވާ ބިރުންހުރެވެސް ކޮށްލީ އަމުރެކެވެ. ޔާކިންއާއި މެދު ހިތުގައި އޮތް ގަދަރު މުޅިން ފޮހެވިގެން ހިނގައްޖެއެވެ. ޔާކިންގެ ނުލަފާކަމުން އޭނަގެ ހިތުގައި އޮތްހާ މަގާމެއް އެއްފަހަރާ ނެތިގެން ދިޔައީއެވެ. މިހާރު ޔާކިންގެ ނުބައި މަގުސަދު މިއޮތީ ހާމަވެފައެވެ. އަމީން އުނދޯލި ގޭގައި އިނދެލާފައި މާ ބާރަށް ޔާކިންއަށް ގޮވާލުމުން ޔާކިން ހީކުރީ އޭނަ ދެއްކި ވާހަކަ ކޮންމެވެސް ވަރަކަށް ބައްޕައަށް އަޑުއިވުނީ ކަމުގައެވެ.

"ސްވީޓްހާރޓް، ސީރިޔަސްކޮށް ރެއިން ގާތު ނުބުނާތި، އެހެންނޫނީ އަހަރެންގެ އަތުގައި ހުރި ވީޑިއޯތައް ލީކްކޮށްފާނަން، އަހަރެންގެ އަތުގައި ހުރީ އެކަނި ލަވަ ވީޑިއޯއެއް ނޫން......" ޔާކިން އާވާގެ ކަންފަތް ދޮށުގައި ބުނެލާފައި އެއްލޯ މަރާލާފައި ހީލިގޮތަކުން އާވާގެ ގައިން ހީބިހި ހިލުވާލިއެވެ. ޔާކިން އެބުނީ ކޮންފަދަ ވީޑިއޯއެއްގެ ވާހަކަ ހެއްޔެވެ؟ ހާސްވިވަރުން ހުރިހާ އުފާތައް އެއްފަހަރާ ނެތިގެން ދިޔަކަހަލަ ގޮތެއްވިއެވެ.

އެދުވަސްކޮޅު އަމާރާ އާނީ ގޮވައިގެން ހިތުގެ ބައްޔަށް ފަރުވާ ހޯދަން އިންޑިއާއަށް ފުރައިފިއެވެ. ރަފްހާން އަތުގައި ރައްކާކޮށްފައި ހުރި ރުފިޔާއިން ކޮންމެވެސް ވަރަކަށް އާނީގެ ބޭސްފަރުވާއަށް ބޮޑުދައިތައަށް ދިނުމުން ވަރަށް ހެޔޮ ދުޢާކުރިއެވެ.
އަމީން ދޭތެރެއަކުން ތުލުސްދޫއަށް ތެޔޮ ދަމަން ދެއެވެ. ދިވެހި ބޭސްވެރިޔާ މިދުވަސްކޮޅު އެރަށުގައި ދިރިއުޅުމުން އަމީން ދޭތެރެއަކުން އެރަށަށް ދަތުރުކޮށްލަނީ ފައި މުޅިން ރަގަޅުވާނެކަމުގެ އުއްމީދުގައެވެ. ރަށް ކާރިކަމުން ދޭތެރެއިން ޖައްސާލުމަކީ އަމީންއަށް އެހާ އުދަގޫކަމެއް ނޫނެވެ. މާހުޖަބީން އޭނަ ދޫކޮށްލާފައި ދިޔުމުން އެކަނިވެރިވެ ކިތަންމެ ވަރަކަށްވެސް މާޒީގެ ހަނދާންތައް ހިތަށް އުދަގޫ ކުރުވައެވެ. ޚިޔާލެއް ފިކުރެއް ނެތްކަމަށް ދެއްކިޔަސް ހަގީގަތަކީ އެއީއެއް ނޫނެވެ. އޭނަ ބޭނުންވީ ކާފައާއި މާމަފަދަ ނަމޫނާ ދެމަފިރިންނަށް ވާށެވެ. އެދެމަފިރިން ފަންސާސް އަހަރު އެކީގައި ވޭތުކުރުމަށްފަހު ނިޔާވީވެސް އެކީގައެވެ. އަމީން ކްރިމްސަންވިލާގައި ދިރިއުޅުން ބިނާކުރަން މަސައްކަތްކުރި ދެފަހަރުވެސް ނާކާމިޔާބު ވުމުން މިހާރު އުފަލަކީ އެކަނި ދެކުދިންނެވެ. ނަމަވެސް ގޭތެރޭގައި ހިގަމުންދާ ކަންތައް ކޮންމެވެސް ވަރަކަށް އަމީންއަށް ވަނީ ރޭކާލާން ފަށާފައެވެ. އާވާގެ މައްސަލައެއް ހުންނަ ވާހަކަ ދެކެވެން ފެށުނު ތަނާހެން ޔާކިން ދޭތެރެއަކުން އާވާއަށް އުދަގޫކުރާކަން ފާހަގަކުރެވެން ފެށިއެވެ. އެކަމާއި ހާސްވި ވަރުން މިފަހަކަށް އައިސް އޭނަގެ ނިދި ޚަރާބުވެފައިވެއެވެ. އޭނަގެ ދަރިފުޅު ޔާކިން އޭނަގެ ބޮޑުބޭބެ ހިނގި މަގުން ދާން ގަސްތުކުރީ ހެއްޔެވެ؟ ހާދަ ދެރައެވެ.

މާހުޖަބީން އާއި އަންވަރުގެ ކައިވެނީގެ ހަފްލާއަށްފަހު މާހުޖަބީން ހީކުރީ އޭނަ އުއްމީދުކުރިވަރުގެ އުފާވެރި ދިރިއުޅުމެއް އަންވަރުއާއި އެކު ހޯދޭނެކަމުގައެވެ. އަގުބޮޑު ހެދުންތަކާއި ގަހަނާތައް ލިބެން ފަށާނީ އަދި ކައިވެންޏަށް ފަހުގައި ކަމުގައެވެ. އަންވަރު އަވަދިނެތި އުޅޭވަރުން ރޭގަނޑު ނިދާލަން ނޫނީ އެޕާޓްމެންޓަށް އާދެވޭކަމަކަށް ނުވެއެވެ. އެއީވެސް ދެރެއިން އެއްރޭ ކަހަލަ ގޮތަކަށެވެ. މާހުޖަބީން ގާތުގައި އަންވަރު ބުނެފައިވަނީ ހަނީމޫނަށް ޕެރިހަށް ގެންދާނެ ކަމުގައެވެ. އޭނަގެ އެކުވެރިޔަކު އެތާ ވަޒަންވެރިވެގެން ހުންނަ ކަމަށާއި ހިލޭ ހުރުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ. މާހުޖަބީން ޚަބަރު އަހާލުމުން އަންވަރު ބުނީ އޭނަ އަވަދިނެތި އުޅޭވަރުން އަދި ދަތުރު ދެވޭނީ ތަންކޮޅެއް ފަހުން ކަމުގައެވެ. ހަފްތާއެއްހާ ދުވަސް ފަހުން ކޮންމެވެސް މީހަކު މާހުޖަބީންއަށް ގުޅިއެވެ.

"އަންވަރު އަދިވެސް ޖަބީ ގާތަށް ނާދޭ ދޯ، އޭނަ މިރޭވެސް ވީ ރިޒޯޓުގައި ޓޫރިސްޓް އަންހެންކުއްޖަކާއި އެކު، އަހަރެން މިއީ ހެޔޮއެދޭ މީހަކަށްވާތީ މިވާހަކަ ބުނެލަން ބޭނުންވީ..." އެމީހަކު ގެ ވާހަކަ ގަބޫލުކުރާކަށް މާހުޖަބީންގެ ހިތެއް ނޭދެއެވެ. އޭނަގެ މުއްސަދި އުޅުން ފެނިފައި މީހަކު ހަސަދަވެރިވެގެން އެދޭތެރެއަށް ވަންނަން އުޅެނީކަން ޔަގީނެވެ.
"ތެންކިއު، އެކަމަކު އެހާ ހެޔޮއެދޭ މީހެއްނަމަ ނަންވެސް ބުނެވެންވާނެ ދޯ...." މާހުޖަބީން އެވާހަކަ ބުނެލާއިރަށް އެމީހަކު ފޯނު ކަނޑާލައިފިއެވެ. ހާދަ ފިނޑި މީހެކެވެ. އެ މީހަކު ދެނެގަންނަން މާހުޖަބީން މަސައްކަތް ކުރިއިރު އެނަމްބަރު ލިސްޓްކޮށްފައެއް ނުވެއެވެ. މާހުޖަބީން ގެ ޝައްކުވީވަރުން އަންވަރުގެ ފޯނަށް ގުޅާލިއިރު އަންވަރު ހުރިކަމަށްވަނީ މާލޭގައި އޭނަގެ ގޭގައެވެ. އަންވަރު ޔަގީންކުރަން އޭނަގެ އަންހެނުންނާއި ވާހަކަދައްކަން ފޯނު ދޭންކަމަށް އުޅުނީމަ މާހުޖަބީން ވަގުތުން ދެކޮޅުހެދިއެވެ. އޭނަގެ ހިތް އަންވަރުއަށް މުޅިން ސާފުވިއެވެ. އެހާ ވަރުން ކައިވެނި ކުރުމަށްފަހު އަންވަރު އެހާ ނުބައި މީހަކަށް ނުވާނެކަމުގައި އޭނަ ޔަގީންކުރިއެވެ.

އާވާ ނާޒްގެ ކްލިނިކަށް ކޮންމެ ދުވަހަކު ދާއިރުވެސް އޭނަގެ މާޒީގެ ބޮޑުބައި އޮތީ ނާޒްއަށް ސިއްރުކޮށްލާފައެވެ. އުޅޭ ގޭގެ ނަންވެސް އާވާ ބުނަނީ ރަގަޅަކަށް ނޫނެވެ. ނާޒް އެކަން ދަނެއެވެ. އާވާ ގިނަކަންތައް ފޮރުވާކަން އެނގޭއިރު އާވާ ލައްވާ މަޖުބޫރުން ބުނުވާކަށް ނާޒް ނޫޅެއެވެ. މަޑުމަޑުންގޮސް އާވާ އޭނަގެ ގާތުގައި ހުރިހާ ވާހަކައެއް ކިޔާދޭނެކަން އެނގެއެވެ.

"ހަޒްބެންޑްއަށް ބިޓްރޭއި ކުރެވޭހެން ހީވާތީ ވަރަށް ކަންބޮޑުވޭ، އޭނައަށް ސިއްރުން އެހެން މީހަކާއި ވަރަށް ގާތް ގުޅުމެއް ބޭއްވެނީ، ހަޒްބެންޑް އެހާ ރަގަޅުއިރު ނުކެރޭ އޭނަ ގާތު ހުރިހާ ވާހަކައެއް ކިޔާދޭކަށް، އަޅުގަނޑުގެ ހުރޭ ސިއްރު އެކުވެރިޔެއް، އެއީ ކާކުކަމެއް ނޭގި އޭނައަށް އިތުބާރުކުރެވުނީ، އޭނަގާތު އަޅުގަނޑުގެ ލައިފް ގެ ވަރަށް ގިނަ ވާހަކަތައް ހިއްސާކޮށްފިން، އެކަމަކު އޭނަ ރުޅިނާދޭ، ހަޒްބެންޑް އަށް ކިޔާދީފިއްޔާ އަޅުގަނޑުދެކެ ރުޅިއަތުވެދާނެކަން ނޭގެ..." އާވާ އިސްޖަހާލިއެވެ.
"ނޫން އާވާ، ނިކަން ހިތްވަރުކޮށްލާފައި ކެރޭކުއްޖަކަށް ވެގެން ފިރިމީހާއާއި ވާހަކަތައް ޝެއަރކޮށްބަލަ، އެކަމަކު ދޮންމަންމަ އަނިޔާކުރި ވާހަކަތައް ކިޔާދީގެން އޭނަ ރުޅިއަންނަންވީ ސަބަބެއް ނޭގުނު......." ނާޒް އިނީ ވިސްނުންތެރި ކަމާއިއެކު އާވާގެ މޫނަށް ބަލާށެވެ. އެ ބޮޑުދެލޮލުގައި ހުންނަ ހިތާމަވެރިގޮތްތައް ފިލުވާ އެ ލޮލުގައި ވިދުވަރު އުފެދިއްޖެއްޔާ ދެގުނަ ރީތިވާނެއެވެ.
"ދޮންމަންމައެއް ނޫން... ސާމީ..." އާވާ ބުނަން އުޅުނެވެ.
"ސާމީ ކީތްކުރީތަ؟ " ނާޒް އަހަން އުޅުނުތަނުން އާވާ ކުއްލިއަކަށް ކަންބޮޑުވިއެވެ. އެ ވާހަކަ ބުނެގެން އޭނަދެކެ ނާޒު ރުޅިއަތުވެއްޖެއްޔާ ސަކަރާތްވާނެއެވެ. އޭނައަކީ އެނުލަފާ މީހާގެ ފަރާތުން އެތައް އަނިޔާ ލިބިފައި ހުރި ކުއްޖެއްކަން އެނގިއްޖެއްޔާ ނާޒްވެސް އޭނައާއިމެދު ދެކޭނީ އަގެއްނެތް ސުންޕާކުއްޖެއްގެ ގޮތުގައެވެ. އާވާ ބުނަން ފެށީ ސާމީ އޭނަ ލަވަކިޔާއިރު މަލާމާތްކުރާ ކަމުގައެވެ. ގުރުއާން ކިޔަވާއިރު އޭނަ ރޮއްވާލާ ކަމުގައެވެ. ފެންނައިރަށް ބޮލުގައި ފުއްޓަކިޖަހާ ކަމުގައެވެ. ބައެއްކަންތައް ސިއްރުކުރުމުން އޭނަގެ އަގުވެސް ނުވެއްޓި ސަލާމަތްވާނެއެވެ.

ރަފްހާން ގެއަށް އަންނަ ކޮންމެފަހަރަކު އާވާ އަށް ކުދި ނަމަވެސް ހަދިޔާއެއް ގެނެސްދެއެވެ. ކާހިތްވާ މީރު އެއްޗެއް ނޫނީ ފިނިފެންމަލެއްފަދަ ކުދި ހަދިޔާއެއް ނަމަވެސް ގެނެސްނުދޭ ދުވަހެއް މަދުވާނެއެވެ. ރަފްހާން ގެއަށް އަންނަގަޑިއަށް އާވާއަށް ހުރެވެނީ ފެންވަރާ ރީތިވެލައިގެންނެވެ. ނާޒްދީފައިވާ މޭކަޕް ސާމާނުން ކުޑަކޮށް ނަމަވެސް މޭކަޕްކޮށްލެވެން ފެށިއެވެ. މީރުވަސްދުވާ ސެންޓުޖަހަން އާދަވިއެވެ. އަމީންގެ ދައްތައެއް އެގޭގައި ގިނަވަގުތު ހޭދަކުރާކަން އެއީ އާވާ ދެކޭ ގޮތުން އޭނައަށް ލެއްވި ރަހުމަތެކެވެ. ޔާކިންގެ ފަރާތުން އުދަގުލެއް ނުލިބި ސަލާމަތްވެވެނީ އަމީން ނޫނީ ދައްތަ ޔަޒީދާ ފެންނަ ފަށުގައި އޭނަ އުޅޭތީއެވެ. އެވަރުންވެސް އިންޒާރުގެ މެސެޖާއި ކޯލުތައް އަންނަން ފެށިއެވެ. އާވާއަށް އެންމެ ރަގަޅުވާނީ ދެން ކްރިމްސަންވިލާއިން ދިޔުން ކަމަށާއި މިގެއިން އާވާއަށް ޖާގައެއް ނެތްކަމުގައި ޔާކިން އެންމެފަހުން ބުނަން ފެށިއެވެ. މައްސަލައިގެ ސީރިޔަސްކަން އާވާއަށް ރޭކާލާންފެށީ ދެނެވެ. އޭނަގެ ހިތުގައި ބިރުވެރިކަން އުފެދި އެ ވާހަކަ ބުނަންވީ ކާކުކައިރީގައި ބާވައޭ އަމިއްލަ ނަފުސާއި ސުވާލުކުރަން ފެށުނެވެ.

އަމީންގެ ދައްތަ ޔަޒީދާ ހުންއައިސްގެން އުޅޭތީ މިއަދު އެގެއަށް ނާންނަ ދުވަހެކެވެ. އެހެން ހުއްޓާ ހަވީރުސަޔަށް އެއްޗެއް ނެހެދިގެން އުޅެނިކޮށް ގޭސްފުޅި ހުސްވިއެވެ. ނަސީބަކުން ބައްޕައަށް މެންދުރަށް ލޮނުނުލާ ބަތާއި ތަރުކާރީ ހަދާފައި ހުރުމުން އާވާގެ ހިތް ހަމަޖެހުނެވެ. އަމީންއަށް ކާންހަދާފައި ބޭސްދިނުމަށްފަހު އާވާ އުޅުނީ ކޮޓަރީގައެވެ. އެހެން ހުއްޓާ ބޯކޮށް ވާރޭވެހި ވައި ގަދަވާން ފެށުމުން އާވާ ރަފްހާން އާއިމެދު ވިސްނަން ފެށިއެވެ. ކަނޑު ގަދަވެ ފެރީ ބަންޑުން ޖަހާނުލާނެ ހެއްޔެވެ؟ އެކި ޚިޔާލުތަކުގައި ހުރެފައި އާވާ ގަސްތުކުރީ ރަފްހާން އަންނަންވާއިރަށް ހެދިކާ ގަންނަން ފިހާރައަކަށް ދާށެވެ. ރަފްހާންގެ ވާރޭ ކޯޓުލައިގެން ފެންޑާއަށް ނުކުތްތަނާހެން ޔާކިންވެސް ތެމިގެން ހުރެ ފެންޑާއަށް ވަންގޮތަށް ސިގްރެޓެއް ރޯކޮށްލައިފިއެވެ.

"ކޮފީއެއް ހަދާ...." ޔާކިން އަމުރުކުރިއެވެ.
"އެބައަންނަން...." އާވާ ވާހަކަދެއްކީ ރީތިކޮށެވެ. އަމީން ފެންނާން ނެތުމުން ކަންބޮޑުވެ ހިތުގައި ވަސްވާސް ހިނގައިގަތުމުން އަވަސް ފިޔަވަޅުތަކެއްގައި އޭނަ ވާރޭތެރެއަށް ނުކުތްތަނާ ފަހަތުން ވަރުގަދަ އޭނަ ގެ މެދުހަށީގައި ހިފާ އުފުލާލިގޮތަށް އެއް އަތުން އަނގައިގާ އަތް އެޅިއެވެ. އާވާ ގަދަހަދަނިކޮށް އޭނަ ނަގައިގެން ދިޔަގޮތަށް އަނބުގަހާއި ދިމާލަށް ކޮށްޕާލުމުން އެތާ އޮތް ފެންގަނޑުތެރެއަށް ގުޅައަކަށް ޖެހުނެވެ. ޔާކިން ހުރީ ހަމަހޭގައެއް ނޫންކަން ޔަގީނެވެ. އޭނަ އާވާގެ ވާރޭކޯޓް ބާލުވާފައި ގައި މައްޗަށް ވެއްޓިގަނެގެން އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. އޭރު ބޮޑެތި ވާރޭ ތިކިތައް ރަހުމެއްނެތި ހަމަލާދެމުންދާއިރު ޔާކިންވެސް އުޅުނީ އޭނަގެ މަގުސަދު ހާސިލުކުރާށެވެ. އެ ނުރައްކާތަރި ދަނޑިވަޅުގައި އާވާ ސަލާމަތް ނުވެދާނެހެން ހީވާއިރަށް ކޮންމެވެސް މީހަކު އެއައިގޮތަށް ޔާކިންގެ ޓީޝާޓުގައި ހިފާ ކޮޅަށް ނަގާފައި ދެތިން އެތިފަހަރު ކަންކަށި މައްޗަށް ވީއްލާލިއެވެ. ޔާކިންގެ ނަޒަރު އަމާޒުވީ އޭނަގެ ބައްޕަގެ ރުޅިވެރި ދެލޮލާއެވެ.

"ލަދެއްވެސް ނުގަނޭތަ؟ އާވާއަކީ ތިމާގެ ފަހަރިކަން ނޭގޭ ހާ ބޮޑަށް މޮޔަވީތަ؟ " އަމީންގެ ދެލޮލުން އަލިފާންކަނި ބުރާލިހެން ހީވިއެވެ. ޔާކިންގެ ބޮލަށް އެރިފައިވާ ޝައިތާނާ އެރި އޭނަގެ މޫނުން ކޮންމެވެސް ވަރަކަށް ލަދުވެތިކަން ފެނުނެވެ. މިއީ އޭނަގެ ބައްޕައަށް އޭނަ ދައްކަން ބޭނުންވި ފަރާތެއްނޫނެވެ. ލަދުވެތިގޮތަކަށް ބޭޒާރުވީއެވެ. ބައްޕަ ބޭބެ ގާތުގައި ބުނެފިއްޔާ އުމުރު ދުވަހުވެސް މާފުދޭނެކަމެއް ނޭގެއެވެ. މި އަންހެނުންނަކީ ސުންޕާ ބަޔެކެވެ. ފޫހިވެގެންނާއި ރުޅިންގޮސް ޔާކިންގެ މުށްކަވާލެވުނު އަތް ޖީބަށް ޖަހާލަމުން އޭނަ މޫނު އަނބުރާލައިފިއެވެ. އޭރު އާވާ ދުވަމުން ދުވަމުންގޮސް ގެއަށް ވަދެ ލޯމަތިން ގެއްލުނެވެ.

"ޔާކިން، މީގެ ފަހުން މިގޭތެރެއަށް ވަދެގެން ނުވާނެ، އަޑު އިވިއްޖެއްތަ؟ އަހަރެން ބޭނުމެއްނޫން މަގޭ ދަރިއަކު ތިވައްތަރަށް އުޅެން، މިގޭގައި ހުރެވޭނީ އަހަރެން ބުނާގޮތަށް ހަދާ މަގޭ ކިޔަމަނުގައި ހުރެވޭނެ މީހަކަށް، ކިރިޔާވެސް އީމާންތެރިކަމެއް ހުރި މީހެއްނަމަ ފަހަރި ގަޔަށް ތިގޮތަށް އަރައިގަންނާކަށް ނޫޅޭނެ، ޔާކިން ހަމަ މިހާރު މަގޭ ކުރިމަތިން ދުރަށް ދޭ....." އަމީން ރުޅީގައި ހުރެ ޔާކިންއަށް އެގެއިން ނުކުތުމަށް އެންގުމުން ފުރަތަމަ ޔާކިން ހުރީ ގަބޫލުކުރުން ދަތިވެފައެވެ. ހިލޭ އަންހެނަކަށްޓަކާއި އޭނަގެ ބައްޕަ އޭނަ ގެއިން ބޭރަށް ހަމަ ލަނީހެއްޔެވެ؟ ބައްޕަ އޭނައަށްވުރެ ރަފްހާންގެ އަންހެނުންދެކެވެސް މާ ބޮޑަށް ލޯބިވާކަން ސާބިތުކޮށްދީފިއެވެ. މަންމަ ނެތްތާ ބައްޕަވެސް އޭނަ ދިރިއުޅުމުން ބޭރަށް ނެރެ އެއްލާލީއެވެ. އެންމެ ރަގަޅެވެ. އޭނަ ގޮސްދާނެއެވެ. ދުރަށް ދިޔުމަށްފަހު އޭނަ ހުރިތަނެއް ހޯދަން ބައްޕަވެސް މަސައްކަތްކޮށްގެން ނުވާނެއެވެ.

ޔާކިން ދުރަށް ދާން ހިނގައިގަތީ ބޯ ވާރޭ ތެރޭގައި ފަހަތަށް ބެލުމެއްނެތިއެވެ. އަމީން އެ މަންޒަރުބަލަން ހުރެފައި ޔާކިން ދޮރާށްޓާއި ނިވާވުމުން އަމީން ހިތާއި ދިމާލުން މޭގައި ފިރުމާލިއެވެ. ރުޅީގައި ހުރެގެން އެފަދަ ބަހެއް ބުނެވުނުކަމުގައި ވިޔަސް އޭނަ ގެ ދަރިފުޅު ޔާކިންދެކެ ލޯބިވެއެވެ. ބަސްނާހާއިރުވެސް އެދަރިފުޅަކީވެސް އަމީންގެ ހިތުގެ އެއްބަޔެވެ. ޔާކިންއާއި ދިމާލަށް ރުޅިއައިސްގެން އެހެން ބުނިކަމުގައި ވިޔަސް ޔާކިން ގެއިން ބޭރަށް ލުމަކީ އަމީންއަށް ކުރެވޭނެ ކަމެއް ނޫނެވެ. ޔާކިންއާއި ދިމާލަށް ރުޅިގަދަވެގެން އެފަދަ އެއްޗެކޭ ބުނެލިޔަސް ޔާކިން ދުވަހަކު އެކަން ސީރިޔަސްކޮށް ނަގާފައެއް ނުވެއެވެ. ޔާކިންގެ ހުންނަ ލާނެތްކަމާއިއެކު އެންމެ ރަގަޅު ސިފައަކީ ހިތްހެޔޮކަމެވެ. އިރުކޮޅެއް ވާއިރަށް އޭނަ އަންނަ ސިނގުރުޅި ހަނދާން ނައްތާލާފައި އާއިލާ މީހުންނާއި ވާހަކަ ދައްކާނެއެވެ. އަމީންއަށް މިއަދު އެ މަންޒަރު ފެންނަން ދިމާވީވެސް ކާކޮޓަރީގެ ދޮރު ވަޔާއި ތެޅޭއަޑު އިވިފައި އަމީން ދޮރުލައްޕާލަން އެފަރާތަށް ވަނުމުންނެވެ.

އާވާ ރަފްހާން ކޮޓަރީގެ ފާޚާނާއަށް ވަންގޮތަށް ޝަވަރަށް ދޫކޮށްލައިގެން ހުރީ ގަނޑުވެފައިވާ ބުދެއްހެންނެވެ. ޔާކިން ދިމާކުރިޔަސް އެފަދަ ގޮތަކަށް އޭނައާއި ބެހެން ކެރިދާނެކަމަށް އާވާ ހީކޮށްފައެއް ނެތެވެ. ހުރިހާ ފިރިހެނުންވެސް ހަމަ އެއްގޮތެވެ. އާވާ އެތައްފަހަރު ޝަވަރޖެލް ލައިގެން ފެންވެރިއެވެ. އެވަރުންވެސް އޭނަގެ ނޭފަތުގައި ހަރުލާފައިވަނީ ސިގްރެޓްގެ ވަހެވެ. އެންމެފަހުން ތުވާލި ގައިގާ އޮޅާލީ ރަފްހާންގެ ދޮރުތަޅުގައި ހިފާލިހެން ހީވެފައެވެ. ފާޚާނާގައި އެއްޗެހި އަޅުވަން ބަހައްޓާފައި ހުރިތަނުގައި އޮތް ހެދުން ނަގައިގެން ގަޔަށް މަހާލުމަށްފަހު އޭނަ ނުކުމެގެން އައިއިރު ރަފްހާން ހުރީ ކުޑަކޮށް ތެމިގެން އައިސްފައެވެ.

"އާވާ، މިހާ ފިނީގައި ފެންވަރަނިކޮށް ރޯގާ ޖެހިދާނެއްނު......." އާވާގެ އިސްތަށިގަނޑު ތެތްކޮށް އޮތުމުން ރަފްހާން ބުނެލިއެވެ. އެއާއިއެކު އާވާގެ ނިތްކުރި ދުޅަވެ ރަތްވެފައިވާތަން ފެނުމުން ކަންބޮޑުވެފައި ރަފްހާން ސުވާލުކުރަންފެށިއެވެ. ފާޚާނާ ދޮރުމައްޗަށް އަރާފައި ދާހެދުން އަޅާ ވަށިގަނޑުގައި އޮތް ކިލާ ހެދުންވެސް ރަފްހާންގެ ލޮލުގައި އަޅައިގަތެވެ.
"އަނބުގަސް ކާރިއަށް ވެއްޓިފައި ބޯޖެހުނީ، އެހާ ތަދެއް ނުވޭ...." އާވާ ޔާކިންގެ ވާހަކަ ބުނަން އުޅެފައިވެސް ރަފްހާންގެ ރަގަޅު މޫޑު ޚަރާބުކޮށްލާކަށް ނުކެރުނެވެ. އާވާ ގެ ލޮލަށް ކަރުނަ އަންނަގޮތްވީ ހިތަށް އަސަރުކުރިވަރުންނެވެ. އާވާ ބޭނުމީ އަބަދާއަބަދަށް ރަފްހާންގެ ރީތި ހިނިތުންވުންތައް ފެނުމެވެ. ދާއިމަށް އުފާވެރިކަންމަތީގައި ހުރުމެވެ. ޔާކިން ފަދައިން ރުޅިގަދަ ނުލަފާ މީހަކަށް ހެދުމުގެ މާނައެއް ނެތެވެ. ރަފްހާން ވަގުތުން އައިސްޕެކް ގެނެސް އާވާގެ ނިތްކުރީގައި އަޅާދޭންފެށިއެވެ. އެއަތުގެ ބީހިލުމުން ލިބުނު އަރާމަކުން އާވާގެ ދެލޯ މަރާލަން މަޖުބޫރުވިއެވެ. މިހާ އޯގާތެރި ފިރިޔަކު ލިބުމުންވެސް އޭނައަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ނުލިބިގެން އުޅެނީ ކީއްވެހެއްޔެވެ؟ ރަފްހާންގެ މޭގައި ބޯއަޅާލުމަށްފަހު ހުރިހާ ވާހަކަތަކެއް ކިޔާދޭން އެވަގުތު އާވާ ބޭނުންވިއެވެ. ނަމަވެސް އެހިތްވަރެއް ނުކުރެވުނެވެ.

އާވާ މިއަދު އެހެން ދުވަހާއި ތަފާތެވެ. ކުރީގެ އާވާއަށް ބަދަލުވެދާނެތީ ރަފްހާން ކަންތައްބޮޑުވިއެވެ. ނަފްސާނީ ޑޮކްޓަރުގެ ބުރަ މަސައްކަތުން އާވާ ހަމަޔަކަށް އެޅެމުންދަނިކޮށް އިތުރު ހާދިސާއެއް ހިނގައިފިއްޔާ އަނެއްކާ ފެށި ހިސާބުން އަލުން ބަލުން ފަށަން ޖެހިދާނެއެވެ. އެހެންވާކަށް ރަފްހާން ބޭނުމެއްނޫނެވެ.
ރަފްހާން ފެންވަރަން ވަނުމުން އާވާ ކާކޮޓަރިއަށް ދިޔައީ ކޮފީ ހަދާށެވެ. އޭރު އާނީ ކުޑަދޮރުން ބޭރަށް ބަލަން ހުރެފައި އެނބުރުނީ ހަށަން ބަނދެލާފައި ބުމަ ގޮށްޖަހާލަމުންނެވެ. އެތެރެއިން ލާފައިވާ ކަޅު ސޫޓާއެކު ބޭރުން ލޭސްފޮތީގެ ހެދުމަކާއި ސްކިނީއެއްގައި އާނީ ފެންނަލެއް ރީތިކަމުން އާވާގެ ހިތް އެރީތިކަމަށް ތައުރީފުކުރިއެވެ. ރަފްހާންއާއި އާނީ ހީވަނީ އެކަކު އަނެކަކަށްޓަކާ ހައްދަވާފައިވާހެންނެވެ. އާވާގެ ހިތަށް ތަދުވީ އެހެން ހިތަށް އަރާފައެވެ.

"އާވާ އަހަރެން މިއައީ ވަރަށް މުހިއްމު ވާހަކައެއް ބުނެލަން...." އާނީ ފުންނޭވަޔެއް ދޫކޮށްލައިފިއެވެ. އަދިވެސް އޭނަގެ ލޮލަށް ފެންނަނީ ދެންމެ ރަފްހާންގެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު ރަފްހާން އާވާގެ މޫނުގައި ގަނޑުފެން އަޅާދޭން އިން މަންޒަރެވެ. ދަތުރުދިޔަފަހުން އޭނަގެ ލޮލަށް އެންމެ ރެއަކުވެސް ނިންޖެއް ނާދެއެވެ. އެކި ހަނދާންތައް އޭނަގެ ހިތް ކަފާކުދި ކުދިކުރަނީއެވެ. ރަފްހާން އެހެން މީހެއްގެ ހައްގަކަށްވާތަން ދެކެން އޭނަގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. ކޮންމެ އަގެއް ދައްކައިގެންވެސް އޭނަ މިހިރީ ރަފްހާން ހާސިލްކުރާށެވެ. އާނީ އިންޑިއާގައި ހުރެފައި މާލެ އައުމާއިއެކު އެންމެ ކުރިން ކްރިމްސަންވިލާއަށް މިއައީ ރަފްހާން ދެކެލާހިތުންނެވެ. އޭނަ އަޑުއަހާފައިވާގޮތުން އާވާއާއި ރަފްހާންގެ ގުޅުން ރަގަޅެއްނޫނެވެ. ނަމަވެސް ލޯމަތިން އެހެން މަންޒަރުތައް ފެންނަނީ ކީއްވެހެއްޔެވެ؟

"އާނީ މަންމަވެސް މާލެއައީތަ؟ ކީކޭ ޑޮކްޓަރ ބުނީ..... " އާވާ ގެ ހިތަށް ކުޑަ ބިރުވެރިކަމެއް ވަނެވެ. އާނީ ބުނަން އެއުޅޭ ވާހަކައެއް އަޑުއަހަން އާވާގެ ހިތް ދެކޮޅުހެދިއެވެ. އެބުނަން އުޅެނީ ރަގަޅު ވާހަކައެއް ނޫންކަން އާވާގެ ހިތް އިންޒާރުކުރިއެވެ. އެހެންވެ ބޭނުންވީ މައުޟޫ ބަދަލުކުރުވާށެވެ.
(ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު