10،000އަށް ވުރެ ގިނަ ރުފިޔާއާ އެކު ނޫސްވެރިއެއްގެ އަތްދަބަސް ފޭރިގެންފި

ގައުމީ ޓީވީ، ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް)ގެ ނޫސްވެރިއެއްކަމަށްވާ ފަޒުނާ ހަމީދުގެ އަތްދަބަސް، 10،000އަށް ވުރެ ގިނަ ރުފިޔާއާ އެކު ފޭރިގެންފި އެވެ.

ފަޒުނާ މިރޭ 'ސަން'އަށް ބުނީ، އޭނާގެ އަތްދަބަސް ފޭރިގެންފައި ވަނީ މިރޭ 11:30 ކަންހާއިރު ކުޑަކުދިންގެ ބަގީޗާ ކައިރިން ހިނގާފައި ދަނިކޮށް ސައިކަލެއްގައި ދިޔަ ދެމީހުން ވެގެން ކަމަށެވެ. އެ ދަބަހުގައި 10،000 އަށް ވުރެ ގިނަ ރުފިޔާއާއި ބެންކް ކާޑުތަކުގެ އިތުރުން އެހެނިހެން މުހިންމު ތަކެތިވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

"މުސާރަ ނަގައިގެން ފިހާރައަކަށް ގޮސް ވިޔަފާރިކޮށްގެން ރައްޓެއްސަކާއެކު ހިނގާފައި ދަނިކޮށް، ކުޑަކުދިންގެ ބަގީޗާކައިރީ ޑރ. އަފްރާޝީމް އުޅުއްވި ގޭ ކައިރިން އަތް ދަބަސް ޖަހައިގަތީ،" ފަޒުނާ ކިޔައިދިނެވެ.

އޭނާ ބުނީ އަތްދަބަސް ޖަހައިގަނެގެން ދިޔަ ދެމީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިނީ ބޯ "ބުޅި" ކޮށްހުރި ފިރިހެނެއް ކަމަށާއި ނަމަވެސް އެ ސައިކަލްގެ ނަމްބަރު ބުނަންނޭންގޭ ކަމަށެވެ. އެ ސައިކަލްގައި ތިބި މީހުން އައީ އަމީނީ މަގުން ދަރުބާރުގެއާ ވީ ކޮޅުން ސްޓެލްކޯއާ ދިމާއަށް ކަމަށާއި އަދި އަތް ދަބަސް ޖަހައިގަތުމަށް ފަހު އެމީހުން ކަށިމާހިނގުމުން ލާފައި ސައިކަލްގައި ފިލީކަމަށް އޭނާ ބުންޏެވެ.

ފަޒުނާ ވަނީ މިހާރު އެމައްސަލަ ފުލުހުންނަށް ވެސް ހުށައަޅާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޑަކުދިންގެ ބަގީޗާ ކައިރިން ހިނގާފައި ދިޔަ އަންހެން ކުއްޖެއްގެ އަތުން އަތްދަބަހެއް ފޭރިގަތް މައްސަލަ ފުލުހުންނަށް މިރޭ ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފަޒުނާގެ އަތްދަބަސް ފޭރިގަތް މައްސަލައިގައި މިހާތަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު