ކައުންސިލްތަކަށް ދޭ މުސާރައިގެ ސަބަބުން ދައުލަތުގެ ހަރަދު ބޮޑުވާކަމަށް ގަބޫލެއް ނުކުރަން: ނަޝީދު

ރަށު ކައުންސިލަތަކާއި އަތޮޅު ކައުންސިތަކަށް ދެވޭ މުސާރައިގެ ސަބަބުން ދައުލަތުގެ ހަރަދު ބޮޑުވާ ކަމަަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝިދު މިރޭ ވިދާޅުވެއްޖެ އެވެ.

އޭޝިޔާ ޕެސިފިކް ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން "ސަން" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުން ރާއްޖޭގެ ރަށްތަކަށް ކުރާ ހަރަދު ވަރަށް ކުޑަ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރަށްރަށަށް އާމްދަނީ ލިބެމުންދަނީ ކައުންސިލްތަކުން ހަރަދުކުރާތީ ކަމަށެވެ. ކައުންސިލްތަކަށް ހަރަދު ނުކުރެވޭ ކަމަށްވާނަމަ ރަށްރަށުގެ ވިކުރާއަށް ބަދަލުތައް އަންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ހަގީގަތުގައި ރާއްޖޭގެ ރަށްރަށަށް ސަރުކާރުން ސީދާ ގޮތުގައި ކުރެވޭ ހަރަދު ވަރަށް ކުޑަ. މަދަރުސާއަށް ކުރެވޭ ހަރަދު، ސިއްހީ މަރުކަޒަށް ކުރެވޭ ހަރަދު އިންޖީނުގެ އަށް ކުރެވޭ ހަރަދު، މިއީ ވަރަށް ކުޑަ މިންވަރެއް. އާމްދަނީއެއް ލިބެނީވެސް ކައުންސިލުން ކުރާ ހަރަދަކުން. ކުރެވޭ ހަރަދު މަދުކަމަށްވަންޏާ ރަށުގެ ވިކުރާތައް ދަށްވާނެ،" ރައީސް ނަޝިދު ވިދާޅުވި އެވެ.

ރޭ ބަޖެޓު ރިކަމަންޑޭޝަންގެ ގޮތުގައި ހުށަހެޅި ކައުންސިލްގެ ރައީސް ފިޔަވައި އެހެން މެމްބަރުން ޕާޓް ޓައިމް ކުރުމަކީ ހަރަދު ކުޑަވާނެ ގޮތެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެގޮތަށް ކަންތައް ކުރުމުން ހަރަދު ކުޑަ ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހަރަދު ކުޑަކުރަން ބޭނުންވާކަމަށް ވާނަމަ އެހެން ދިމަދިމާލުން ހަރަދު ކުޑަކުރުން މާ ބުއްދިވެރިވާނެވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ ރައީސް ފިޔަވައި އެހެން ހުރިހާ މެމްބަރުން ޕާޓް ޓައިމް ކުުރުމަށް ބަޖެޓު ރިކަމަންޑޭޝަނެއްގެ ގޮތުގައި ހުށަހެޅީ ރޭ ބޭއްވި ބަޖެޓު ކޮމިޓީގައި އެވެ.

ރޭ ބޭއްވި ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި މިރިކަމަންޑޭޝަން ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު އެވެ.

ރިޔާޒް ރަޝީދުގެ ހުށަހެޅުމުގައި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ މަގުސަދުގައި ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ކައުންސިލަތުގެ އަދަދު މަދުކުރުން ހިމެނެ އެވެ. ހަމަ އެއާއެކު ކައުންސިލްގެ ރައީސް ފިޔަވައި އެހެން މެމްބަރުންނަކީ ޕާޓް ޓައިމް މެމްބަރުން ކަމުގައި ކަނޑައެޅުމަށް ވެސް މި ހުށަހެޅުމުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު