ދަރިފުޅު އުފަންވާ ވަގުތު މައިމީހާ އަޅާވޭން ތަޖުރިބާކުރުމުގެ ފުރުސަތު ފިރިހެނުންނަށް ދެނީ

ދަރިފުޅު ދުނިޔެއަށް އުފަންވާ ވަގުތު މައިމީހާ އަޅާ ވޭން ތަޖުރިބާކުރުމުގެ ފުރުސަތު ފިރިހެނުންނަށް ދޭން ޗައިނާގެ ހޮސްޕިޓަލަކުން ނިންމައިފި އެވެ.

ޗައިނާގެ "ހަންގްޒޯ އައިމާ މެޓާރނިޓީ ހޮސްޕިޓަލް"އިން ހުޅުވާލައިފައިވާ މިފުރުސަތުގެ މައިގަނޑު މަގުސަދަކީ ދަރިފުޅު އުފަންވާ ވަގުތު މައިމީހާ އަޅާ ވޭން ދަރިޔަކު ހޯދަން ގަސްދުކުރާ ފިރިހެނުންނަށް، އިހުސާސްކޮށްދިނުމެވެ.

މިކަން ތަޖުރިބާ ކުރަން ބޭނުންވާ މީހުންނަށް އެ ހޮސްޕިޓަލުން، ބަނޑުމަތީގައި އެއްޗެއް ބޭއްވުމަށް ފަހު އެއަށް ކަރަންޓް ފޮނުވާލައެވެ. އަދި މިކަމުގައި ހޭދަވެގެންދާ ފަސް މިނިޓް ތެރޭގައި ކަރަންޓު ފޮނުވައިދޭ މިންވަރު އިތުރުކުރާ ކަމުގައި މި ޚިދުމަތް ތަޖުރިބާކޮށްފައިވާ މީހަކު ބުނެފައި ވެއެވެ.

މި ޚިދުމަތް ތަޖުރިބާކޮށްފައިވާ ފިރިހެނަކު މި އިހުސާސް އެއްފަދަކޮށްފައި ވަނީ އޭނާގެ ހިތާއި ފުއްޕާމޭ ވީދިގެން ދިޔުން ފަދަ ވޭން ހުރި ކަމެއްގެ ގޮތުގައެވެ.

މިކަން އިންތިޒާމުކުރާ ފަރާތުން އުއްމީދުކުރަނީ މިކަމުގެ ސަބަބުން ފިރިހެނުން އެމީހުންގެ ބައިވެރިޔާ އަށް އިތުރަށް އަޅާލައި އޯގާތެރިވާނެ ކަމުގައެވެ. އަދި ޚިދުމަތަކީ ފިރިހެނުންނަށް އެއްވެސް ގެއްލުމެއް ލިބޭނެ ކަމެއް ނޫން ކަމުގައި އެ ހޮސްޕިޓަލާ ހަވާލާދީ ޚަބަރު ފަތުރާފައިވެއެވެ. މައިމީހާއަށް ލިބިގެން ދަނީ މިއަށްވުރެ ވެސް ބޮޑު ވޭނެއް ކަމުގައި މި ޚިދުމަތް އިންތިޒާމުކުރާ ފަރާތުން ބުނެފައި ވެއެވެ.

ބައެއް ފިރިހެނުންނަށް މިކަން އެއްކޮށް ތަޖުރިބާ ކުރުމަށް ވެސް ކުޅަދާނައެއް ނުވެއެވެ.

"އަހަރެން ހީކުރަމުން އައީ ދަރިން ވިހެއުމަކީ ޤުދުރަތީ، އާދައިގެ ކަމެއް ކަމުގައި. އެހެން ނަމަވެސް މިކަން ތަޖުރިބާ ކުރުމަށް ފަހު އެނގިއްޖެ މިއީ ވޭންގަދަ ކަމެއް ކަން." ބައްޕައަކު ބީބީސީގައި ބުނެފައިވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު