މެރިން ޕޮލިހުގެ ކުރީގެ ވެރިޔާ އަދުން ވަޒީފާ އިން ވަކިކުރި ކުރުން ބާތިލް ކޮށްފި

މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިހުގެ ކުރީގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސަށް ވަޒީފާއިން ވަކިކުރި ކުރުން ސިވިލް ކޯޓުން ބާތިލްކޮށްފިއެވެ.

އަދުނާނު ވަޒީފައިން ވަކިކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އޭރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލް ނެރުއްވި "ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް" ނަމަކަށް ކިޔާ ރިޕޯޓަކަށް މައުލޫމާތު ދިންކަމަށް ބުނެއެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ގެ މަގާމު އަދާކުރައްވަމުން ދަނިކޮށް 2012 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހު އަދުނާނު ވަޒީފާއިން ވަކިކޮށްފައި ވަނީ އަދުލުއިންސާފުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އަދުނާނު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާ ބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގެ (ކ)އާއި އެ ގަވާއިދުގެ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ. އެހެންކަމުން އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ނިންމުން އެ ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

"....އިބްރާހީމް އަދުނާން އަނީސް މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބު ދިނުމާ ބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގެ (ކ) އާއި، އެގަވާއިދުގެ ހަމަތަކާއި އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި، އަދި އެ ސަބަބަށްޓަކައި އިބްރާހީމް އަދުނާން އަނީސް މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށް ހުކުމް ކޮށްފީމެވެ،" ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު