ސަފާގެ އިތުރު ބައިވެރިޔަކު ހައިކޯޓުން ސަލާމަތް ވެއްޖެ

ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒު އަބްދުއްރައްޒާގުގެ އިތުރު ބައިވެރިޔަކު އަނެއްކާވެސް ހައިކޯޓުން ސަލާމަތް ވެއްޖެ އެވެ.

ހދ. ކުޅުދުއްފުށީ ގުލާބީގޭ އަބްދުއްސައްތާރު އަލީ 18 އަހަރަށް ޖަލަށްލުމާއެކު 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފައި ވަނީ އިއްޔެ އެވެ.

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މ. ކުދެހިގޭ ހުސައިން އަތީފް އާއި ތ. ތިމަރަފުށީ ކަރަންކާވިލާ އިސްމާއީލް ޝަހީމާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅެފައިވާކަން ޝަރީއަތަށް ހުށަހެޅިފައިވާ ފޯންކޯލް ރެކޯޑިންގް އިން ސާބިތުވުމާ ގުޅިގެންނެވެ.

ހައިކޯޓުގެ ހުކުމްގައި ވަނީ އަބްދުއްސައްތާރު އަލީގެ ފޯންކޯލް ފުލުހުން ރެކޯޑުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށެވެ. ގާނޫނު އަސާސީގެ 24 ވަނަ މާއްދާގައި ވާގޮތުން އެއްވެސް ބައެއްގެ މެދުގައި ހިނގާފައިވާ ޒާތީ މުއާމަލާތެއް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނީ ޝަރުއީ ކޯޓެއްގެ އަމުރެއްގެ ދަށުން ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެ ހުކުމްގައި ވަނީ އަބްދުއްސައްތާރު އަލީ އާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހަމައެކަނި ހެއްކަކީ ފޯންކޯލް ރެކޯޑިންގް ކަމުގައިވާއިރު އެއީ ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުހަމަވާ ގާނޫނީ ހަކިތަކެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު