ދެއްވަދޫ 'ރަސްގެފާނު ކަޕް 2014' މާދަމާ ފަށަނީ



ދެއްވަދޫ ކައުންސިލުން އިންތިޒާމްކޮށް ދެއްވަދޫ ރަސްގެފާނުގެ ހަނދާނުގައި ބާއްވާ 14 ވަނަ ފުޓްބޯޅަ އަދި ބަށި މުބާރާތް 'ރަސްގެފާނު ކަޕް 2014' ގެ ނަމުގައި މާދަމާ ފަށަން ނިންމައިފިއެވެ.

އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތްތަކުގެ ގުރުއަތުލުން ވަނީ ރޭ ދެއްވަދޫ މަދަރުސަތުލް ސުލްޠާން މުހައްމަދުގައި ބާއްވާފައެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ގއ. ގެމަނަފުށީ ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރު މުހައްމަދު ސަވާދު އެވެ.

ދެއްވަދޫ ރަސްގެފާނު ކަޕް ފުޓްބޯޅަ މުބާރާތުގައި މިފަހަރު ފަސް ޓީމެއް ބައިވެރިވެފައި ވާއިރު، މިދިޔަ އަހަރުގެ ޗެންޕިއަން ވައްކޯސްޕޯޓްސްގެ އިތުރުން ހަވިއްތަ ސްޕޯޓްސް ކްލަބާއި ޑީޖޭޖީ އާއި އެޗްއެސް ޔުނައިޓަޑް އަދި އޮކާއޯ ސްޕޯޓްސް ކްލަބު ވަނީ އެ މުބާރާތުގައި ބައިވެރިވެފައެވެ.

ބަށި މުބާރާތުގައި މުޅިއަކު ތިން ޓީމެއް ބައިވެރިވެފައި ވާއިރު، ހަވިއްތަ ސްޕޯޓްސް ކްލަބްގެ އިތުރުން ޑީޖޭޖީ އާއި އޮކާއޯ ސްޕޯޓްސް ކްލަބް ވަނީ ބައިވެރިވެފައެވެ.

މި ދެ މުބާރާތް މާދަމާ ފަށަން ހަމަޖެހިފައި ވާއިރު، ބަށި މުބާރާތުގެ އެންމެ ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ޑީޖޭޖީ އާއި ހަވިއްތަ ސްޕޯޓްސް ކްލަބެވެ. އަދި ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ ވައްކޯސްޕޯޓްސް އާއި ހަވިއްތަ ސްޕޯޓްސް ކަލްބެވެ.

މި މުބާރާތުގެ ރެފްރީކަން ކުރުމަށް އެފްއޭއެމުން ރެފްރީން ހަމަޖައްސާފައި ވާއިރު، މުބާރާތްތަކުގެ ސެކިއުރުޓީއާއި ހިންގުމުގެ ކަންކަން ބަލަހައްޓަން ރަށުގެ މެންބަރުންގެ މެދުގައި ވަނީ ކޮމިޓީތަކެއް އުފައްދާފައެވެ. މިދިޔަ 14 އަހަރުވެސް ބާއްވާފައިވާ މި މުބާރާތުގެ ތަށި މިހާތަނަށް އެއްވެސް ޓީމަކުން މިލްކު ކޮށްފައެއް ނުވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު