ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހިނގާލުމެއް ބާއްވައިފި



"ޕްރިވެންޝަން އޮފް ޗައިލްޑް އެބިއުސް" ހަފްތާ ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އިން ހިނގާލުމެއް މިއަދު ހަވީރު ބާއްވައިފިއެވެ.

"ކުޑަކުދިންގެ ރައްކާތެރިކަން- ފަރުދީ ޒިންމާއެއް" މި ޝިއާރުގެ ނަމުގައި ހެދިގޮނޑުދޮށުގައި ފެށި އެ ހިނގާލުން ނިންމާފައިވަނީ ޖުމްހޫރީ މައިދާނާ ހަމައިންނެވެ. ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރުމަށާއި މުޖުތަމައު އިން އެކުދިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ހޯދައިދިނުމުގެ މަގުސަދުގައި ހިންގި އެ ހަރަކާތް ފެށުމުގެ ގޮތުން އެފަދަ އަނިޔާތަށް ދިމާވާން މެދުވެރިވާން ދިމާވާ ސަބަބެއްގެ މައްޗަށް ޑްރާމާއެއް ކުޅެފައިވެއެވެ.

ހިނގާލުން ފެށުމުގެ ހަފްލާގައި ޝަރަފުވެރި މެހްމާނު ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ކުއްޖާ ބޮޑުވެގެން އަންނަން ޖެހެނީ ރައްކާތެރި މާހައުލެއްގައި ކަމަށާއި އެކަންތައް ޔަގީން ކުރުމަކީ ހުރިހާ އެންމެންގެވެސް ޒިންމާއެއް ކަމަށެވެ.

"ކުއްޖާ ބޮޑުވެގެން އަންނަން ޖެހެނީ އެކުއްޖާއަށް ރައްކާތެރި މާހައުލެއްގައި. ކުރެވޭ ހާނިއްކަތަކާއި އަނިޔާތަކުން ރައްކާތެރިވެފައިވާ މާހައުލެއްގައި. މި މާހައުލު ރައްކާތެރި މާހައުލެއްކަން ޔަގީން ކުރުމަށްޓަކައި ގާނޫނު އަސާސީންނާއި ކަމާ ބެހޭ ގާނޫނުތަކުން ދައުލަތުގެ މުއައްސަސާތަކަށް މަތިކޮށްފައި. އަދި އެ ކެމަކީ ހުރިހާ ބައެއްގެ ޒިންމާއެއް. އެއީ ފަރުދީ ޒިންމާއެއްވެސް މެ. މިކަން ކާމިޔާބުވާން އޮތީ އަޅުގަނޑުމެން އެންމެން ގުޅިގެން،" އަނިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުޑަކުދިން ކުށުގެ ވެއްޓަށް ތައާރަފުވަމުންދާ އަދަދު ގިނަވާ ކަމަށާއި އެކަމަކީ އެ ކުއްޖާއަށް ބޮޑުވަމުން އަންނައިރު ރަނގަޅު ވެއްޓެއް ލިބިފައިނުވާތީ މެދުވެރިވާ ކަމެއް ކަމަށެވެ.

މިއަދުގެ ޝިއާރާ ގުޅޭގޮތުން ލަވައެއް ހަދާފައިވާއިރު އެ ކަންތަކުގައި އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ދީފައިވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު