ޔޫތު އެކޮމޮޑޭޝަން ބްލޮކް މަރާމާތަށް ބަންދުކުރަނީ

ގަލޮޅު ދަނޑު އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅު ކުރުމަށް އަންނަ މަހު 15 އިން ފެށިގެން އެތަން ބަންދު ކުރުމަށް ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.

މިކަމާ ގުޅޭގޮތުން މިއަދު ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގަލޮޅު ދަނޑު އެކޮމޮޑޭޝަން ބްލޮކް ބަންދުކުރުމަށް އެ މިނިސްޓްރީން ނިންމާފައި ވަނީ އެ އިމާރާތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމާނީ ފެންވަރަކަށް އެތަން ތަރައްގީ ކުރުމައްޓަކައި ކަމަށެވެ.

މީގެ އިތުރުން އެތާނގެ ފަރުނީޗަރާއި އެނޫންވެސް ވަސީލަތްތަކަށް ބަދަލު ގެނެސް، އެގްޒެކެޓިވް ލެވެލްގެ ބޭފުޅުންނަށް ބޭނުން ކުރެވޭ ފަދަ ކޮޓަރިތަކެއް އެތާނގައި ގާއިމް ކުރުމަށް ހަމަޖެހިފައި ވާކަމަށް އެ ބަޔާނުގައި ވެއެވެ. އަދި މަރާމާތަށްފަހު އެތަން ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ގަލޮޅު އެކޮމޮޑޭޝަން ބްލޮކް މަރާމަތުކޮށް ޒަމާނީ، ފެންވަރަކަށް އެތަން ތަރައްގީ ކުރަން ޔޫތު މިނިސްޓްރީން ނިންމާފައި މި ވަނީ ރާއްޖޭގެ އޮންލައިން ނޫސްތަކުގެ އިތުރުން ރާއްޖެގެ ސޯޝަލް މީޑިއާގައި އެތާނގެ ހާލަތާމެދު ހަބަރުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ޔޫތު އެކޮމަޑޭޝަން ބްލޮކާ ގުޅޭގޮތުން މީޑީއާގައި ދައުރުވަމުންދާ ހަބަރުތަކާގުޅޭ ބައެއް ފޮޓޯ ތަކުގައި ގައުމީ މުބާރާތްތަކުގައި ބައިވެރިވުމަށް އަތޮޅުތެރޭން މާލެ އައިސްތިބި ބައެއް ޓީމްތަކުގެ ގިނަ ކުޅުންތެރިންތަކެއް އެއް ކޮޓަރިއެއްގައި ތިބޭ މަންޒަރު ފެނެއެވެ. އަދި އޭގެ ތެރޭން ބައެއް ކުޅުންތެރިން ދީފައިވާ އިންޓަވިއުތަކުގައި އެތާނގެ ހާލަތު ވަރަށް ދަށްކަމަށާއި، އެތާނގައި ތިބެން ކިތަންމެ ދަތިވިޔަސް އެތާ ތިބެނީ މާލޭގައި އެއަށްވުރެ ރަނގަޅު ވަސީލަތްތަކެއް ޓީމްތަކަށް ނެތުމުން ކަމަށް އެ ކުޅުންތެރިން ބުނެފައި ވެއެވެ.

އެކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ޔޫތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ޓީމްތައް އެތާ ތިބެނީ އެތާނގެ ހާލަތު ރަނގަޅަށް އެނގިތިބެ، އެކަމަށް ރުހިގެން ކަމަށާއި، އެތާނގެ ހާލަތު ރަނގަޅު ކުރުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށެވެ.

ޔޫތު އެކޮމަޑޭޝަން ބްލޮކް މަރާމާތުކުރުން ލަސްވުމަށް ދިމާވި އެންމެ ބޮޑު ސަބަބަކީ މުޅި އަހަރު އެކީހެން އެތަން ފުރިފައި އޮތުން ކަމަށާއި، މި އަހަރު އެކަނިވެސް 1600 އަށްވުރެ ގިނަ ޒުވާނުން އެތަން ބޭނުންކޮށްފައި ވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު