މާފުށި ޖަލުގައި މެޓަލް ޑިޓެކްޓާ ގޭޓެއް ބޭނުން ކުރަން ފަށައިފި

ކ. މާފުށީ ޖަލުގައި ކުށްވެރިން ބައިތިއްބާ ސަރަހައްދުގައި މެޓަލް ޑިޓެކްޓާ ގޭޓެއް ބޭނުން ކުރަން ފަށައިފި އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ތަޒްމީލް އަބްދުއްސަމަދު މިއަދު 'ސަން' އަށް ވިދާޅުވީ، ދާދިފަހުން ޖަލުން ފިލި ދެ ކުށްވެރިން އަލުން ޖަލަށް ގެނައިތާ ހަފްތާއެއްގެ ތެރޭގައި މެޓަލް ޑިޓެކްޓާ ގޭޓު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކުށްވެރިން ތިބޭ ސަރަހައްދުތަކަށް ވަދެވޭނީ މެޓަލް ޑިޓެކްޓާ ހުރަސްކުރުމަށް ފަހު ކަމަށެވެ. އަދި އެއްވެސް ދަގަނޑު އާލާތެއް ނުވަތަ އެފަދަ އެއްވެސް އެއްޗެއް ފޮރުވައިގެން ޖަލަށް ވައްދަން އުޅޭނަމަ އެ ގޭޓުން ޑިޓެކްޓް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދާދިފަހުން ޖަލުގައި ހިނގި ހާދިސާގައި އެ ދެ ކުށްވެރިން ފިލީ ޖަލުގެ ތޭރިތައް ކަފާލައިގެންކަން ތަހުގީގުންވެސް ވަނީ ހާމަވެފައި. އަދި އެ ތޭރިތައް ހަލާކުކޮށްލެވޭނީ ދަގަނޑު ކޮންމެވެސް އެއްޗެއް ބޭނުންކޮށްގެން. އެ ދެ ކުށްވެރިން އަލުން އަނބުރާ ޖަލަށް ގެނައިތާ ހަފްތާއެއްގެ ތެރޭގައި އަޅުގަނޑުމެންވާނީ މެޓަލް ޑިޓެކްޓާ ގޭޓު ބޭނުން ކުރަން ފަށައިފައި،" ތަޒްމީލް ވިދާޅުވި އެވެ.

ޖަލުގައި ހިނގާ ދިޔަ ހާދިސާއާއި ގުޅިގެން ޖަލުގެ ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ވެސް މިހާރު ދަނީ ކުރަމުން ކަމަށެވެ. އެގޮތުން ޖަލުގެ ވެންޓިލޭޝަންތައް ބަލައި، ބަދަލުކުރަންޖެހޭ ވެންޓިލޭޝަންތައް ބަދަލުކޮށްފައިވާ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

"ކުރުކޮށް ދަންނަވާނަމަ މިހާރުން މިހާރަށް މާފުށީ ޖަލުގައި ކުރަންޖެހޭ ރިނޮވޭޝަނެއް ހުންނާނީ ކޮށްފައި. އަދި ޖަލުގެ ހާލަތު މިހާރު ކުރިއާ އަޅައިބަލާއިރު ވަރަށް ރަނގަޅުވާނެ،" ތަޒްމީލް ވިދާޅުވި އެވެ.

ތަޒްމީލް ވިދާޅުވީ، މާފުށީ ޖަލު ވަށައިގެން 20 ފޫޓުގެ ކޮންކްރީޓް ފާރެއް ރޭނުމާއި ޖަލުގެ ސެކިއުރިޓީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އަދި އިއުލާން ކޮށްފައިވާ ތާރީހަށް އެމަސައްކަތްވެސް ކޮށް ނިންމާލެވޭނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު