ޔޫކްރެއިންގައި ގެއްލުނު ދިވެއްސަކު ހޮސްޕިޓަލެއްގައި އޮއްވައި ފެނިއްޖެ

ޔޫކްރެއިނަށް ކިޔަވަން ގޮސް ހުރި ދިވެހި ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް ޒަހަމްތަކާއެކު ހޮސްޕިޓަލެއްގައި އޮއްވައި ފެނިއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެމުން 21 އަހަރުގެ އެ ޒުވާނާގެ އާއިލާ މީހަކު ކިޔައިދިން ގޮތުގައި ހޮސްޕިޓަލުގައި އޮއްވައި އެޒުވާނާ މިއަދު ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.

އޭނާގެ ނަމާއި ވަނަރަވު އާއިލާއިން ވަނީ ހާމަނުކުރުމަށް އެދިފައެވެ. އެ ޒުވާނާގެ މަންމައަށް 'ސަން'އިން ގުޅާލުމުން ހާލަތުގެ ގޮތުން ވާހަކަނުދެއްކޭނެ ކަމަށް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ސަންއަށް އެނގިފައިވާ ގޮތުގައި، މިހާރު އެ ޒުވާނާގެ ހާލު ރަނގަޅެވެ.

ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ ގެއްލުވާލާފައިވަނީ ރައްޓެހިންތަކަކާއެކު ކޮފީއަކަށް ގެންދިއުމަށްފަހު އޭނާއަށް ގޮތްނޭންގޭ އެއްޗެއްދިނުމަށް ފަހު އެވެ. އަދި އޭނާ ހޭއެރި އިރު، އޭނާގެ އަތުގައި އެވަގުތުހުރި ސާމާނުތައް ވަނީ ވަގަށް ގެންގޮސްފައެވެ.

އެކަމުގައި ފޮރިންމިނިސްޓްރީގެ ބަހެއް ހޯދާލުމުން ފޯނަށް ޖަވާބު ނުދޭތީ އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތްނުވެފައެވެ.

ކުރިން ނޫސްވެރިކަމުގެ ދާއިރާގައި އުޅެފައިވާ އެ ޒުވާނާ ޔޫކުރެއިނަށް ގޮސްފައިވަނީ މިއަހަރުގެ ކުރީކޮޅެވެ. އޭނާ އެގައުމަށް ގޮސްފައިވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށެވެ. ޔޫކުރެއިންގައި ދާހިލީ ހަމަނުޖެހުންތަކެއްގެ ސަބަބުން ދާދި ފަހުން އެޒުވާނާ މާލެ އައިސް އުޅުމަށް ފަހު އެނބުރި އެގައުމަށް ގޮސްފައިވަނީ މީގެ ދެތިން މަސް ކުރިންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު