ގާލް ގައިޑުންގެ 16 ވަނަ ގައުމީ ޕެޓްރޯލް ލީޑާސް ޓްރެއިނިން ކޭމްޕް ފަށައިފި

މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ގައުމީ ޕެޓްރޯލް ލީޑާސް ޓްރެއިނިން ކޭމްޕް ފަށައިފި އެވެ.

ގާލް ގައިޑް އެސޯސިއޭޝަންގެ އެސިސްޓަންޓް ކޮމިޝަނަރު ފޯ ޕަބްލިކް ރިލޭޝަންސް އައިޝަތު އަހުމަދު 'ސަން؛ އަށް މިއަދު ވިދާޅުވީ، "މައި އޯސަމް ޖާނީ" ގެ ނަމުގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުރިއަށްގެންދާ އެ ޓްރެއިނިން ކޭމްޕު ކުރިއަށްދާނީ މާލެ އަދި ކުޑަބަނޑޮހުގައި ކަމަށެވެ. ކޭމްޕު ނިމޭނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.

ރާއްޖޭގައި ގައިޑް ހަރަކާތް ހިންގާ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން ބާއްވާ އެ ކޭމްޕުގައި މިއަހަރު ރާއްޖޭގެ 19 ސްކޫލަކުން 250 ގައިޑުން ބައިވެރިވެފައިވެ އެވެ.

ކޭމްޕުގެ ތިއަރީ ބައިތައް މާލޭގައި ކުރިއަށް ގެންގޮސްފައިވާއިރު، ކުޑަބަނޑޮހުގައި ކުރިއަށްދާނީ ކޭމްޕުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ހަރަކާތްތައް ކަމަށް ވެސް އައިޝަތު ވިދާޅުވި އެވެ.

"ޓްރެއިނިން ކޭމްޕުގެ ބައިވެރިންނަށް ގިނަ ހުނަރުތަކެއް ދަސްވެގެންދާނެ. އަދި ސާސްކަފުގެ ލަނޑުދަނޑި ތަކަށް ހޭލުންތެރި ކުރުވުމަށްޓަކައި ވޯލްޑް އެސޯސިއޭޝަން ފޯ ގާލް ގައިޑްސް އެންޑް ގާލް ސްކައުޓްސް އިން އެކުލަވާލެވިފައިވާ ބެޖް ކަރިކިޔުލަމް ގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ،" ގާލް ގައިޑް އެސޯސިއޭޝަންގެ އެސިސްޓަންޓް ކޮމިޝަނަރު ފޯ ޕަބްލިކް ރިލޭޝަންސް ވިދާޅުވި އެވެ.

މީގެ އިތުރުން، ދުނިޔޭގެ ގާލް ގައިޑް ޖަމިއްޔާ (ވެގްސް) އާއި "ޑަވް" ކުންފުނި ގުޅިގެން ކުރިއައް ގެންދާ "ފްރީ ބީން މީ" ޕްރޮޖެކްޓް ރާއްޖޭގައި ފެށުމުގެ ގޮތުން ބާއްވާ ޓްރެއިނިން ސެޝަންސް ތަކެއް އިއްޔެ އާއި މިއަދު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު