އެސްއެމްއެސް މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީގެ ފަންޑުތަކަށް ފައިސާ ދެއްކޭގޮތް ދިރާގުން ހަދައިފި

މުއާސަލާތީ ކުންފުނި، ދިރާގުގެ ކަސްޓަމަރުންނަށް ވެސް އެސްއެމްއެސް މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީގެ އެކި ފަންޑުތަކަށް ފައިސާ ދެއްކޭނެގޮތް ހަދައި، އެ ޚިދުމަތް މިއަދު ތައާރަފުކޮށްފި އެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީ އަކީ އަބަދު ވެސް ވަރަށް ގިނަ ދިވެހި ރައްޔިތުން އެކި ކަންކަމުގައި ވަރަށް ދީލަތީ އެހީތައް ފޯރުކޮށްދެމުން އަންނަ އޮފީހެއް ކަމަށެވެ.

އެގޮތުން ދިރާގާ ގުޅިގެން އެ މިނިސްޓްރީގެ ފަންޑުތަކަށް ފައިސާ ދެއްކޭނެގޮތް ފަހިވުމަކީ ކޮންމެ ފަހަރަކު ދުރު ރަށެއްގައި ހުރެފައި ދަތުރުކޮށްގެން މާލެއަށް ނައިސް ފަސޭހައިން ފަންޑުތަކަށް ފައިސާ ދެއްކޭނެ އިންތިޒާމެއް ކަމަށް މނިސްޓަރު ވިދާޅުވި އެވެ.

ދިރާގުގެ މާކެޓިން އެގްޒެކްޓިވް އަހުމަދު އިޝާން ވިދާޅުވީ، އެސްއެމްއެސް މެދުވެރިކޮށް ފަންޑުތަކަށް ފައިސާ ދެއްކޭ ސިސްޓަމް މެދުވެރިކޮށް މިހާރު އިސްލާމިކް މިނިސްޓްރީގެ ތިން ފަންޑަކަށް ފައިސާ ދެއްކޭނެ ކަމަށެވެ.

އެގޮތުން ދިރާގު ކަސްޓަމަރުން ފައިސާ ދެއްކުމަށް ބޭނުންކުރާނެ ކޯޑަކީ #789* އެވެ. އެ ކޯޑު މެދުވެރިކޮށް މިސްކިތު ފަންޑާއި ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްގެ އިތުރުން ދިވެހިންގެ ހާއްސަ މުސްހަފް ޗާޕްކުރަން ބޭނުންވާ ފަންޑަށް ފައިސާ ޖަމާ ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ކޯޑު މެދުވެރިކޮށް އެސްއެމްއެސް ކޮށްގެން ފައިސާ ދެއްކޭނީ ހަތަރު އަދަދަކަށެވެ. އެއީ 50 ރުފިޔާ އާއި 100 ރުފިޔާ އާއި 250 ރުފިޔާގެ އިތުރުން 500 ރުފިޔާ އެވެ.

އެސްއެމްއެސް މެދުވެރިކޮށް ފަންޑުތަކަށް ފައިސާ ދެއްކޭނެ ޚިދުމަތް އުރީދޫ އިން ވެސް ވަނީ ތައާރަފްކޮށްފައެވެ. އުރީދޫ ކަސްޓަމަރުން ބޭނުންކުރާނެ ކޯޑަކީ #535* އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު